ޖަޕާންގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ފިރިހެން ސިންގަލްސް ޓެނިސް އިވެންޓްގެ ސެމީ ފައިނަލުން ބަލިވެ އެއް އަހަރެއްގެ ތެރޭގައި ގްރޭންޑް ސްލޭމް ހަތަރު މުބާރާތާއި، އޮލިމްޕިކް ގޯލްޑެއް ކާމިޔާބުކުރުމަށްޓަކައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވާކް ޖޮކޮވިޗް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ނުވެ ނިމިއްޖެ އެވެ.
މިއަހަރުގެ މިހާތަނަށް ކުޅުނު ގްރޭންޑް ސްލޭމް ތިން މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަންގެ އިތުރުން އިނގިރޭސި ވިލާތުގައި ބާއްވާ ވިމްބަލްޑަން ޓެނިސް މުބާރާތްވެސް ކާމިޔާބުކުރި އުމުރުން 34 އަހަރުގެ ޖޮކޮވިޗް މިއަދު ކުޅުނު ސެމީ ފައިނަލްގައި ވާދަކުރީ ޖަރުމަނުގެ އެލެކްޒެންޑާ ޒްވެރޭވް އާ އެވެ. މި މެޗްގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު ޖޮކޮވިޗް އަތުލި ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓް ވަނީ ހައިރާންކުރުވަނިވި ގޮތަކަށް ޖޮކޮވިޗް އަތުން ގެއްލިފަ އެވެ. މެޗްގެ ސެޓްތައް ނިމިފައިވަނީ 6-1، 3-6 އަދި 1-6 އިންނެވެ.
މިއަހަރު ކާމިޔާބުކުރި ތިން ގްރޭންޑް ސްލޭމް ޓްރޮފީއާއެކު ޖޮކޮވިޗް ވަނީ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑް އޮތް ފިރިހެން ދެެ ކުޅުންތެރިންކަމަށްވާ ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ އާއި ސްޕެއިން ރަފައެލް ނަޑާލް އާ އަރާ ހަމަކޮށްފަ އެވެ. މި ތިން ކުޅުންތެރިންވެސް ވަނީ މިހާތަނަށް 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އެއް އަހަރެއްގެ ތެރޭގައި ގްރޭންޑް ސްލޭމް ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޮލިމްޕިކް ގޯލްޑެއް ހަމަ އެޮލިމްޕިކްސްގެ އަހަރުގެ ތެރޭގައި ހޯދުމަކީ އަދި މިވީހާތަނަށް އެއްވެސް ކުޅުންތެރިއަކަށް ކުރެވިފައި އޮތް ކަމެއް ނޫނެވެ.
ޓޯކިޔޯ އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް ޓެނިސް އިވެންޓުގެ ސެމީ ފައިނަލްގައި ޖޮކޮވިޗްގެ މައްޗަށް ކުރި ހޯދި އުމުރުން 24 އަހަރުގެ ޒްވެރޭވް ފައިނަލްގައި ވާދަކުރާނީ ރަޝިޔާގެ ކަރެން ކަޗަނޯވްއާ އެވެ. މި މެޗް ކުޅޭނީ އަންނަ އާދީއްތަ ދުވަހު އެވެ.