ޗެލްސީ ބަލިކޮށް ލެސްޓަ ސިޓީއަށް ރޭ އެފްއޭ ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލުމަށް މެޗުގެ އެންމެ ފަހުވަގުތު ވީއޭއާރު އެހީތެރިވެދީފައިވާތީ މެޗުގައި ޗެލްސީ ކޮޅަށް ގޯލް ޖެހި ބެލްޖިއަމްގެ ޔޫރީ ޓީލަމަންސް ވީއޭއާރަށް ޝުކުރުއަދާކޮށްފަ އެވެ.
ޗެލްސީގެ މައްޗަށް 0-1 އިން ލެސްޓަ ސިޓީ ކުރި ހޯދި ރޭގެ ފައިނަލްގެ 69 ވަނަ މިނެޓްގައި ޓީލަމަންސްގެ ގޯލަށް ވައްދާލި ހިތްގައިމު ލަނޑާއެކު ލެސްޓަ އިން ކުރި ހޯދައިފައިވަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޗެލްސީން ލެސްޓަގެ ގޯލަށް ބޯޅައެއް ވައްދާލި އެވެ. ޗެލްސީގެ ޑިފެންޑަރު ބެން ޗިލްވެލް ފޮނުވާލި ބޯޅައެއް ލެސްޓަގެ ޑިފެންޑަރަކު ސާފުކޮށްލަން އުޅުމުގެ ތެރޭގައި އެ ޓީމުގެ ވެސް މޯގަންގެ ގައިގައި ޖެހިފައި ބޯޅަ ގޯލަށް ވަތް ނަމަވެސް ވީއޭއާރު ބެލުމަށްފަހު ނިންމައިފައި ވަނީ ބޯޅަ ގޯލަށް ފޮނުވާލި ވަގުތު ޗިލްވެލް ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ.
“ރަށް ބޮޑަށް ޝުކުރިއްޔާ ވީއޭއާރު. އެއީ ވަރަށް އުފާވި ނިންމުމެއް. އަދި، އެއީ އުނދަގޫ ނިންމުމެއް. އެކަމަކު އެއީ ހަމަ އޮފްސައިޑެއް.” މެޗަށް ފަހު ބީޓީ ސްޕޯޓްސް އާ ވާހަކަދައްކަމުން ޓީލަމަންސް ހެމުން ބުންޏެވެ.
“މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަހަރެން ވަރަށް އުފާވޭ މި މެޗުގައި ގޯލު ޖެހުނީމަ. . މެޗް ވަރަށް ޓައިޓް. މިކަހަލަ ވަރުގަދަ މެޗެއްގައި އަދި ވަކިން ހާއްސަކޮށް ފައިނަލް މެޗަށް ވެފަ މި މެޗުގެ މޮޅު ގޯލެއް ޖެހުނީމަ އަހަރެން މިހުރީ ވަރަށް އުފާވެފަ. މުޅި ޓީމާއި ސަޕޯޓަރުންނަށް މި ލިބުނު ކާމިޔާބާ މެދު ވަރަށް ބޮޑަށް އުފާކުރަން. މި މެޗުގައި އަހަރެމެންނާއެކު ސަޕޯޓަރުން ދަނޑަށް ވަދެ ތިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. އުއްމީދު ކުރަން ހުރިހާ ސަޕޯޓަރުންވެސް ތިބީ ސަލާމަތުން ކަމަށް. އަދި ހުރިހާ ސަޕޯޓަރުންވެސް މި ކާމިޔާބާ މެދު ފަހުރުވެރިވާނެ ކަން.” ޓީލަމަންސް މެޗަށް ފަހު ބީބީސީ ސްޕޯޓްސް އާ ވާހަކަދައްކަމުން ބުންޏެވެ.
ރޭ ލެސްޓަ އިން ހޯދި ތަށްޓަކީ 2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއަ ލީގު ކާމިޔާބުކުރި ފަހުން އެ ޓީމުން ހޯދި ފުރަތަމަ ތަށްޓެވެ.