ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ނުގޮސް މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ޔުވެންޓަސް މުބާރާތުން ކަޓައިފި އެވެ. ޔުވެންޓަސް މުބާރާތުން ކެޓީ ރޭ ކުޅުނު ގަދަ 16 ގެ ފަހު ލެގުގައި ޕޯޓޯ އާ ވާދަކޮށް 2-3 އިން މޮޅުވި ނަމަވެސް އެގްރިގޭޓް ނަތީޖާ އެއްވަރުވެ އަވޭ ގޯލުގެ ތަފާތުން ކުރި ނުލިބުމުންނެވެ.
މިދިޔަ މަހު ޔުވެންޓަސް އާ ޕޯޓޯ ވާދަކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-2 އިން ޕޯޓޯ މޮޅުވެގެންނެވެ. ރޭ އިޓަލީގައި ކުޅުނު މެޗުގައިވެސް ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ޕޯޓޯ އިންނެވެ. މި ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ސާޖިއޯ އޮލިވޭރާ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފް ނިމި ފަހު ހާފު ފަށައިގެން ހަތަރު ވަނަ މިނެޓްގެ ތެރޭގައި ޔުވެންޓަސްގެ ފެޑެރީކޯ ކިއޭސާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި، މެޗުގެ 69 ވަނަ މިނެޓްގައި ހުއާން ކުއާޑްރާޑޯ ނަގައިދިން ހުރަހެއް ބޮލުންޖަހައި ޕޯޓޯގެ ގޯލަށް ވައްދާލައިގެން ކިއޭސާ ޔެންޓަސް އަށް ލީޑު ނަގައިދިނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު އެގްރިގޭޓް ނަތީޖާ އާއި އަވޭ ގޯލު ވެސް އެއްވަރުވެފައި އޮތުމާއެކު ދެން ކުޅެން ފެށީ އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފެވެ. އޭރު މެޗުގެ 53 ވަނަ މިނެޓްގައި ޕޯޓޯގެ ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑަކާ އެކު އެ ޓީމު ކުޅެމުން އައީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެކަމަކު އޭގެ ފައިދާ ޔުވެންޓަސް އަށް އެންމެ ރަގަޅަށް ނުނެފގި އުޅެނިކޮށް ދެން އަނެއްކާވެސް ފެނުނީ ޕޯޓޯގެ އޮލިވޭރާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި ތަނެވެ. ގޯލާ ފުދޭ ވަރަކަށް ދުރުން އޮލިވޭރާ ފޮނުވާލި ހިލޭ ޖެހުމަކުން ޕޯޓޯ އަށް ކުއާޓަރ ފައިނަލްގެ އުއްމީދު އާ ކޮށްދިން އިރު މެޗު ނިމެން އޮތީ އެންމެ ފަސް މިނެޓެވެ. އެކަމަކު އޭގެ ދެ މިނެޓް ފަހުން ޔުވެންޓަސް ގެ އެޑްރިއެން ރެބިއޯ ގޯލެއް ޖަހައި ޔުވެންޓަސް އަށް އަލުން ލީޑް ހޯދައިދިނުމާ އެކު ޔުވެންޓަސް އިން މެޗުގެ ނަތީޖާ އެމީހުން ކޮޅަށް އަނބުރާލަފާނެ ކަމަށް ހީކުރެވުނެވެ. އަދި އެކަން ވުމާ ވަރަށް ގާތަށްވެސް އެ ޓީމުން ދިޔަ އެބެ. ޔުވެންޓަސްގެ އެ މަސައްކަތް ނާކާމިޔާބުވީ މެޗުގެ އެންމެ ފަހު މިނެޓްގައި އެ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާ ޕޯޓޯގެ ގޯލްކީޕަރު އޮގަސްޓިން މާކެސިން ހުށިޔާރު ކަމާއެކު ދިފާއުކުރުމުންނެވެ.
މިއީ އަވޭ ގޯލުގެ ތަފާތުން މި މުބާރާތުގެ މިހާ ހިސާބުން ޔުވެންޓަސް ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ. އަނެއްކޮޅުން މިއީ ޕޯޓޯ މިދިޔަ ތިން އަހަރުގެ ތެރޭގައި މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ.