ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި އެންމެ ފަހުން ބޭއްވުނު ސާފް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ހަސަން ސާއިދު މިހާރު ޖަޕާންގެ ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ހެނދުނު ދުވާނެ އެވެ.
މާދަމާ ހެނދުނު ރާއްޖޭގެ ގަޑިން 07:35 ގައި ސާއިދު ވާދަކުރަން ހަމަޖެހިފައިވަނީ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ހީޓް އެކެއް ގަ އެވެ. މި ހީޓްގައި ސާއިދުއާއެކު ނުވަ ދުވުންތެރިއަކު ވާދަކުރާނެ އެވެ. 100 މީޓަރު ދުވުމުގެ ކުރިއަށް އޮތް ބުރުން ސާއިދުއަށް ޖާގަ ލިބޭނީ ޕްރިލިމިނަރީ ބުރުން އެންމެ ދަށްވެގެން ދެވަނައިގައި ނިންމިއްޖެ ނަމަ އެވެ.
ޕްރިލިމިނަރީ ބުރުގައި ސާއިދުއާއެކު ވާދަކުރާ ދުވުންތެރިންގެ ރެކޯޑަށް ބަލާއިރު އޭނާއަށް ވުރެ ކުރީގައި ރޭންކުކޮށްފައިވަނީ ތިން ދުވުންތެރިއެކެވެ. އެއީ އެލްސެލްވަޑޯ އާއި، ޓޯގޯގެ އިތުރުން ޒިންބާބުވޭގެ ދުވުންތެރި އެކެވެ. މި ބުރުގައި ވާދަކުރާ ދުވުންތެރިންގެ ތެރެއިން އެންމެ ކުރީގައި އުޅޭ ޒިންބާބުވޭގެ ދުވުންތެރިޔާ އާއި ސާއިދުގެ އަމިއްލަ ރެކޯޑަށް ބަލާއިރު މި ދެ ދުވުންތެރިންގެ ދެމެދުގައި ހުރި ފަރަގަކީ 0.16 ސިކުންތެވެ. ރޭންކިންގ އަށް ބަލާއިރު ޒިންބާބުވޭގެ ދުވުންތެރިޔާއަށްވުރެ ސާއިދު އުޅެނީ 629 ދަރަޖަ ފަހަތުގަ އެވެ.
ސާއިދަކީ ދެ އޮލިމްޕިކްސް އެއްގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ހަމައެކަނި ރާއްޖޭގެ އެތުލީޓެވެ. އޭނާ އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ މީގެ ފަސް އަހަރު ކުރިން ބްރެޒިލްގައި ބޭއްވި އޮލިމްޕިކް ގޭމްސްގަ އެވެ. ބްރެޒިލްގެ ރިއޯޑިޖެނެރޯ ގައި އޮތް އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި ފުރަތަމަ ބުރުން ސާއިދު ވަނީ ފުރުސަތު ހޯދައިފަ އެވެ. އެ ބުރުން ސާއިދު އަށް ފުރުސަތު ލިބުނީ 10.43 ސިކުންތުން ރޭސް ނިންމައި ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ދުވުންތެރިޔާގެ ގޮތުގަ އެވެ. ފުރަތަމަ ބުރުގައި 10.47 ސިކުންތުން ރޭސް ނިންމިނަމަވެސް ސެމީ ފައިނަލުން ސާއިދު އަށް ފުރުސަތެއް ނުލިބުނެވެ.
2010 ވަނަ އަހަރުން ފެށިގެން ދުވުމުގެ ބައިނަލްއަގްވާމީ އެކި އިވެންޓަކުގައި ބައިވެރިވަމުން އަންނަ ސާއިދު ވަނީ ރާއްޖެއަށް ތާރީހީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެންމެފަހުން ސާއިދު ރާއްޖެއަށް ހޯދައިދިން އެންމެ ބޮޑު ކާމިޔާބީއަކީ 2019 ވަނަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ބައިން ރަން މެޑަލް ހޯދުމެވެ.