މިދިޔަ ހަފްތާ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް 3-0 އިން ބަލިވި މެޗަށް ފަހު، އެރޭ މާކަސް ރަޝްފޯޑްގެ އުފަންދުވަސް ފާހަގަކުރުމަށް އޮތް ޕާޓިއެއްގައި އޭނާ ބައިވެރިވުމުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް އެކަމާ ނުރުހުން ފާޅުކޮށްފި އެވެ.
ރަޝްފޯޑަށް 26 އަހަރުވީ އޮކްޓޯބަރު 31 ވަނަ ދުވަހު އެވެ. ދަށް ކުޅުމަކާ އެކު ސިޓީ އަތުން ބަލިވި މެޗަށް ފަހު ރަޝްފޯޑްގެ އުފަންދުވަސް ފާހަގަކުރުން އޮތީ މެންޗެސްޓާގައި އާއްމުކޮށް މީހުން ގޮސްއުޅޭ މަޝްހޫރު ހިސާބެއްގަ އެވެ. ސިޓީ މެޗުގެ ކުރިން ވެސް ރަޝްފޯޑްގެ ޕާޓީ އޮތީ ޕްލޭން ކޮށްފަ އެވެ.
“ރަޝްފޯޑް ޕާޓީ އަށް ދިޔަކަން އަހަރެންނަށް އެނގޭ. އެކަމާ އަހަރެން ރަޝްފޯޑާ ވާހަކަދެއްކިން. އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އަހަރެން ބުނުމުން ރަޝްފޯޑް މާފަށް އެދުނު. އެއީ ހިނގި ކަމަކީ” ޓެން ހާގް ބުންޏެވެ.
ޕާޓީ އަށް ދިއަޔަސް ޖެހިގެން އައި ހޯމަ ދުވަހު ރަޝްފޯޑް ވަނީ ގަޑިއަށް ޕްރެކްޓިހަށް ގޮސްފަ އެވެ. އެކަމަކު ވެސް ޓެން ހާގް ވަނީ ސިޓީ އަތުން ބަލިވިތާ ގަޑިއިރުތަކެއް ފަހުން ރަޝްފޯޑް ޕާޓިގައި ބައިވެރިވުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ރަޝްފޯޑްގެ މައްސަލައިގައި އޭނާ ޖޫރިމަނާ ކުރިންތޯ ސުވާލުކުރުމުން ޓެން ހާގް ބުނީ އެއީ ކްލަބުގެ އެތެރޭގެ ކަމެއް ކަމަށެވެ.
ސިޓީ މެޗަށް ފަހު މިދިޔަ ހަފްތާ އިނގިރޭސި ލީގު ކަޕްގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ މުބާރާތުން ޔުނައިޓެޑް ކެޓި މެޗުގެ ފުރަތަމަ އެގާރައިން ރަޝްފޯޑަށް ފުރުސަތު ދީފައެއްނުވެ އެވެ. ޓެން ހާގް ބުނީ އެ މެޗުގެ ފުރަތަމަ އެގާރައިން ރަޝްފޯޑަށް ފުރުސަތު ނުދިނީ ޕާޓީ އަށް ދިއުމުން އަދަބު ދިނުމުގެ ގޮތުން ނޫން ކަމަށެވެ.
އާ އަހަރު ފާހަގަކުރުމަށް ފަހު ކްލަބުގެ ފަރިތަކުރުމަށް ލަހުން އައުމުން ރަޝްފޯޑަށް ވަނީ މީގެކުރިން އަދަބު ލިބިފަ އެވެ. އެދުވަހު ވުލްވްސްއާ ދެކޮޅަށް ރަޝްފޯޑް ކުޅެން އެރުވީ ބެންޗުންނެވެ.
މިދިޔަ ސީޒަނުގައި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް 30 ގޯލު ޖަހައިފަ އެވެ. އެކަމަކު މި ސީޒަނުގައި ފޯމު ދަށްވެ މިހާތަނަށް ޖެހުނީ އެންމެ ގޯލެކެވެ. މީގެ ދެ އަހަރު ކުރިން ވެސް ޔުނައިޓެޑްގައި ރަޝްފޯޑްގެ ފޯމު ދަށްވި އެވެ. އެފަހަރު ރަޝްފޯޑަށް ސީޒަނުގައި ޖެހުނީ ފަސް ގޯލެވެ.
މިދިޔަ ޖުލައި މަހު ޔުނައިޓެޑްގެ އެއްބަސްވުން ފަސް އަހަރަކަށް އާކުރި ރަޝްފޯޑަށް އިތުބާރު އެބައޮތް ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.
“ރަޝްފޯޑަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް އަދި ރަޝްފޯޑްގެ އެހީ މި ޓީމަށް ލިބޭނެ. އަމިއްލަ ގޮތުން ވެސް އަދި ޓީމެއްގެ ގޮތުގަ ވެސް” ދަށް ނަތީޖާތަކާ އެކު ޕްރެޝަރުގައި ހުރި ޓެން ހާގް ބުންޏެވެ.
ލީގުގައި ޔުނައިޓެޑް މިއަދު ހަވީރު ނުކުންނާނީ ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށެވެ. ފުރަތަމަ 10 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ އަށް ވަނައިގަ އެވެ. ފުލަމް 12 ޕޮއިންޓާ އެކު އޮތީ 14 ވަނައިގަ އެވެ.
ޔުނައިޓެޑާއި ފުލަމް ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 5:30 ގަ އެވެ.