ފުރަތަމަ ސަފްޙާ / ޚަބަރު / ސޮސިއެޑާޑް ބަލިކޮށް އެތުލެޓިކޯއިން ބާސެލޯނާ އާއި ރެއާލަށް ޓާޓާ ކިޔައިފި

ސޮސިއެޑާޑް ބަލިކޮށް އެތުލެޓިކޯއިން ބާސެލޯނާ އާއި ރެއާލަށް ޓާޓާ ކިޔައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 13 މެއި 2021

ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވާދަވެރި ރެއާލް މެޑްރިޑާއި، ބާސެލޯނާ އާ ފެއަށް ޖެހިލައިފި އެވެ. ރޭ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ 1-2 އިންނެވެ.

ހަތަރު ވަނައިގައި އޮތް ސޮސިއެޑާޑްގެ މައްޗަށް ރޭ އެތުލެޓިކޯ އިން ހޯދި މޮޅާއެކު އެ ޓީމުން ވަނީ ދެވަނައިގައި އޮތް ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓް ކުރިއަށް ޖެހިލައިފަ އެވެ. އެތުލެޓިކޯ އަށް މިވަގުތު އެންމެ ބޮޑު ވާދައެއް ކުރެވެން އޮތް ރެއާލް މެޑްރިޑް އޮތީ އެތުލެޓިކޯ އަށްވުރެ ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގަ އެވެ. ރެއާލް ތިނަވަނައިގައި މިވަގުތު އޮތީ އެތުލެޓިކޯ އާއި ބާސެލޯނާއަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

އެތުލެޓިކޯ އާއި ސޮސިއެޑާޑް ރޭ ބައްދަލުކުރި މެޗުގައި އެތުލެޓިކޯ އިން ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 16 ވަނަ މިނެޓްގައި ބެލްޖިއަމްގެ މިޑްފީލްޑަރު ޔަމިކް ކަރަސްކޯ އެތުލެޓިކޯއަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އިރު އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކުރީ އާޖެންޓީނާގެ ފޯވާޑް އެންހަލް ކޮރިއޭ އެވެ. ސޮސިއެޑާޑަށް މެޗުގައި ސުންކަނޑުވާލަދިން ލަނޑު މެވު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު އިގޯ ޒުބެލްޑިއާ އެވެ.

ލީގުގައި އެތުލެޓިކޯ އަށް ދެން ބާކީ އޮތީ ދެ މެޗެވެ. އެއީ 11 ވަނައިގައި އޮތް އޮސަސޫނާ އާ ދެކޮޅަށް އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗާއި، އޭގެ ހަފްތާއެއް ފަހުން ރެލިގޭޝަން ޒޯންގައި އޮތް ރެއާލް ވަލަޑޮލިޑް އާ ދެކޮޅަށް ރަށުން ބޭުރުގައި ކުޅޭ މެޗެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!