ފުރަތަމަ ސަފްޙާ / ޚަބަރު / އޮލިމްޕިކްސް ފުޓްބޯޅަ: ސްޕެއިން، ބްރެޒިލް ޖަޕާން އަދި މެކްސިކޯ ސެމީ އަށް

އޮލިމްޕިކްސް ފުޓްބޯޅަ: ސްޕެއިން، ބްރެޒިލް ޖަޕާން އަދި މެކްސިކޯ ސެމީ އަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 31 ޖުލައި 2021

ޓޯކިޔޯ އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގެ ސެމީ ފައިނަލުގެ ޖާގަތައް ސްޕެއިން، ބްރެޒިލް، ޖަޕާން އަދި މެކްސިކޯ އިން ހޯދައިފި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ހަތަރު މެޗު ކުޅުނީ މިއަދު އެވެ. މި މުބާރާތަކީ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ފުރަތަމަ މެޗުގައި މިއަދު ސްޕެއިން މޮޅުވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 5-2 އިން އައިވަރީ ކޯސްޓް އަތުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. މެޗުގެ ކުރީކޮޅު އައިވަރީ ކޯސްޓަށް ލީޑު ނަގައިދިނީ އެރިކް ބާއީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނަށް އެއްވަރުކޮށްދިނީ ޑެނީ އޮލްމޯ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ސްޕެއިނުން މޮޅަށް ކުޅެމުން ދަނިކޮށް އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އައިވަރީ ކޯސްޓުގެ މެކްސް-އަލައިން ގްރެޑެލް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އައިވަރީ ކޯސްޓް މޮޅުވާން ދަނިކޮށް ސްޕެއިނުން ވަނީ އޭގެ ދެ މިނެޓު ފަހުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އައިވަރީ ކޯސްޓުގެ ޑިފެންޑަރެއްގެ ބޮލުގައި ޖެހިފައި ވެއްޓުނު ބޯޅަ ގޯލަށް ވައްދާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރަފާ މީރް އެވެ. މީރް ވަނީ މެޗުގެ ފަހުކޮޅު ކުޅެން އަރައި ހެޓްރިކް ހަދައިފަ އެވެ.

އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ސްޕެއިނުން ވަނީ އިތުރު ތިން ލަނޑު ޖަހައިފަ އެވެ. އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން މިކެލް އޮޔާޒަބަލް އެވެ. މިއީ ބާއީ، އޭރިޔާ ތެރެއިން އަތުން ޖެއްސުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ ފަހުކޮޅު ސްޕެއިންގެ ހަތަރު ވަނަ ލަނޑާއި ފަސް ވަނަ ލަނޑު ޖެހީ މީރް އެވެ.

ކުއާޓާގެ ދެ ވަނަ މެޗުން ޖަޕާން ކުރި ހޯދީ ނިއު ޒީލެންޑާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 2-4 އިންނެވެ. މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ޖަޕާނުން ހަތަރު ޕެނަލްޓީ ވެސް ވައްދާލިއިރު ނިއު ޒީލެންޑުގެ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ބޭކާރުވެފަ އެވެ.

ސެމީގެ ތިން ވަނަ ޖާގަ ބްރެޒިލަށް ލިބުނީ މިސްރާ ވާދަކޮށް ހޯދި 1-0 ގެ ހަނި ނަތީޖާއިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ރިޗާލިސަންގެ އެހީތެރިކަމާ އެކު ކާމިޔާބުކޮށްދިނީ މެތުއެސް ކުންހާ އެވެ.

މެކްސިކޯ އިން ސެމީގެ ފަހު ޖާގަ ކަށަވަރުކުރީ 3-6 އިން ސައުތު ކޮރެއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުޅި މެޗު ވެސް މެކްސިކޯ އިން ލީޑުގައި އޮވެގެން ނިންމާލިއިރު އެޓީމުގެ ހެންރީ މާޓިން އާއި ފްރަންސިސްކޯ ކޯޑޯވާ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ކޯޑޯވާ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. މެކްސިކޯގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އެޑުއާޑޯ އަގުއާ އެވެ. ސައުރު ކޮރެއާގެ ތިން ލަނޑުގެ ދެ ލަނޑު ޑޯން-ކެޔޮން ލީ ޖެހިއިރު ފަހު ލަނޑު ޖެހީ އުލް-ޔޯ ހުވާން އެވެ.

ސެމީގެ ދެ މެޗު ކުޅޭނީ އަންނަ އަންގާރާ ދުވަހު އެވެ. އެދުވަހުގެ މެންދުރު ރާއްޖެ ގަޑިން 1 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ޗެމްޕިއަން ބްރެޒިލް އެވެ. ދެ ވަނަ ސެމީގައި ހަވީރު ހަތަރެއް ޖަހާއިރު ވާދަކުރާނީ މުބާރާތް ބާއްވާ ޖަޕާނާއި ސްޕެއިން އެވެ.

އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅައިގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ އެމެރިކާ އާއި ކެނެޑާގެ އިތުރުން އޮސްޓްރޭލިއާ އަދި ސްވިޑެން އެވެ. ފުރަތަމަ ސެމީގައި އެމެރިކާ އިން ކެނެޑާއާ ދެކޮޅަށް ނުކުންނައިރު ދެ ވަނަ ސެމީގައި އޮސްޓްރޭލިއާ ކުޅޭނީ ސްވިޑެންއާ އެވެ. އަންހެން ސެމީގެ ދެ މެޗު ވެސް ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!