ފުރަތަމަ ސަފްޙާ / ޚަބަރު / އަހަރެމެންނާ މެދު ނުވިސްނާ: ކްލޮޕް

އަހަރެމެންނާ މެދު ނުވިސްނާ: ކްލޮޕް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 ޖެނުއަރީ 2021

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އަތުން 3-2 އިން ބަލިވެ މުބާރާތުން ކެޓިޔަސް ޓީމުން ޕޮޒިޓިވް ކަންތައްތަކެއް ފެނުނު ކަމަށާއި، މިވަގުތު ލިވަޕޫލާ މެދު ކަންބޮޑު ނުވުމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ޔުނައިޓެޑް އަތުން ބަލިވެ މުބާރާތުން ކެޓިއިރު ފަހަކަށް އައިސް ލިވަޕޫލްގެ ފޯމް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެއް މޮޅު ލިބުނުއިރު ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް އެޓީމު މޮޅުވެފައެއްނުވެ އެވެ. ހަތް މެޗުގެ ތެރެއިން އެޓީމަށް މޮޅެއް ލިބުނީ އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އެސްޓަން ވިލާގެ ޒުވާން ޓީމާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ޔުނައިޓެޑަށް ވުރެ ހަ ޕޮއިންޓް ފަހަތުން އެޓީމު މިހާރު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ.

“މެޗުން އަހަރެންނަށް ފެނުނު ރަނގަޅު ގިނަ ކަންތައްތަކެއް. އެކަމަކު ނަތީޖާ އައީ އަހަރެމެން ބޭނުންވި ގޮތަކަށްނޫން. އެއީ ޓީމަށް ލިބުނު މާޔޫސްކަމެއް. އެންމެ ރަނގަޅަށް ނުކުޅެވުނަސް ރަނގަޅު ކަންކަން މެޗުން ފެނުނު” މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ވަނީ 2019 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިދިޔަ އަހަރު އެޓީމުން ލީގު ޗެމްޕިއަންކަން ހޯދިއިރު ދެ ވަނަ ހޯދި މެންޗެސްޓަރ ސިޓީއާ އެޓީމާ ދެމެދު 18 ޕޮއިންޓުގެ ފަރަގެއް އޮތެވެ.

“އަހަރެމެންނާ މެދު ކަންބޮޑުވާކަށް ނުޖެހޭ. ގްރޫޕެއްގެ ގޮތުގައި އަހަރެމެން މިތިބީ އެއްކޮށް” މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ ލިވަޕޫލްގެ މުހައްމަދު ސަލާހް އެވެ. ސަލާހްގެ ގޯލަށް މާގިނައިރުތަކެއް ނުވަނީސް މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑްގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފާޑް އެވެ. އޭގެ ފަހުން ލިވަޕޫލަށް މެޗު އެއްވަރުކޮށް ދިން ލަނޑު ޖެހީ ވެސް ސަލާހް އެވެ. ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ލިބުނު ހިލޭޖެހުމަކުން 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެންޗުން ކުޅެން އެރި ބްރޫނޯ ފެނާންޑޭސް އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ޓީމުގައި ރަނގަޅު ރޫހެއް އުފެދި ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަވަމުންދާކަމަށެވެ. ލީގުގެ އެއް ވަނައިގައި މިވަގުތު އޮތް ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން ހަމައެކަނި ބަލިވީ ލީގު ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް މިދިޔަ މަހުގެ ކުރީކޮޅު ކުޅުނު މެޗުން އެކަންޏެވެ.

“އަހަރެމެން މަޑުމަޑުން މިދަނީ ކުރިއަށް. އުނދަގޫ މެޗުތަކުން މޮޅުވުމުން ޓީމުގެ ކޮންފިޑެންސް އިތުރުވޭ” މެޗަށް ފަހު ސޯލްޝެއާ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!