މިދިޔަ ގާތްގަނޑަކަށް ދެ ދުވަހަކީ ދުނިޔޭގެ ފުޓްބޯޅައިގައި އާދަޔާހިލާފު އޮއިވަރެއް އުފެދި ފައިބައިގެން ދިޔަ ދެ ދުވަހެވެ. މި ބޮޑު ކަންތައްގަނޑު ފެށުނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ދަ ޓައިމްސްގައި 20 ޓީމަކުން ބައިވެރިވާ ޔޫރަޕިއަން ސުޕަ ލީގުގައި އިނގިރޭސި ބޮޑު ފަސް ކްލަބަކުން ބައިވެރިވާން ނިންމައިފި ކަމަށް ބުނާ ހަބަރެއް ޝާއިއުކުރި ހިސާބުންނެވެ.
މުބާރާތުގައި ބައިވެރިވި އިނގިރޭސި ޓީމުތަކުގެ ތެރެއިން އެ ހަބަރުގައި ނެތީ މެންޗެސްޓަ ސިޓީ އެވެ. އޭގެ މާ ގިނަ އިރުތަކެއް ނުވެ ސިޓީންވެސް މުބާރާތުގައި ބައިވެރިވާ ކަމަށާއި، އޭގެ އިތުރުން ސްޕެއިން އާއި އިޓަލީގެ އެންމެ ވަރުގަދަ ތިން ކްލަބްވެސް ބައިވެރިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރަން ފެށި އެވެ. އަދި، އެ ހަބަރުތަކުގައި އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ރަސްމީކޮށް މުބާރާތް އިއުލާން ކުރާނެ ވާހަކަ ވެސް އޮތެވެ.
އެކަމަކު އޭގެ މާކުރިން ދެން ފެނުނީ ފުޓްބޯޅަ ސަޕޯޓަރުން ކެކިގަތްތަނެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި، ކޯޗުންނާއި، ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުންނާއި އަދި ފުޓްބޯޅައަށް ލޯބިކުރާ އެތައް ބަޔަކު ސުޕަ ލީގާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ފަތުރާލީ ރުޅިވެރިކަމުގެ ބޮޑު އަލިފާންގަނޑެކެވެ. ސުޕަ ލީގުގައި ބައިވެރިވި ކްލަބްތަކަށް ބައެއް ފަރާތްތަކުން ދިނީ ކުރު ދޮށިންނެވެ. ސަޕޯޓްކުރާ ކްލަބްކަމަށް ވިޔަސް އެވަގުތު އެ މީހުންގެ ހިތުގައި ހަމައެކަނި ހިނގީ ފުޓްބޯޅައިިގެ އިހުލާސްތެރި ޖޯޝެވެ.
އޭގެ ފަހުން އިނގިރޭސި ސަރުކާރުން އެމީހުންގެ ބަސް އިއްވި އެވެ. ޔޫރަޕިއަން ސުޕަ ލީގާ މެދު އެމީހުންގެ އޮތް ހިތްހަމަނުޖެހުން ފާޅުކުރަމުން އިނގިރޭސި ސަރުކާރުން ބުނެފައިވަނީ އެއީ ފުޓްބޯޅައަށް ގެއްލުންހުރި ކަމެއް ކަމަށާއި، އެކަމާ ދެކޮޅަށް ފުޓްބޯޅައާ ގުޅުންހުރި އިދާރާތަކުން ފިޔަވަޅު އަޅަން ތާއީދުކުރާ ކަމަށެވެ.
މިހުރިހާ ކަމެއްގެ ހޫނުގަނޑުގެ ތެރެއިން އަސްލު މަންޒަރު ފާޅުވީ ދެނެވެ. ސުޕަ ލީގުގައި ބައިވެރިވި ކްލަބްތަކުން އެކަން ރަސްމީކޮށް އިއުލާންކުރަން ފެށީ އާދީއްތަ ދުވަހުގެ ރޭ ވަރަށް ދަންވެސްވީ ފަހުންނެވެ. ކޮންމެ ކްލަބަކުންވެސް އެ ކްލަބެއްގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކުރަމުން އައީ އެއް ބަޔާނެކެވެ. އެމީހުން ބުނަމުން އައީ އޯގަސްޓް މަހު މުބާރާތް ފަށާނެ ކަމަށާއި، އެ މުބާރާތުގައި އެ ކްލަބްތަކުން ބައިވެރިވީ ފުޓްބޯޅަ އޭގެ ހައްގު މަގާމަށް ގެންދިއުމަށްޓަކައި ކަމަށެވެ.
ޖެހިގެން އައީ ހޯމަ ދުވަހުގެ އިރު ދުނިޔެ މައްޗަށް އެރީ ސުޕަ ލީގާ ދެކޮޅަށް ސަޕޯޓަރުންގެ އެކި ޖަމާއަތްތަކުން ފާޅުކުރަމުން އައި ނުރުހުމާ އެކު އެވެ. ބައެއް ފަރާތްތަކުން ސިފަކުރީ އެއީ ސަޕޯޓްކުރާ ކްލަބުން އެމީހުންނަށް ބޭވަފާތެރިވުމެއްގެ ގޮތުގަ އެވެ.
ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް ފުޓްބޯޅައިގެ މުޅި ދުނިޔެ ކަހަލަ ގޮތަކަށް ތެދުވެ ބަސް ބުނަން ފެށުމާއެކު ދެން ފެނުނީ ލީގާއި ދެކޮޅަށް އަތުވެދާނެ ނުރައްކާތެރި ހަމަލާއަކުން ދުރާލާ ސަލާމަތްވެ ތިބުމަށްޓަކައި ސުޕަ ލީގުން މަސައްކަތްތަކެއް ފެށި ތަނެވެ. އެގޮތުން ހޯމަ ދުވަހުގެ ހެދުނު ހެދުނާ ފީފާ އަށާއި، ޔޫއެފާ އަށް ސުޕަ ލީގުން ނޯޓިސް އެއް ފޮނުވި އެވެ. އޭގައި އޮތީ ލީގާ ދެކޮޅަށް އެ ދެ އިދާރާއިން އަޅައިފާނެ ފިޔަވަޅަކުން ރެކުމަށްޓަކައި ކޯޓްތައް މެދުވެރިކޮށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ލީގުން ކުރަމުން އަންނަ ވާހަކަ އެވެ.
ސުޕަ ލީގުން ފޮނުވި ނޯޓިސް އަށް ފަރުވާލެއް ނުބަހައްޓައި ޔޫއެފާގެ ރައީސް އެލެކްޒެންޑާ ކެފެރެއިން ހޯމަ ދުވަހުގެ މެންދުރުފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއެއްވައި ހަމައެކަނި މުބާރާތާއި، ބައިވެރިވާ ކްލަބްތައް ކުށްވެރި ކުރީއެއް ނޫނެވެ. އޭގެ އިތުރަށް މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަށް މި އަހަރު އޮންނަ ޔޫރޯ ޗެމްޕިއަންޝިޕްގަ އާއި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގައުމު ތަމްސީލްކުރަން ފުރުސަތު ނެދޭނެ ކަމުގެ އިންޒާރުވެސް ކެފެރެއިން ދިނެވެ. އަދި ނުވި ތާކަށް ރޭ މެންޗެސްޓާ ޔުނައިޓެޑްގެ ވައިސް ޗެއާމަން ކަމުގެ މަގާމުން އިސްތިއުފާ ދިން އެޑް ވުޑްވަޑަށާއި، ޔުވެންޓަސްގެ އެންޑްރޭ އަގްނެއްލީ އަށް ހަރުފަ އަށްވެސް ކެފެރެއިން ގޮވިއެވެ.
އޭގެ ފަހުން ދެން ފެނުނީ އަދި މާ ތަފާތު މަންޒަރެކެވެ. މުބާރާތުގައި ބައިވެރިވި ކަމަށް އިއުލާންކުރި އެއް ކްލަބްކަމަށްވާ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ސުޕަ ލީގާ ދެކޮޅަށް ވާހަކަދެއްކި ތަނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހު ލީޑްސް އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުނެފައިވަނީ ސުޕަ ލީގު ހަގީގަތަކަށް ވާން އޭނާ ބޭނުންނުވާ ކަމަށެވެ. އަދި، މެޗަށް ފަހު ކްލަޕްގެ ވާހަކަތައް ލިވަޕޫލްގެ ތަޖްރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާ ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.
މިކަންކަން މިހެން ހިނގަމުން ދަނިކޮށް ސުޕަ ލީގުގެ ރައީސް ކަމަށް އައްޔަންކުރި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ސްޕެއިންގެ ޓީވީ އަށް އަރައި މުބާރާތުގެ މަގްސަދު ސާފުކޮށްދިނެވެ. ޕެރޭޒް ބުނިގޮތުގައި މުބާރާތް ބާއްވަނީ ފުޓްބޯޅަ ސަލާމަތްކުރުމަށް ކަމަށާއި، ކްލަބްތައް އޮތީ ފުން އަނދަވަޅެއްގެ ތުންފަތްމަތީގައި ކަމަށެވެ.
ޖެހިގެން އައި އަންގާރަ ދުވަހުގެ އެންމެ ބޮޑު ހަބަރަކަށްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެއް ގޮތަކަށްވެސް ސުޕަ ލީގު ބަލައިނުގަންނަ ކަމަށް ބުނި ހަބަރެވެ.
ފުޓްބޯޅައިގެ ބައިނަލްއަގްވާމީ އިދާރާތަކުން ދިން އިންޒާރާއި، ކޯޗުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ނުރުހުމަށް އިނގިރޭސި ކްލަބްތަކަށް ކެތްކޮށްލެވުނީ އަންގާރަ ދުވަހުގެ ރެއާ ހަމައަށެވެ. އެންމެ ފުރަތަމަ އަމާންދިނީ މެންޗެސްޓާ ސިޓީންނެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ސުޕަ ލީގާ ދެކޮޅަށް ވަރުގަދަ އަށް ނުރުހުން ފާޅުކުރިތާ މާ ގިނަ އިރު ތަކެއް ނުވަނީސް ސިޓީން މުބާރާތުން ވަކިވާން ނިންމި ހަބަރު މީޑިއާ އަށް ތިލަވި އެވެ. އޭގެ ފަހުން ޗެލްސީންވެސް ސިޓީގެ ފަހަތުން ނުކުންނަން ދުއްވައިގަތެވެ. ރޭ ނިމިގެންދިޔަ އިރު މުބާރާތުގައި އިނގިރޭސި އެންމެ ކްލަބެއްވެސް ނެތެވެ. އިނގިރޭސި ކްލަބްތަކެކޭ އެއްގޮތަށް އިޓަލީ އާއި ސްޕެއިންގެ ކްލަބްތަކުންވެސް މުބާރާތުން ވަކިވި ކަމުގެ ކަށަވަރު ނޫން ހަބަރުތަކެއް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރި އެވެ.
ކޮންމެއަކަސް މުބާރާތް އިއުލާންކުރިތާ އެންމެ ތިން ދުވަސް ނުވަނީސް މި ހާލަތައް ސުޕަ ލީގު ވެއްޓުމާއެކު އެ ލީގުގެ ފަރާތުން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ޕްރޮޖެކްޓް އަދި މުޅިން ދޫކޮށްނުލާ ކަމަށާއި، އެކަމަކު އަލުން މުބާރާތް ބައްޓަންކޮށްގެން އެނބުރި އަންނަން ވަގުތު ނަގާނެ ކަމަށެވެ.