ފުރަތަމަ ސަފްޙާ / ޚަބަރު / ސިޓީ ބަލިކޮށް ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް

ސިޓީ ބަލިކޮށް ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 17 އެޕްރީލް 2021

އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ވެމްބްލީ ސްޓޭޑިއަމްގައި 1-0 އިން މެންޗެސްޓަރ ސިޓީ ބަލިކޮށް ޗެލްސީ އިން ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

މެޗުން ބަލިވުމުން މި ސީޒަނުގައި ހުރިހާ ތައްޓަކަށް ވާދަކުރަމުން އަންނަ ސިޓީ އަށް މިހާރު ވަނީ އެ ފުރުސަތު ގެއްލިފަ އެވެ. އަންނަ ހަފްތާ ބަންދުގައި ސިޓީން އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ނުކުންނައިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ސިޓީ ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ. އަދި، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އެޓީމު އޮތީ ބޮޑު ލީޑެއްގަ އެވެ. ފައިނަލުގައި ޗެލްސީ ނުކުންނާނީ ދެ ވަނަ ސެމީގައި މާދަމާ ރޭ ލެސްޓާ ސިޓީ އާއި ސައުތެމްޓަން ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލުގައި ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ޗެލްސީ ވަނީ އާސެނަލް އަތުން ބަލިވެފަ އެވެ. މިރޭގެ މޮޅާއެކު ޗެލްސީ ވަނީ އެފްއޭ ކަޕްގެ ތާރީހުގައި 15 ވަނަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފަ އެވެ. އަށް ފައިނަލުން މޮޅުވިއިރު ހަ ފައިނަލުން އެޓީމު ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން މިރޭގެ މެޗަކީ މިއަހަރު ގޯލެއް ނުޖެހި ސިޓީ ނިންމާލި ފުރަތަމަ މެޗެވެ.

މެޗުގައި ޗެލްސީގެ ހަކީމް ޒިޔެޗް ޖެހި ގޯލެއް އެވަގުތު އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފަ އެވެ. އަދި އެޓީމުގެ ޑިފެންޑަރު ބެން ޗިލްވެލް އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. މެޗުގެ ދެ ވަނަ ހާފުގެ ތިން ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ސިޓީގެ މުހިއްމު ކުޅުންތެރިޔާ ކެވިން ޑި ބްރޭނާގެ ބަދަލުގައި ފިލް ފޯޑެން ވަނީ ކުޅެން އަރައިފަ އެވެ. މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު 55 ވަނަ މިނެޓުގައި ޖެހީ ޒިޔެޗް އެވެ. ޓިމޯ ވާނާ ހުސްކޮށްލާފައި ޖައްސާލި ބޯޅަ ޒިޔެޗް ފޮނުވާލީ ހުސް ގޯލެއްގެ ތެރެއަށެވެ. ޒިޔެޗްގެ ގޯލަކީ ޗެލްސީ އަށް އޭނާ މި ސީޒަނުގައި ކާމިޔާބުކޮށްދިން ފަސް ވަނަ ލަނޑެވެ. މެޗުގެ ފަހުކޮޅު ސިޓީން ވަނީ ކުރިއަށް ޖެހި އެއްވަރުކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ބޮޑަށް ޑިފެންސަށް ސަމާލުކަން ދީގެން ކުޅެމުން އައި ޗެލްސީގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއްނުލެވުނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!