ފުރަތަމަ ސަފްޙާ / ޚަބަރު / ލީގު ފުރަތަމަ މެޗުގައި ޕީއެސްޖީ ފަހަތުން އަރައި މޮޅުވެއްޖެ

ލީގު ފުރަތަމަ މެޗުގައި ޕީއެސްޖީ ފަހަތުން އަރައި މޮޅުވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 8 އޮގަސްޓް 2021

ފްރެންޗް ލީގުގެ ކުޅުން އިއްޔެ ފެށިއިރު ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 އިން ޓްރޮޔެސް ބަލިކޮށްފި އެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ލިބުނީ ލީގުގެ ދެ ވަނަ އެވެ. އަހަރު ތަކަކަށް ފަހު ޕީއެސްޖީ ފަހަތަށް ޖައްސާލައި ލީގު ޗެމްޕިއަންކަން ހޯދީ ލިލް އިންނެވެ. އަދި މިފަހަރުގެ ސީޒަން ހުޅުވަން ކުޅުނު ފްރެންޗް ސުޕަ ކަޕް މެޗުގައި ވެސް ލިލް ވަނީ ޕީއެސްޖީ ބަލިކޮށްފަ އެވެ.

ޕީއެސްޖީން މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ކިލިއަން އެމްބާޕޭ ވަނީ ހިމަނައިފަ އެވެ. އެކަމަކު އެޓީމުގެ ބްރެޒިލް ތަރި ނޭމާ އާއި ރެއާލް މެޑްރިޑުން އެޓީމާ ގުޅުނު ސާޖިއޯ ރާމޯސް އަދި ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ޓީމުގައި ހިމަނާފައެއްނުވެ އެވެ. ސުޕަ ކަޕް މެޗުން ޕީއެސްޖީ ބަލިވިއިރު އެމްބާޕޭ އާއި ނޭމާ، ރާމޯސް އަދި ޑޮންނަރުއްމާ ކުޅެފައެއްނުވެ އެވެ.

އަލަށް ޕްރޮމޯޓްވި ޓްރޮޔެސް އިން ވަނީ ރޭގެ މެޗުގެ ނުވަ މިނެޓުގައި ލީޑު ނަގައި ޕީއެސްޖީ ސިއްސުވާލާފަ އެވެ. އަމިއްލަ ދަނޑުގައި އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާލިދް އެލް ހައްޔާމް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އަޝްރަފް ހަކީމީ އާއި މައުރޯ އިކާޑީގެ ގޯލުތަކުން ޕީއެސްޖީ ވަނީ ލީޑު ނަގައިފަ އެވެ.

ޕީއެސްޖީން މޮޅަކުން ލީގު ފެށިއިރު އެޓީމު މިހާރު އަންނަނީ ބާސެލޯނާ ދޫކޮށްލި ލިއޮނަލް މެސީ ހިލޭ ޓްރާންސްފާއެއްގައި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން މިހާރު ވަނީ މެސީ ގެނައުމުގެ މަޝްވަރާތަށް ފަށައި އެ ޑީލް ފުރިހަމަކުރުމާ ގާތަށް ގޮސްފަ އެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެސީގެ ޓްރާންސްފާއާ ގުޅޭ ވަރަށް ގިނަ ވާހަކަތައް އަޑުއިވޭ ކަމަށާއި ޕީއެސްޖީން ބޭނުންވަނީ ޓީމު ވަރުގަދަކޮށް ހުރިހާ ތައްޓެއް ހޯދަން ކަމަށެވެ.

“ބަރަށް ބައިވަރު ދެކެވޭ ވާހަކަތައް އެބަހުރި. އަހަރެން އުއްމީދުކުރަނީ ވާދަކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރެވޭހާ މި ޓީމު ވަރުގަދަވާނެކަމަށް” މެސީގެ ސުވާލު ކުރުމުން ޕޮޗެޓީނޯ ބުންޏެވެ.

ފްރެންޗް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިޔޯން އާއި ބްރިސްޓް ކުޅުނު މެޗާއި މޮނާކޯ އާއި ނަންތޯސް ކުޅުނު މެޗުތައް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!