ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނައިޓެޑް މިއޮތީ މިދިޔަ އަހަރަށް ވުރެ ރަނގަޅު ހިސާބެއްގަ: ޓެން ހާގް

ޔުނައިޓެޑް މިއޮތީ މިދިޔަ އަހަރަށް ވުރެ ރަނގަޅު ހިސާބެއްގަ: ޓެން ހާގް

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 19 މެއި 2024

އޭނާ ކޯޗުކޮށްދޭ ކްލަބް، މެންޗެސްޓާ ޔުނައިޓެޑް އޮތީ މިދިޔަ 12 މަސް ދުވަސް ކުރިން އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށް އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑްގެ ހާލަތު މިހާރު ރަނގަޅުކަމަށް ޓެން ހާގް ބުނިއިރު މިދިޔަ ސީޒަނުގެ ލީގު އެޓީމު ނިންމާލީ ތިން ވަނައިގަ އެވެ. އެކަމަކު މި ސީޒަނުގެ ފަހު މެޗާ މިރޭ ކުރިމަތިލާއިރު އެޓީމު އޮތީ އަށް ވަނައިގަ އެވެ.

ޕްރިމިއާ ލީގު ފެށިފަހުން ޔުނައިޓެޑް ހަތް ވަނަ އަށް ވުރެ ދަށް މަގާމެއްގައި ލީގު ނިންމާލާފައެއްނުވެ އެވެ. އެކަމަކު މި ސީޒަނުގައި އެޓީމުން ބޭނުންނުވާ ތާރީހަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

މި ސީޒަނުގައި ތައްޓެއް ހޯދަން ޔުނައިޓެޑަށް އޮތް ހަމައެކަނި ފުރުސަތަކީ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކުރުމެވެ. އެކަމަކު ދެ ޓީމުގެ ކުޅުމުގެ ފެންވަރާއި ފޯމަށް ބަލާއިރު އެއީ ޔުނައިޓެޑަށް އުނދަގޫ ކަމަކަށް ވާނެ އެވެ.

“ނަތީޖާތަކަށް ބަލާއިރު ބުނެވިދާނެ ރަނގަޅެއް ނޫނޭ. އެކަމަކު އޭގެ ފަހަތުގައި ސަބަބުތައް އެބަހުރި. އަހަރެން ބުނާނީ މިދިޔަ 12 މަހަށް ވުރެ މިހާރު ޓީމު އޮތް ހާލަތު ރަނގަޅޭ” އަނިޔާގެ މައްސަލަތައް މި ސީޒަނުގައި ޔުނައިޓެޑަށް ދިމާވިކަން ފާހަގަކުރަމުން ޓެން ހާގް ބުންޏެވެ.

އަނިޔާގެ ގިނަ މައްސަލަތައް މި ސީޒަނުގައި ޔުނައިޓެޑަށް ދިމާވި އެވެ. ހާއްސަކޮށް ޑިފެންސަށް ކުޅޭ ގިނަ ކުޅުންތެރިންނަށް އަނިޔާވުމުން އެ މަގާމްތައް ފޫބައްދަން ގިނަ ކުޅުންތެރިން ބޭނުންކުރި އެވެ. ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ފަހަތުގައި އޮތީ އަނިޔާގެ މައްސަލަތައްކަން ޓެން ހާގް ދިޔައީ ސީޒަން ތެރެއިން ތަކުރާރުކޮށް ފާހަގަކުރަމުންނެވެ.

ލީގުގެ ހަތް ވަނަ ލިބިއްޖެ ނަމަ ޔުނައިޓެޑް ޖެހޭނީ ޔޫއެފާ ކޮންފަރެންސްގެ ޕްލޭއޮފްގައި ވާދަކުރާށެވެ. އެކަމަކު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި ނަމަ އެޓީމަށް ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނެ އެވެ.

“މި ޓީމުން ޒުވާން ކުޅުންތެރިން އުފައްދައިފިން. އެއީ ޓީމަށް އިތުރު ވާނެ ވަރަށް މޮޅެތި ކުޅުންތެރިންތަކެއް” ޓެން ހާގް ބުންޏެވެ.

ޓެން ހާގް ފާހަގަކުރީ މި ސީޒަނުގައި ޒުވާން މިޑްފީލްޑަރު ކޮބީ މެއިނޫ އާއި ވިންގާ، އަލެހަންދްރޯ ގާނާޗޯ ދެއްކި މޮޅު ކުޅުމެވެ. އަދި، ޒުވާން ފޯވާޑް ރަސްމުސް ހޮއިލެންޑާއި ސީޒަނުގެ ފަހުކޮޅު އަމަދް ޑިއާލޯ ދެއްކި ކުޅުމަށް ޓެން ހާގް ތައުރީފްކުރި އެވެ.

ޓެން ހާގް ބުނީ ޒުވާން ކުޅުންތެރިންގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިންނާއިއެކު ޔުނައިޓެޑްގައި އޮތް ސްކޮޑް މަތީ ލެވެލް އަކަށް ގެންދެވޭނެކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!