އަލަށް ތައާރަފްކުރި ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ޕްރިމއާަ ލީގުގެ ހަ ކްލަބްވެސް މުބާރާތުން ވަކިވެއްޖެ އެވެ. މުބާރާތުގައި ބައިވެރިވި 12 ކްލަބްގެ ތެރެއިން ޕްރިމިއާ ލީގުން ބައިވެރިވި ހަ ކްލަބްވެސް ރަސްމީކޮށް މުބާރާތުން ވަކިވެފައި މިވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަރަށް ބޮޑަށް ސުޕަ ލީގަށް އަމާޒުވެފައި ވަނިކޮށެވެ.
ސުޕަ ލީގުން އެންމެ ފުރަތަމަ ވަކިވި އިނގިރޭސި ކްލަބަކީ މެންޗެސްޓަ ސިޓީ އެވެ. އޭގެ ފަހުން ޗެލްސީންވެސް ވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން އެކަމަށް މަސައްކަތް ފަށައިފަ އެވެ. ސިޓީ އާއި ޗެލްސީގެ އިތުރުން މުބާރާތުގައި ބައިވެރިވި އިނގިރޭސި އަނެއް ހަތަރު ކްލަބަކީ ލިވަޕޫލް، މެންޗެސްޓަ ޔުނައިޓެޑް، އާސެނަލް އަދި ޓޮޓެންހަމް އެވެ. އިނގިރޭސި ހަ ކްލަބްގެ އިތުރުން ދެން މުބާރާތުގައި ބައިވެރިވެފައިވަނީ ބާސެލޯނާ، ރެއާލް މެޑްރިޑް، އެތުލެޓިކޯ މެޑްރިޑް، ޔުވެންޓަސް، އިންޓަ މިލާން އަދި އޭސީ މިލާނުންނެވެ. މިއިން އެއްވެސް ކްލަބުން މުބާރާތުން ވަކިވުމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނެތެވެ.