ފުރަތަމަ ސަފްޙާ / ޚަބަރު / ވެލެންސިއާގެ ގޯލު ބޮޑުތަނުން އޮފްސައިޑް، އެންމެން ރިޕްލޭ ބަލާ: ނިސްތާރު
ފަހުމިނެޓް

ވެލެންސިއާގެ ގޯލު ބޮޑުތަނުން އޮފްސައިޑް، އެންމެން ރިޕްލޭ ބަލާ: ނިސްތާރު

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 30 މާރޗް 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ވެލެންސިއާ އިން ގްރީން ސްޓްރީޓްސް ކޮޅަށް ޖެހި ފުރަތަމަ ލަނޑު ބޮޑުތަނުން އޮފްސައިޑްކަމަށް ބުނެ، އެ ލަނޑުގެ ރިޕްލޭ ބެލުމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ސަޕޯޓަރުންގެ ކިބައިން އެދިއްޖެ އެވެ. ލީގުގައި ރޭ ގްރީން ސްޓްރީޓްސްގެ މައްޗަށް ވެލެންސިއާއިން ކުރި ހޯދީ 3-0 އިންނެވެ.

ރޭގެ މެޗުގައި ވެލެންސިއާއިން ލީޑު ނެގި ލަނޑު 42 ވަނަ މިނެޓުގައި ޖެހީ އެންމެފަހުގެ ޓްރާންސްފާ ބާޒާރުގައި އެޓީމާ ގުޅުނު ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އެވެ. މެޗުގެ އޮފިޝަލުންގެ ނިންމުންތަކާ މެދު ގްރީން ސްޓްރީޓްސް އިން ހިތްހަމަނުޖެހުން ފާޅުކުރީ އެ ލަނޑު ޖެހިއިރު ބޯހަސް އޮފްސައިޑް ކަމަށްބުނެ އެވެ.

“އެހާބޮޑުތަނެއް ސައިޑްވެފަ އޮތް އެއްޗެއް ދެން އަޅުގަނޑަކަށް ނޭނގޭ ކިހިނެއްވާ ކަމެއްކަމެއް. ވެލެންސިއާއާ ކުޅެންޏާ އަބަދު މިހެންއެބަދިމާވޭ. ދެން އެބަޖެހޭ ކަންނޭނގެ މިއަށް ވާގޮތެއް ބަލަން. ގްރީން ސްޓްރީޓްސް އަކީ މަޖަލަށް ކުޅެން ނުކުންނަ ބައެއްނޫން. އެއީ އަޅުގަނޑަށް އެނގޭ އެއްޗަކީ” އަލީ އަޝްފާގް (ދަގަނޑޭ) ގެ އެހީތެރިކަމާއެކު ބޯހަސް ޖެހި ލަނޑަށް އިޝާރަތްކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި ނިސްތާރު ބުންޏެވެ.

ވެލެންސިއާއިން ފުރަތަމަ ލަނޑު ޖެހުމާ ހަމައަށް ގްރީން ސްޓްރީޓްސް އިން ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.މި ހާފުގައި އެޓީމުގެ އަބްދުﷲ ޔާމީން (ޔާން) އާއި އަންސަރު އިބްރާހީމް (އަންކޮ) އަށް ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ.

“އަޅުގަނޑުގެ ރިކުއެސްޓަކީ މިބުނާ ފުރަތަމަ ގޯލު ބަލާލައްވާށޭ. އެވަރަށް ކުޅެކުޅެ ހުއްޓަ ދެން އެހިސާބަށް ދިޔައީމަ ވާނީ ކިހިނެއް؟ ރިޕީޓް ބަލާލީމަ އެނގޭނެ” ނިސްތާރު ބުންޏެވެ.

ސެންޓޭ އަތުން ބޯޅަ ހޯދަން ގްރީންގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. ވެލެންސިއާގެ ފުރަތަމަ ލަނޑު އޮފްސައިޑް ކަމަށްބުނެ ގްރީން ސްޓްރީޓްސްގެ އިން ރޭ ނުރުހުން ފާޅުކުރި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މެޗުގައި ވެލެންސިއާގެ ދެ ވަނަ ގޯލު ވެސް ޖެހީ ސްޕެއިން ފޯވާޑް ބޯހަސް އެވެ. ބޯހަސް އަކީ ކުރިން ފިންލެންޑުގެ ފުރަތަމަ ޑިވިޝަނުގެ އިތުރުން ސްޕެއިންގެ އެކި ޑިވިޝަންތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މެޗުގައި ވެލެންސިއާގެ ފަހު ގޯލު 89 ވަނަ މިނެޓުގައި ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ.

ރޭގެ މެޗަކީ ލީގު މެދުކަނޑާލުމަށް ފަހު އަލުން ކުޅެން ފެށިފަހުން ވެލެންސިއާއިން ކުޅުނު ފުރަތަމަ މެޗެވެ. މެޗަށްފަހު ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ގިނަ ދުވަސްތަކަކަށްފަހު ކުޅުނު ފުރަތަމަ މެޗުން މޮޅެއް ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

“މޮޅުވީމަ ވަރަށް އުފާވޭ. މެޗެއް ނުކުޅެ އާ ކުޅުންތެރިންތަކާއެކު ތަންކޮޅެއް އުނދަގޫކޮށް ފެނިގެންދިޔައީ. އެހެންނަމަވެސް ފަހުން ސްކޯރ ކުރެވުނު ފަހުން ޓީމުގެ ލެވެލްގައި ބޯޅަ ކުޅެފި. އުއްމީދު ކުރަނީ ފަހު ފާހުގައި ފެނުނު ކުޅުން ދެން މެޗުތަކުގައި ފެނިގެންދާނެކަމަށް” އާތީ ބުންޏެވެ.

ލީގުގެ އެއް ވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. ރޭގެ މޮޅާ އެކު ވެލެންސިއާ އޮތީ 10 މެޗުން ލިބުނު 18 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް 10 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ގްރާންޑޭ ވަނީ އިއްޔެ ހަވީރު ކްލަބް އީގަލްސްއާ ވާދަކޮށް 1-1 އިން އެއްވަރުކޮށްފަ އެވެ. ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 10 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާއިރު މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!