ފުރަތަމަ ސަފްޙާ / ޚަބަރު / ތިންވަނަ ޑިވިޝަން އަލުން ފެށުމާއެކު ޓެންޓް އިން ކުއާޓާ ފައިނަލް ޔަގީން ކޮށްފި

ތިންވަނަ ޑިވިޝަން އަލުން ފެށުމާއެކު ޓެންޓް އިން ކުއާޓާ ފައިނަލް ޔަގީން ކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 7 އޮގަސްޓް 2021

މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން މެދުކެނޑިފައިވާ މިއަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް އަލުން ފަށައިފި އެވެ. ތިން މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު ކުރިއަށްދާ މިމުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނުނިމި އޮތްއިރު، އިއްޔެ ވަނީ ދެ މެޗު ކުޅެފަ އެވެ.

އެފްއޭއެމް ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް 1 ގެ ޓެންޓް ސްޕޯޓްސް ކުލަބާއި ތުޅާދޫ އެވެންޗާސް އެވެ. މިމެޗް 6-2 އިން ކާމިޔާބުކޮށް ޓެންޓް ސްޕޯޓްސް އިން ވަނީ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރު ކޮށްފަ އެވެ.

އިސްމާއިލް ނާޝިދުގެ ހަމައެކަނި ގޯލުން ޓެންޓް ސްޕޯޓްސް ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފުގައި އެޓީމުން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. މިހާފުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ކުރިން ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ޒުވާން ފޯވަޑް މުހައްމަދު އަކްމަލް (އަކޫބެ) އާއި އަހުމަދު ޝަރީފްގެ އިތުރުން، އަބްދުﷲ ސުޒައިރު އަދި މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގައި ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރ އަބްދުﷲ ޒުބައިރު (ޒުއްބަ) އެވެ.

3rd Division resumes after 3 months!
.
.
Group 1: Tent Sports Club confirmed the next round after eliminating Thulhaadhoo Aventures Sports. pic.twitter.com/RXdq57zG0Y

— Fahuminet (@fahuminet) August 7, 2021

ތުޅާދޫއިން ޖެހި ދެ ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގަ އެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން އަހުމަދު ރަޝީދު ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އަޒްލިފް އެވެ.

މި ނަތީޖާއާއެކު ޓެންޓް ސްޕޯޓްސް ކުއާޓާއިން ޖާގަ ކަށަވަރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ދެމެޗް ކާމިޔާބުކޮށް، އެއް މެޗް އެއްވަރު ކޮށްގެން ހޯދި ހަތް ޕޮއިންޓާއެކު އެވެ. ތުޅާދޫ އެވެންޗާސް މުބާރާތުން ކެޓިއިރު އެޓީމަށް ލިބެނީ ގުރޫޕްގެ ފުލުގައި އޮތް ސީބީއެލް ސްޕޯޓްސް އަތުން ހޯދި ތިން ޕޮއިންޓެވެ. މި ގުރޫޕްގެ ފަހު މެޗުގައި މިއަދު ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ދެވަނައިގަ އޮތް ބިސްބުރު ސްޕޯޓްސް ކުލަބާއި ސީބީއެލް ސްޕޯޓްސް އެވެ.

ރޭ ކުޅެވުނު ގުރޫޕް 2 ގެ ވިލިމާލެ ޔުނައިޓެޑާއި ބެންޗް ސްޕޯޓްސް ކްލަބުގެ މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގެ 17 ވަނަ މިނިޓުގައި އާދަމް މުޝްފިގުގެ ގޯލުން ވިލިމާލެ ޔުނައިޓެޑް މޮޅުވާން ދަނިކޮށް ބެންޗް ސްޕޯޓްސް ކްލަބް ސަލާމަތް ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި އަހުމަދު ޝާން އެވެ.

3rd Division: Last games of group 1 & 2!
Group 1 (4pm): CBL Sports vs Biss Buru Sports
Group 2 (8:30pm): Lorenzo Sports Club vs Capital City Sports Club pic.twitter.com/tx1N8Xxh9T

— Fahuminet (@fahuminet) August 7, 2021

މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ޖުމްލަ ހަތަރު ޕޮއިންޓް ހަމަކޮށްގެން ބެންޗް ސްޕޯޓްސް މިވަގުތު ގުރޫޕުގެ ދެވަނައިގައި އޮތް ނަމަވެސް މަގާމް ޔަގީން ވާނީ މިރޭ 8:30 ގައި ކުޅޭ މި ގުރޫޕުގެ ފަހު މެޗަށް ފަހު އެވެ. މިމެޗުގައި ބައްދަލުކުރާނީ ހަތަރު ޕޮއިންޓް އަދި ފައިދާ އެއް ގޯލާއެކު އެއްވަނައިގައި އޮތް ލޮރެންޒޯ ސްޕޯޓްސް ކުލަބާއި، ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބެވެ. ވިލިމާލެ ޔުނައިޓެޑުން މުބާރާތް ނިންމާލީ ދެ ޕޮއިންޓާއެކު އެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އެފްއޭއެމުން ވަނީ މި ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގު ދެވަނަ ބުރާ ހަމައިން ނިންމާލައި، އެފްއޭ ކަޕާއި ޕްރެޒިޑެންށްސް ކަޕް ކެންސަލް ކޮށްފަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ވެސް ކޮވިޑާހުރެ ތިންވަނަ ޑިވިޝަން ނުބޭއްވި ދިޔުމުން އެފްއޭއެމުން ނިންމީ މިސީޒަނުގެ ތިންވަނަ ޑިވިޝަން ފުރިހަމަ ކުރާށެވެ. އަދި މިއަހަރުގެ ތިންވަނަ ޑިވިޝަނުގެ ސެމީފައިނަލަށް ދާ ހަތަރު ޓީމަށް، ދެވަނަ ޑިވިޝަނުގެ ސީދާ ޖާގައެއް ދޭގޮތަށް ވެސް ވަނީ ނިންމާފަ އެވެ.

14 ޓީމާއެކު ތިން ވަނަ ޑިވިޝަން އަންނަ ހަފްތާގައި ފަށަނީ

ދެފަހަރެއްގެ މަތިން މެދުކަނޑާލުމަށް ފަހު، ޖުމްލަ 14 ޓީމާއެކު ކުރިއަށްދާ މިއަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމޭނީ އަންނަ އާދިއްތަ ދުވަހުގެ ރެއެވެ. އެއަށް ފަހު ބުދަ އަދި ބުރާސްފަތި ދުވަހު ކުއާޓާ ފައިނަލުގެ ހަތަރު މެޗު ކުޅުމަށް ފަހު ސެމީ ފައިނަލުގެ ދެމެޗު ކުޅޭނީ މިމަހުގެ 15 އަދި 16 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހު ހަވީރު 4 ޖަހާއިރެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!