ފުރަތަމަ ސަފްޙާ / ޚަބަރު / ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކްލޮޕް ފާޑުކިޔައިފި

ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކްލޮޕް ފާޑުކިޔައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 ޑިސެމްބަރު 2020

އިނގިރޭސި ޕްރިމިއާ ލީގުގެ މެޖޯރިޓީ ކްލަބްތަކުން މެޗެއްގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ އުސޫލަށް ތިން ވަނަ ފަހަރަކަށް ދެކޮޅު ހެދުމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ކްލަބްތަކަށް ފާޑުކިޔައިފި އެވެ.

ކޮވިޑް-19 ގެ މެދުކެނޑުމަށް ޖޫން މަހު ފެށި މިދިޔަ ސީޒަނުގެ ބާކީބައިގައި ޕްރިމިއާ ލީގުގެ މެޗުތަކުގައި ކޮންމެ ޓީމަކަށް ފަސް ބަދަލުކުރެވުނެވެ. އެކަމަކު އާ ސީޒަން ފެށުމުގެ ކުރިން ކްލަބްތަކުގެ މެޖޯރިޓީ ނުލިބުމުން އެކަން އެގޮތަށް ކުރިއަށް ނުގެންދެވެ އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އަދިވެސް ތިން ބަދަލު ކުރެވޭގޮތަށް އަމަލުކުރަނީ ހަމައެކަނި ޕްރިމިއާ ލީގުންނެވެ. އެކަމަކު ކްލަބްތަކާ އެކު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ބެންޗުގައި ތިބޭ ކުޅުންތެރިން އަދަދު ހަތަކުން ނުވައަކަށް ބަދަލުކުރާ މެޖޯރިޓީ ކްލަބްތަކުން ވަނީ އެއްބަސްވެފަ އެވެ.

“އެންމެންނަށް އެނގޭނެ އެކަމުގައި އަހަރެންގެ ހިޔާލު. އެންމެންނަށް އެނގޭ 10 ކްލަބަކުން އެކަމާ ދެކޮޅަށް ވޯޓް ދިންކަން. އެއީ ހަމައެކަނި ޓީމުގެ ފައިދާ އަށް ވިސްނަންޖެހޭ ކަމެއް ނޫން. އަހަރެން އެހެން ބުނީ އެއީ ކުޅުންތެރިންގެ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަމަކަށް ވާތީ. އެކަމަކު އެމީހުން ވޯޓްދިނީ އެކަމާ ދެކޮޅަށް” ކްލޮޕް ބުންޏެވެ.

ފަސް ބަދަލު ގެނެވޭ އުސޫލު ޑޮމެސްޓިކް މުބާރާތްތަކުގައި އަންނަ އަހަރުގެ ނިޔަލަށް ދަމަހައްޓަން ފުޓްބޯޅައިގެ ގަވައިދު ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން މިދިޔަ ބުދަ ދުވަހު ވަނީ ނިންމައިފަ އެވެ. އެކަމަކު ތިން ފަހަރު ވޯޓު ލައިގެން ވެސް ޕްރިމިއާ ލީގުގެ ކްލަބްތަކުގެ މެޖޯރިޓީ އެކަމަށް ހަމަ ނުލިބުނެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތްއިރު އެޓީމަށް މި ސީޒަނުގައި ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. އެޓީމުގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ޖޯ ގޯމޭޒް ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރިއިރު ތިއާގޯ އަލްކަންޓާރާ އަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލި ދާދިފަހުން ފޯވާޑް ޑިއޯގޯ ޖޯޓާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ.

“އަހަރެންނަކަށް ނޭނގޭ ތިން ބަދަލުކުރެވޭ އެހެން ލީގުތަކެއް. އެކަމަށް ވޯޓްލީ ކްލަބްތަކުން އެކަން ކުރާނީ ކޮންމެވެސް ރަނގަޅު ސަބަބެއް އޮވެގެން” ފަސް ބަދަލަށް ޕްރިމިއާ ލީގުގެ ކްލަބްތަކުގެ މެޖޯރިޓީ ނުލިބޭތީ ތަކުރާރުކޮށް ފާޑުކިޔާފައިވާ ކްލޮޕް ބުންޏެވެ.

ލީގުގައި މިއަދު ހަވީރު 5:30 ގައި ލިވަޕޫލުން ރަށުން ބޭރުގައި ނުކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ. މިއަދުގެ މެޗުން ފެށިގެން ބެންޗުގައި ކުޅުންތެރިން އިތުރު ކުރުމަށް ކްލަބްތަކުން ލިބުނު ރުހުން ތަންފީޒުކުރާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!