ފުރަތަމަ ސަފްޙާ / ޚަބަރު / ބޭނުމެއްނެތޭ ބުނަންދެން ޔުނައިޓެޑްގައި ހުންނާނަން: ފެނާންޑޭސް

ބޭނުމެއްނެތޭ ބުނަންދެން ޔުނައިޓެޑްގައި ހުންނާނަން: ފެނާންޑޭސް

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 16 މެއި 2024

ކްލަބުން ބޭނުންނުވެގެން ދޫކޮށްލަންދެން، އޭނާ މެންޗެސްޓާ ޔުނައިޓެޑްގައި ހުންނާނެ ކަމަށް ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.

މި ސީޒަނަށް ފަހު ފެނާންޑޭސް ގެންދިއުމުގެ ރޭހަށް ވަންނަން ޔޫރަޕްގެ ބައެއް ކްލަބްތަކުން ބޭނުންވާކަން މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ފެނާންޑޭސް އަށް އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރަނީ އިންޓަ މިލާން އާއި ބަޔާން މިއުނިކެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި 2-3 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރި މެޗަށް ފަހު ނޫސްވެރިން ވަނީ ފެނާންޑޭސްއާ ސުވާލުކޮށްފަ އެވެ.

“އަހަރެން ބޭނުންވަނީ މި ކްލަބުގެ ކުރިމަގުގައި ޝާމިލްވާ ކުޅުންތެރިއެއްގެ ގޮތުގައި ހުންނަން. ކޮންމެވެސް ސަބަބަކާ ހެދި އަހަރެން ދޫކޮށްލަން ބޭނުންވެއްޖެނަމަ ދާނަން” ޔުނައިޓެޑްގެ ކުރިމަގާ ގުޅޭގޮތުން ސުވާލުކުރުމުން ޕޯޗުގަލްގެ މިޑްފީލްޑަރު ބުންޏެވެ.

އަންނަ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑް ޓީމު ހަމައަކަށް އަޅުވަން ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. އެހެންވެ އާކުޅުންތެރިންނަށް ފަންޑު ހޯދަން ޔުނައިޓެޑްގެ ފުރަތަމަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވިއްކާލާނެ ކަމަށް ބެލެވެ އެވެ. ޔުނައިޓެޑުން އެންމެ ބޮޑަށް ހިފަހައްޓަން ބޭނުންވާ ތިން ކުޅުންތެރިންނަކީ އަލެހަންދްރޯ ގާނާޗޯ އާއި ކޮބީ މެއިނޫ އަދި ރަސްމުސް ހޮއިލެންޑް އެވެ. އެހެން ކުޅުންތެރިންނަށް އޮފާ އައިސްފިނަމަ ޔުނައިޓެޑް ވިސްނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފެނާންޑޭސް ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ދެ އަހަރު އެބައޮތެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން 2022 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވެ ފެނާންޑޭސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޔުނައިޓެޑްގައި ފެނާންޑޭސް ބެހެއްޓުމާއި ގުޅޭގޮތުން ކޯޗު އެރިކް ޓެން ހާގް ބުނީ އެ ކްލަބުން ފެނާންޑޭސް މަޑުކުރުވަން ބޭނުންވާނެ ކަމަށެވެ.

“ފެނާންޑޭސް މި ކްލަބް އަދި ސަޕޯޓަރުން ދެކެ ލޯބިވޭ. އަބަދުވެސް ދަނޑުމަތީގެ ހިތްވަރުކޮށް ނަމޫނާ ދައްކާނެ. އަނިޔާގައި ހުރެގެން ވިޔަސް ފެނާންޑޭސް އެ ހިތްވަރު ކުރާނެ. އަނިޔާގައި ގިނަ ކުޅުންތެރިންތަކެއް ތިބޭއިރު އެއީ ފެނާންޑޭސް އަށް ފަސޭހަ ކަމަކަށް ނުވާނެ” ފެނާންޑޭސް ބަހައްޓަން ޔުނައިޓެޑުން ބޭނުންވާނެކަމުގެ ޔަގީންކަން ދެމުން ޓެން ހާގް ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!