ބޮރޫޝިއާ ޑޯޓްމަންޑުން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑުގެ ހެޓްރިކުން އެޓީމު މޮޅުވެއްޖެ އެވެ. އެންމެ 25 މިނެޓުތެރޭ ހާލަންޑް ހެޓްރިކް ހެދީ ރޭ ޖަރުމަނު ކަޕްގެ ފުރަތަމަ ބުރުގައި ތިން ވަނަ ޑިވިޝަނުގެ އެސްވީ ވެހެން ވިއެސްބާޑެންއާ ދެކޮޅަށް ކުޅެ 3-0 އިން މޮޅުވި މެޗުގަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ހާލަންޑް 26 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު 31 ވަނަ މިނެޓުގައި ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ހާލަންޑް ހެޓްރިކް ފުރިހަމަކުރީ ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ.
ޖަރުމަނުގެ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ޑޯޓްމަންޑެވެ. މި މުބާރާތުގައި ބަޔާން މިއުނިކް ކުޅެން އޮތް މެޗުގެ ކުރިން އިދިކޮޅު ޓީމުގެ ތިން ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމުން ވަނީ ކެންސަލްކޮށްފަ އެވެ.
ބޮޑެތި ކްލަބްތަކުން ފާރަލަމުން ދަނިކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޑޯޓްމަންޑަށް ބަދަލުވެ މިހާތަނަށް ކުޅުނު 60 މެޗުގައި ހާލަންޑް ވަނީ 60 ލަނޑު ޖަހައި 15 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. އުމުރުން 21 އަހަރުގެ ނޯވޭގެ ފޯވާޑް ވަނީ ޑޯޓްމަންޑުން މިދިޔަ ސީޒަނުގެ ލީގުގެ ތިން ވަނަ ހޯދިއިރު 27 ލަނޑު ޖަހައިފަ އެވެ. ހާލަންޑް ޑޯޓްމަންޑުގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އޭނާ ގެންދަން ޗެލްސީން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެކަމަކު ޑޯޓްމަންޑުން ހާލަންޑް ވިއްކާލުމުގެ އެއްވެސް ޝައުގެއް ނެތުމުން އެ ޑީލް ފުރިހަމައެއްނުވި އެވެ.
ޖަރުމަނު ބުންޑަސްލީގާގެ ކުޅުން އަންނަ ހަފްތާ ބަންދުގައި ފަށާއިރު ޑޯޓްމަންޑް ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ އެއިންޓްރަކް ފްރެންކްފާޓްއާ ދެކޮޅަށެވެ.