14 ޓީމާއެކު ތިން ވަނަ ޑިވިޝަން އަންނަ ހަފްތާގައި ފަށަނީ

Advertisement

14 ޓީމާއެކު ތިން ވަނަ ޑިވިޝަން އަންނަ ހަފްތާގައި ފަށަނީ

ޢަލީ ޝަހީމް
2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 2-0 އިން ސުޕަ ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ޓީމު ތައްޓާއެކު އުފާފާޅުކުރަނީ.

ފެބްރުއަރީ މަހުގެ ކުރީކޮޅު ބާއްވަން ނިންމި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކޮވިޑް-19 އާ ގުޅިގެން ފަސްކުރުމަށް ފަހު އަންނަ އާދީއްތަ ދުވަހު ފަށަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ކޮވިޑާ ގުޅިގެން މުބާރާތް ނުބޭއްވިއިރު މިއަހަރު ބާއްވާނީ މިދިޔަ ސީޒަނުގެ މުބާރާތެވެ. އަދި، މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭ ހަތަރު ޓީމަށް މި ސީޒަނުގައި ކުޅޭ ދެ ވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ. ސީޒަނުގެ ކުރީކޮޅަށް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބާއްވަން ތާވަލްކުރީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރުމަށް ޓީމުތަކަށް ފުރުސަތު ދިނުމަށެވެ. އެކަމަކު ކޮވިޑްގެ ތިން ވަނަ ރާޅެއް ރާއްޖެއަށް ކުރިމަތިވެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ ފެބްރިއަރީ މަހުގެ ތިން ވަނަ ދުވަހު ކުޅިވަރުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލަން ނިންމުމުން ތިން ވަނަ ޑިވިޝަން ވެސް ފަސްކުރީ އެވެ.

މިއަހަރުގެ މުބާރާތުގައި 15 ޓީމަކުން ބައިވެރިވި ނަމަވެސް މުބާރާތް ފަށާ ތާރީހަށް ބަދަލު އައުމުން ގްރޫޕް ސީގައި ހިމެނުނު ލައިނޭޖް ސްޕޯޓްސް ކްލަބް މިހާރު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. 15 ޓީމު ހަތަރު ގްރޫޕަށް ބަހާލައިގެން ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުން ބޮޑު ހަރަދުކޮށްގެން ބިދޭސީ ކުޅުންތެރިން ވަނީ ހޯދައިފަ އެވެ. ފެބްރުއަރީ މަހު ކުޅެން އޮތް މުބާރާތައް އެޓީމުތަކުން ތައްޔާރުވަމުން ދަނިކޮށް މެޗުތައް ފަސްކުރުމުން މާލީ ގޮތުން ޓީމުތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޓެންޓް ސްޕޯޓްސް ކްލަބް، ކްލަބް ބްލޫ ލިއޮޕާޑް ސްޕޯޓްސް، ބިސް ބުރު ސްޕޯޓްސް ކްލަބް އަދި ތުޅާދޫ އެވެންޗާސް ސްޕޯޓްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ވިލިމާލެ ޔުނައިޓެޑް، ލޮރެންޒޯ ސްޕޯޓްސް ކްލަބް، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް އަދި ބެންޗް ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ ސްޕޯޓްސް ކްލަބް ހޮސްކޮވޯ އާއި ލިޓްލް ޓައުން ސްޕޯޓްސް ކްލަބްގެ އިތުރުން ބުރު ސްޕޯޓްސް ކްލަބެވެ. ގްރޫޕް ޑީގައި ހިމެނެނީ ކްލަބް ޓީނޭޖް އާއި ރޭޖް ސްޕޯޓްސް ކްލަބް އަދި ކްލަބް އޮންލީ ވަން އޮޕޮޗުނިޓީ އެވެ. އެފްއޭއެމުން ފުރުސަތު ދިން 15 ޓީމުން ވަނީ ކްލަބް ލައިސަންސިންގެ ދަށުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކޮށްފަ އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ޓެންޓް ސްޕޯޓްސް ކްލަބާއި ކްލަބް ބްލޫ ލިއޮޕާޑް ސްޕޯޓްސް އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ކުރިއަށްދާނީ މެއި ދެ ވަނަ ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ގްރޫޕަކުން ކުރި ހޯދާ ދެ ޓީމާ އެކު ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި ފަހެއް އަދި ހަ ވަނަ ދުވަހު އެވެ. ސެމީ ފައިނަލް މެޗުތައް މެއި ނުވަ ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާއިރު ފައިނަލް މެޗު އޮންނާނީ މެއި 12 ވަނަ ދުވަހު އެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްގެންދާނީ މާފަންނު އެއް ނަންބަރު ޓާފް ދަނޑާއި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *