ފުރަތަމަ ސަފްޙާ / ޚަބަރު / ހާލަންޑްގެ މޮޅު ކުޅުމާއެކު ޑޯޓްމަންޑުން ކުރީ ސީޓު އަތުލައިފި

ހާލަންޑްގެ މޮޅު ކުޅުމާއެކު ޑޯޓްމަންޑުން ކުރީ ސީޓު އަތުލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 17 ފެބްރުއަރީ 2021

ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ސެވިއްޔާ ކޮޅަށް ވައްދާލި ދެ ލަނޑާއެކު ބޮރޫޝިއާ ޑޯޓްމަންޑުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި އެ ޓީމުގެ މައްޗަށް ޑޯޓްމަންޑުން ކުރި ހޯދީ 2-3 އިންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސެވިއްޔާ އިންނެވެ. މެޗުގެ ހަތްވަނަ މިނެޓްގައި ސެވިއްޔާ އަށް ލީޑް ނަގައިދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ފެނާންޑެސް ސައެޒް އެވެ. އެކަމަކު އޭގެ 12 މިނެޓް ފަހުން ހާލާންޑް ދިން ބޯޅައަކުން ޑޯޓްމަންޑްގެ މަހްމޫދު ދަހޫދު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ އަށް މިނެޓް ފަހުން ދެން ފެނުނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައިވެސް މޮޅު ކުޅުމެއް ދެއްކި ހާލަންޑް ލަނޑެއް ޖަހައި  ޑޯޓްމަންޑަށް ލީޑް ހޯދައިދިން ތަނެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހާލަންޑް އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-3 އަށް ބަދަލުކުރި އެވެ. ހާލަންޑްގެ މި ދެ ގޯލާ އެކު ޗެމްޕިއަންސް ލީގުގައި އޭނާ މިހާތަނަށް ކުޅުނު 13 މެޗުގައި ޖެހި ގޯލުގެ އަދަދު 18 އަށް އެރީ އެވެ.

ދެ ލަނޑުގެ ލީޑެއްގައި ޑޯޓްމަންޑުން ފުރަތަމަ ހާފު ނިންމާލި އިރު މެޗުގެ ނަތީޖާ ސެވިއްޔާ ކޮޅަށް އަނބުރާލުމަށްޓަކައި ސެވިއްޔާ އިން  ފަހު ހާފުގައި ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އެކަމަށްޓަކައި ކުރި މަސައްކަތުން ސެވިއްޔާ އަށް ކުރެވުނު ހަމައެކަނި ވަރަކީ މެޗު ނިމެން ހަ މިނެޓަށް ވެފައި އޮއްވައި ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަ ކުރުމެވެ. މެޗުން ބަލިވި ކަމުގައި ވިޔަސް ކުއާޓަރ ފައިނަލަށް ދިއުމަށް ސެވިއްޔާ އަށް ކޮންމެވެސް ވަރެއްގެ އުއްމީދު ގެނެސްދިން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންގް އެވެ. އެ ލަނޑަށް ފަހު މެޗުގެ ނަތީޖާ ސެވިއްޔާ އިން ހަމަހަމަކޮށްފާނެ ކަމަށް ހީކުރެވުނު  ވަގުތެއް ވެސް އައެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސެވިއްޔާ އިން ޕެނަލްޓީ އަކަށް އެޕީލް ކުރި ކުރުން ވީއޭއާރުން ވަނީ ތެދުކަމަށް ބަލައި ނުގެންފަ އެވެ.

ސެވިއްޔާ އާއި ޑޯޓްމަންޑް ރޭ ވާދަކުރި މެޗުގައި ތަރިއަކަށްވި ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި އޭނާ އާ އިދިކޮޅަށް ކުޅުނު ކޮންމެ ޓީމެއްގެ ކޮޅަށްވެސް ގޯލް ޖަހައިފަ އެވެ. އަދި އޭނާ ވަނީ މުބާރާތުގައި މިހާތަނަށް ޖެހިޖެހިގެން ތިން މެޗުގައި ދެ ގޯލު ކާމިޔާބުކުރި ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް މިހާރު ހިމެނިފަ އެވެ. މިކަން ކޮށްފައިވާ އަނެއް ހަތަރު ކުޅުންތެރިންނަކީ ފިލިޕޯ އިންޒާގީ އާއި ޖިއޮވާނީ އެލްބާ ގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޡޑޯ އާއި ރޮބަޓް ލެވޮންޑޮސްކީ އެވެ.

ސެވިއްޔާ އާއި ޑޯޓްމަންޑް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޖަރުމަނު ގައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!