އަމިއްލަ ދަނޑުގައި ގެޓާފޭ 0-1 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮވެ އެތުލެޓިކޯ މެޑްރިޑް އަހަރު ނިންމާލައިފި އެވެ.
އެތުލެޓިކޯ އަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ލީގުގައި ރޭ ރަށުން ބޭރުގައި އެލްޗޭއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަހަރު ނިމުނުއިރު ލީގުގެ ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާއި ހަތަރު ވަނައިގައި އޮތް ސެވިއްޔާ އަދި ފަސް ވަނައިގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މޮޅެއް ނުލިބުނު ބާސެލޯނާ އޮތީ 15 މެޗުން ލިބުނު 25 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ އެވެ.
ރޭގެ މެޗަކީ 2011 ވަނަ އަހަރު އެތުލެޓިކޯގެ ކޯޗުކަމާ ހަވާލުވި ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު 500 ވަނަ މެޗެވެ. މޮޅާ އެކު ސިމިއޯނީ ވަނީ 500 މެޗުން 301 މެޗުން މޮޅުވެފަ އެވެ. ސިމިއޯނީގެ ކޯޗުކަމުގައި އެޓީމަށް އެންމެ ފަހުން ސްޕެނިޝް ލީގު ލިބުނީ 2014 ވަނަ އަހަރު އެވެ. އެކަމަކު މި ސީޒަނުގައި އެޓީމުން ދައްކަމުން އަންނަ ކުޅުމާ އެކު ހަ އަހަރަށް ފަހު ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑެވެ.
ގެޓާފޭ ކޮޅަށް އެތުލެޓިކޯގެ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. ބާސެލޯނާ ދޫކޮށް މި ސީޒަނުގައި އެތުލެޓިކޯ އަށް ބަދަލުވެ ލީގުގައި ކުޅުނު 11 މެޗުގައި ސުއަރޭޒް ވަނީ އަށް ލަނޑު ޖަހައިފަ އެވެ.
އެލްޗޭއާ ވާދަކޮށް އެއްވަރުވި މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޫކާ މޮޑްރިޗް އެވެ. މިއީ މާކޯ އަސެންސިއޯ ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު މޮޑްރިޗް ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި ގެޓާފޭ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގައި ފިޑެލް އެވެ. ރޭގެ ކުރިން ލީގުގައި ޖެހިޖެހިގެން ހޯދި ފަސް މޮޅާ އެކު ރެއާލް އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު ޕޮއިންޓަކާ އެކު އަހަރު ނިންމާލަން ޖެހުމުން އެއް ވަނައިގައި އޮތް އެތުލެޓިކޯއާ އޮތް ފަރަގު އެޓީމަށް ކުޑަކުރެވޭގޮތެއްނުވި އެވެ.