އެހެން ހުރިހާ ސީޒަނެއްގައި ޔުވެންޓަސްގައި ނެގި ޒިންމާއަށްވުރެ ބޮޑު ޒިންމާއެއް މިފަހަރުގެ ސީޒަންގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނަގާނެކަމަށް އުއްމީދުކުރާކަމަށް ޔުވެންޓސްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.
2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ޔުވެންޓަސްއަށް އިރުޝާދުދިން ކޯޗް އަލުން އެނބުރި ކްލަބާ ގުޅުނީ މިދިޔަ މެއި މަހު އެވެ. އެލެގްރީ ޔުވެންޓަސްއަށް ކޯޗްކޮށްދިން ފަސް ސީޒަންގައިވެސް އޭނާ ވަނީ އެ ކްލަބަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭގެ އިތުރުން 53 އަހަރުގެ އެލެގްރީގެ ކޯޗްކަމުގެ ދަށުން ޔުވެންޓަސް ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެފަހަރު ވާދަކޮށްފަ އެވެ.
ޔުވެންޓަސް އިން ދެވަނަ ފަހަރަށް އެލެގްރީ ކޯޗެއްގެ ގޮތުގައި ހަމަޖައްސައިފައި މިވަނީ ޖެހިޖެހިގެން ނުވަ ސީޒަންގައި ލީގު ޗެމްޕިއަންކަން ހޯދުމަށްފަހު މިދިޔަ ސީޒަންގައި އެ ތަށި ބީވެގެންދިއުމާ ގުޅިގެންނެވެ. އިޓަލީގެ ގައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރު އެންޑްރޭ ޕިރްލޯގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ލީގުގައި ވާދަކުރި ޔުވެންޓަސްއަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރެވުނީވެސް ހަމަ ކިރިޔާ އެވެ.
އެލެގްރީ އަލުން ޔުވެންޓަސްއާ ހަވާލުވި އިރު އެންމެ ބޮޑު ސުވާލަކަށްވެފައި އޮތީ މިދިޔަ ތިން ސީޒަންގައި އެ ޓީމްގެ ފޯވާޑް ލައިންގައި އެންމެ އިސް ދައުރެއް އަދާކުރަމުން އައި ޕޯޗްގަލްގެ ތަރި ރޮނާލްޑޯ ކްލަބްގައި މަޑުކުރާނެތޯ އުފެދުނު ސުވާލެވެ. މިހާތަނަށް ޔުވެންޓަސްއަށް 101 ގޯލް ކާމިޔާބުކޮށްދިނުމުގެ އިތުރުން 29 ގޯލް ޖަހައިގެން މިދިޔަ ސީޒަންގެ އިޓާލިއަން ލީގުގެ ޓޮޕް ސްކޯރާގެ މަގާމް ހޯދި 36 އަހަރުގެ ފޯވާޑް އެހެން ކްލަބަކަށް ބަދަލުވެދާނެ ކަމުގެ އަޑުތަކެއްވެސް މީޑިއާގައި ފެތުރިފަ އޮތުމުންނެވެ. އެކަމަކު ޔުވެންޓަސްއާއެކު ރޮނާލްޑޯ ހަދައިފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް އިރު ރޮނާލްޑޯ ވަނީ މިދިޔަ ހޯމަ ދުވަހު ޓީމާއި ގުޅި ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
ކޮންމެ ގޮތަކަށް ކަންއޮތް ނަމަވެސް އާ ކޯޗް އެލެގްރީގެ ޕްލޭން އަންނަ ސީޒަނަށް ރާވައިފައިވަނީ ރޮނާލްޑޯއަށް މުހިއްމު ދައުރެއް ދީގެންނެވެ. ބުރަ ސީޒަނަކަށް އަނެއްކާވެސް ޓީމް ކުރިމަތިލާއިރު ކުޅުންތެރިން ރޮޓޭޓްކޮށްގެން ކުޅުމަކީ މުހިއްމު ކަމަކަށް ވާތީއާއެކު ރޮނާލްޑޯއަށް ކުޅެން ލިބޭ ވަގުތު މަދުވިޔަސް އޭނާގެ ޒިންމާ ކުރިއަށްވުރެ ބޮޑުވާނެކަން ކޯޗް ފާހަގަކުރި އެވެ.
“ރޮނާލްޑޯ އަކީ ވަރަށްަ މޮޅު އަދި ވިސްނުން ތޫނު ކުޅުންތެރިއެއް. އެހެން ހުރިހާ ކުޅުންތެރިންނާ ވާހަކަދެއްކި ގޮތަށް އަހަރެން އިއްޔެ ރޮނާލްޑޯއާ ވެސް ވާހަކަ ދެއްކިން. އަހަރެން އޭނަ ގާތު ބުނިން މިއީ މުހިއްމު ސީޒަނެކޭ. އަދި އަލުން އޭނައާ ދިމާވީމަ އުފާވި ވާހަކަވެސް ބުނިން.” އެލެގްރީ ބުނެފައިވެ އެވެ.
“މިހާރު ޓީމްގައި ރޮނާލްޑޯ ނަގަން ޖެހޭ ޒިންމާ ބޮޑު. މީގެ ތިން އަހަރު ކުރިން ޔުވެންޓަސްގައި އޮތީ މިހާރަށްވުރެ ތަޖްރިބާކާރު ކުޅުންތެރިން ގިނަ ޓީމެއް. އެކަމަކު މިހާރު ޓީމްގައި ވަރަށް ޒުވާން ކުޅުންތެރިން އެބަތިބި. ޓީމްގައި ހުރި ތަޖުރިބާކާރު ކުޅުންތެރިއެއްގެ ހައިސިއްޔަތުން ރޮނާލްޑޯގެ ފަރާތުން ގިނަ ކަންތައްތަކަކަށް އަހަރެން މިފަހަރު އުއްމީދުކުރަން. ރޮނާލްޑޯ ހުރީ ފިޓްކޮށް.” އެލެގްރީ އިތުރަށް ބުނެފައިވެ އެވެ.