ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ 3-1 އިން ޓީސީ ސްޕޯޓްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގައި މިހާތަނަށް މާޒިޔާ ބަލިވެފައި ނުވާއިރު ކުޅުނު 12 މެޗުން އަށް މެޗު ކާމިޔާބުކޮށް ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. އެޓީމަށް 28 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓް ލިބިފައިވާ ކްލަބް ވެލެންސިއާ އެވެ. ތިން ވަނައިގައި އޮތީ 12 މެޗުން 19 ޕޮއިންޓް ލިބިފައިވާ ކްލަބް ގްރީން ސްޓްރީޓްސް އެވެ. މާޒިޔާ އަތުން ބަލިވި ޓީސީ މިހާރު ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އެޓީމަށް 13 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު ހަ ވަނައިގައި އޮތް ކްލަބް އީގަލްސް ވެސް ވަނީ ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިފަ އެވެ.

މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެން. އެޓީމު ވަނީ އެއް ވަނައިގައި ބޮޑު ލީޑެއް ނަގާފައި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މާޒިޔާގެ ބިދޭސީ ގޯލްކީޕަރު އަނިޔާގައި ހުރުމުން މިރޭ ވެސް ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު ހުސައިން ޝަރީފް އެވެ. މެޗަށް ނުކުތްއިރު ޓީސީގެ ޒުވާން މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު ހުރީ ސަސްޕެންޝަނުގަ އެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ މާޒިޔާ އިންނެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މި ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ގައުމީ ޓީމާ އެކު ހުރުމުން މާޒިޔާއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކޯނޭ ކުޅެފައެއްނުވެ އެވެ. އޭނާ ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) ހުރަސްކޮށްދިން ބޯޅަ ބޮލުން ފޮނުވާލައިގެންނެވެ. މާޒިޔާ ލީޑުގައި އޮއްވައި ޓީސީން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު މުހައްމަދު އައްޒާމް ޖެހި ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އައްޒާމް ފޮނުވާލި ބޯޅަ ގޯލަށް ވަނީ މާޒިޔާގެ ޖަޕާން ކުޅުންތެރިޔާ ޓަކާޝީ އޮޑަވާރާގެ ގައިގައި ޖެހިފަ އެވެ. މާޒިޔާއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ 60 ވަނަ މިނެޓާއި 68 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ޖަހައިދިން ލަނޑުތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފޭދޫ އިއްބެ މި ދެ ލަނޑު ވެސް ޖެހީ ކޯނޭ ތަނަވަސްކޮށްދިން ފުރުސަތުތަކުގަ އެވެ.
ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑސް ވިކްޓްރީ (ޔޫވީ) އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.