ފުރަތަމަ ސަފްޙާ / ޚަބަރު / މިދިޔަ އަހަރުތަކުގައި ޔުނައިޓެޑަށް މަދުވީ ފެނާންޑޭސް: ފާގަސަން
ފަހުމިނެޓް

މިދިޔަ އަހަރުތަކުގައި ޔުނައިޓެޑަށް މަދުވީ ފެނާންޑޭސް: ފާގަސަން

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 22 މެއި 2021

މިދިޔަ އަހަރުތަކުގައި ޔުނައިޓެޑަށް މަދުވީ ބްރޫނޯ ފެނާންޑޭސް ފެންވަރުގެ ކުޅުންތެރިއެއް ކަމަށް ބުނެ ޔުނައިޓެޑްގެ ކުރީގެ ސަރ އެލެކްސް ފާގަސަން ފެނާންޑޭސް އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ފެނާންޑޭސް އަންނަނީ އެޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. 26 އަހަރުގެ ފެނާންޑޭސްގެ އެހީތެރިކަމާ އެކު ޔުނައިޓެޑުން މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދިއިރު ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓެޑް ވަނީ ދަތުރުކޮށްފަ އެވެ. މި މަހުގެ 26 ވަނަ ދުވަހު ކުޅޭ ޔޫރޮޕާ ލީގު ފައިނަލުގައި ޔުނައިޓެޑް ނުކުންނާނީ ސްޕެއިންގެ ވިޔަރެއާލްއާ ދެކޮޅަށެވެ.

“ފެނާންޑޭސް ވަނީ މުހިއްމު ގޯލުތަކެއް ޖަހާފައި. އަދި ޕެނަލްޓީ ޖަހާއިރު ފެނާންޑޭސް ފެންނަނީ ވަރަށް ވަރަށް އިތުބާރާއެކު އެކަން ކުރާތަން. އޭރިޔާ ބޭރުން ފޮނުވާލާ ހުރިހާ ހަމަލާއެއް އަބަދުވެސް ނުރައްކާ ކުރޭ” ފެނާންޑޭސްއާ ގުޅޭގޮތުން ފާގަސަން ބުނެފައިވެ އެވެ.

މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ފެނާންޑޭސް ވަނީ 28 ލަނޑު ޖަހައި 17 ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ޕްލޭންގައި ފެނާންޑޭސްގެ މުހިއްމުކަން ބޮޑުއިރު މި ސީޒަނުގައި ހުރިހާ މެޗެއްގައިހެން ކޯޗު ވަނީ ފެނާންޑޭސް ޓީމުގައި ހިމަނައިފަ އެވެ.

“މިދިޔަ އަހަރުތަކުގައި ޔުނައިޓެޑަށް މަދުވީ ފެނާންޑޭސް ކަހަލަ ކުޅުންތެރިއެއް. ފައިނަލް ތާޑުގައި ފެނާންޑޭސްގެ ކުޅުމުން އިދިކޮޅު ޓީމުގެ ޑިފެންސުން ޖާގަ ލިބޭ. އެއީ މެޗެއްގައި ވަރަށް މުހިއްމު ކަމެއް” ދުނިޔޭގެ ތާރިހު ދުށް އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ފާގަސަން ބުންޏެވެ.

ފެނާންޑޭސް ޔުނައިޓެޑްގައި ތަފާތު ދައްކަމުން އަންނައިރު ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ފާގަސަންގެ ކޯޗުކަމުގައި ސްޕޯޓިން ލިސްބަން ޔުނައިޓެޑަށް ގެނައި ކުޅުންތެރިއެކެވެ. 18 އަހަރުގައި ރޮނާލްޑޯ ޔުނައިޓެޑަށް ގެނައުމަށް ފަހު ފާގަސަން ވަނީ ރޮނާލްޑޯ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ހަދައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!