ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫއެފާއިން އަވޭ ގޯލް އުސޫލު އުވާލައިފި

ޔޫއެފާއިން އަވޭ ގޯލް އުސޫލު އުވާލައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 25 ޖޫން 2021

އަންނަ ސީޒަނުން ފެށިގެން ޔޫރަޕްގައި ބޭއްވޭ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގައި އަވޭ ގޯލް އުސޫލު ބޭނުންކުރުން ހުއްޓާލަން ޔޫއެފާ އިން ނިންމައިފި އެވެ. 1965 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންއައި މި އުސޫލަކީ ދެ ލެގުގެ މައްޗަށް ކުޅެވޭ މެޗްތަކުގެ ނަތީޖާ އެއްވަރުވާ ހިނދު އެ ދެ ލެގުގައި އަވޭ ގޯލް އެންމެ  ގިނައިން ޖަހާ ޓީމަކަށް ކުރި ލިބޭ ގޮތަށް އޮންނަ އުސޫލެކެވެ.

ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގައި މިހާތަނަށް އަމަލުކުރަމުން އައި ގޮތަކީ ދެ ލެގުގެ މައްޗަށް ކުޅޭ މެޗެއްގެ އެގްރިގޭޓް ނަތީޖާ ފަހު ލެގުގެ ފުރިހަމަ ވަގުތު ހަމަވާއިރު އެއްވަރުވެފައި އޮވެއްޖެ ނަމަ 15 މިނެޓްގެ ދެ ހާފް އަދި އެ ހިސާބުންވެސް ނަތީޖާ ހަމަހަމަވެއްޖެ ނަމަ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުމެވެ.

“މިހާރަށް ބަލާއިރު އަވޭ ގޯލަށް ބުރަދަނެއް ދިނުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން.  ” ޔޫއެފާގެ ރައީސް އެލެކްސެންޑަ ކެފެރެއިން ބުނެފައިވެ އެވެ.

ޔޫއެފާގެ ފަރާތުން ބާއްވާ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގައި އަވޭ ގޯލް އުސޫލު ބޭނުންކުރުން ހުއްޓާލަން ފެންނަކަމަށް ބުނެ އެ އިދާރާއެއް ޕްރޮޕޯސަލެއް ހުށަހެޅީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެެވެ. މި ހުށަހެޅުން މިހާރު މިވަނީ ޔޫއެފާގެ އެގްޒެކިއުޓިވް ކޮމިޓީން ފާސްކޮށްފަ އެވެ.  މި ނިންމުމާއެކު ޔޫރަޕްގައި ކުޅެމުން އަންނަ ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގު އަދި ޔޫރޮޕާ ކޮންފަރެންސް ލީގުގެ އިތުރުން ވިމެންސް ޗެމްޕިއަންސް ލީގުގައި އަވޭ ގޯލް އުސޫލަށް އަމަލުކުރުން އަންނަ ސީޒަނުން ފެށިގެން ހުއްޓާލާނެ އެވެ.

ޔޫއެފާ އިން ބުނެފައިވާ ގޮތުގައި މުބާރާތްތަކުގައި ކްލަބްތަކުން އެ މީހުންގެ ހޯމްގަ އާއި އަދި އަވޭގައި ހޯދާ މޮޅުގެ އަދަދުގައި މާބޮޑު ތަފާތެއް އުސޫލު ތައާރަފްކުރި އިރާ އަޅާ ބަލާއިރު މިހާރު ނުހުންނަ ކަމަށާއި ހަމަ އެގޮތަށް ހޯމް މެޗްގައާއި އަދި އަވޭ މެޗްގައި ޖަހާ ގޯލްގެ އަދަދުގައިވެސް މާ ބޮޑު ތަފާތެއް ނުހުންނަ ކަމަށެވެ. އެ އިދާރާއިން ގަބޫލުކުރާގޮތުގައި އެ ތަފާތުތައް ކުޑަވީ ކްލަބްތަކުން މެޗް ކުޅެން ބޭނުންކުރާ ދަނޑުތަކާއި ސްޓޭޑިއަމްގެ ފެންވަރު ރަގަޅު ވުމާއި، މިފަހުން އަލަށް ތައާރަފްކުރެވުނު ވީއޭއާރު ފަދަ ބައެއް ސަބަބުތަކާ ހުރެ ކަމަށެވެ.

އަވޭ ގޯލް އުސޫލު އުވާލަން ޔޫއެފާއިން ނިންމުމުގައި މެޗްގެ އެގްރިގޭޓް ނަތީޖާ އެއްވަރުވުމުން ދެވަނަ ލެގުގައި އިތުރު ވަގުތު ކުޅޭއިރު ހޯމް ޓީމަށް އެޑްވާންޓޭޖެއް އޮތުން ފާހަގަކޮށްފައިވެ އެވެ.

“އަވޭ ގޯލާއި ގުޅިގެން މިފަހަކަށް އައިސް އެއި އެއް ފާޑުކިޔުމަކީ ދެވަނަ ލެގުގައި އިތުރު ވަކުތު ކުޅެންޖެހޭ އިރު އަވޭ ޓީމުން ގޭލެއް ޖަހައިފި ނަމަ ހޯމް ޓީމުން ދެ ގޯލް ޖަހަންޖެހޭ ގޮތަށް އޮންނަ އޮތުން އިންސާފުވެރި ނުވުން.” ޔޫއެފާގެ ރައީސް ކެފެރެއިން ބުނެފައިވެ އެވެ.

 

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!