ފުރަތަމަ ސަފްޙާ / ޚަބަރު / މޮރީނިއޯ އައިފަހުން ނަތީޖާ ނެރޭ ޓީމަކަށް ޓޮޓެންހަމް ވެއްޖެ

މޮރީނިއޯ އައިފަހުން ނަތީޖާ ނެރޭ ޓީމަކަށް ޓޮޓެންހަމް ވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 16 ޑިސެމްބަރު 2020

ހޯސޭ މޮރީނިއޯ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ ގުޅުނުފަހުން އެޓީމަކީ ނަތީޖާ ނެރޭ ޓީމަކަށް ވެއްޖެކަމަށް ބުނެ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މޮރީނިއޯ އަށް ތައުރީފްކޮށްފި އެވެ.

ކްލޮޕްގެ ތައުރީފުގެ ބަސްތައް މޮރީނިއޯ އަށް އަމާޒުކުރިއިރު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ނުކުންނާނެ އެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނީ މޮރީނިއޯ އަށް ކުރިމަތިވި ފާޑުކިޔުންތަކަށް އޭނާ ރައްދުދިނީ ޓޮޓެންހަމްއާ އެކު ނަތީޖާ ނެރެގެން ކަމަށެވެ.

ޓޮޓެންހަމް މިދިޔަ ސީޒަން ނިންމާލީ ޗެމްޕިއަން ލިވަޕޫލަށް ވުރެ 40 ޕޮއިންޓް ފަހަތުގައި އޮވެގެންނެވެ. އެކަމަކު މިރޭގެ މެޗަށް ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލާ އެއްވަރަށް ޕޮއިންޓް ހޯދައި ގޯލުގެ ތަފާތުން ޓޮޓެންހަމް އޮތީ އިނގިރޭސި ލީގުގެ އެއް ވަނައިގަ އެވެ.

ޓޮޓެންހަމުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އެޓީމުން ވަނީ ލީގުގައި އާސެނަލް އާއި މެންޗެސްޓަރ ސިޓީ އަދި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފަ އެވެ. ޔުނައިޓެޑްގެ ދަނޑުގައި އެޓީމު 6-1 އިން ބަލިކުރިއިރު ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށް ކުޅެ ޓޮޓެންހަމް ވަނީ އެއްވަރުކޮށްފަ އެވެ. ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމުގެ ބުރުން ޓޮޓެންހަމް ފުރުސަތު ހޯދާފައިވާއިރު އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލަށް އެޓީމު ވަނީ ދަތުރުކޮށްފަ އެވެ.

“މޮރީނިއޯ ދައްކަދީފި އޭނާ އަށް އެނބުރި އާދެވިދާނެކަން. ޓޮޓެންހަމް މި ސީޒަނުގައި ކުޅެނީ ވަރަށް މޮޅަށް. މޮރީނިއޯ އައިސް އެޓީމު ނަތީޖާ ނެރޭ ޓީމަކަށް ބަދަލުކޮށްލައިފި. އެންމެ މޮޅަށް ނުކުޅުނަސް އެޓީމު މޮޅުވޭ. އެންމެން އެއްކޮށް ޑިފެންސް ކުރޭ. ކޭން މެދުތެރެއަށް ފައިބައިގެން ކުޅޭއިރު ފެންނަނީ ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގައި އަދާކުރާ ދައުރު” ޓޮޓެންހަމަށް ތައުރީފްކުރަމުން ކްލޮޕް ބުންޏެވެ.

މި ސީޒަނުގައި ޓޮޓެންހަމުން ހޯދާފައިވާ ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފޯވާޑް ހެރީ ކޭން އާއި ސޮން ހެއުން މިން އެވެ. މި ދެކުޅުންތެރިން އެކުވެގެން މި ސީޒަނުގެ ލީގުގައި މިހާތަނަށް ވަނީ 12 ލަނޑު ޖަހައިފަ އެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި ދެކުޅުންތެރިން އެކުވެގެން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ 95-1994 ވަނަ ސީޒަނުގައި ބްލެކްބާން ރޯވާސްގައި 13 ލަނޑު ޖެހި އެލެން ޝިއަރާ އާއި ކްރިސް ސަޓަންގެ އަތުގަ އެވެ. އެކަމަކު މި ސީޒަނުގައި އެ ރެކޯޑް ކޭން އާއި ސޮން މުގުރާލާނެކަން އެއީ ގާތްގަނޑަކަށް ޔަގީންވެފައިވާ ކަމެކެވެ.

ކްލޮޕް ބުނީ ކޭން އާއި ސޮން ހިފެހެއްޓުމަކީ މުހިއްމު ކަމެއްކަމަށާއި، އެކަމަކު ޓޮޓެންހަމް ބަރޯސާވަނީ ހަމައެކަނި އެ ދެކުޅުންތެރިންނަށް ނޫން ކަމަށެވެ.

“ކޭން އާއި ސޮން ކުޅެނީ ވަރަށް ގުޅިގެން. ޓޮޓެންހަމާ ގުޅޭގޮތުން ދައްކާނެ ރަނގަޅު ބައިވަރު ވާހަކަތައް އެބަހުރި. ސޮން އާއި ކޭން ހިފަހައްޓައިފި ނަމަ އަދިވެސް ބައިވަރު ކުޅުންތެރިން އެބަތިބި ނުރައްކާކުރާނެ” ޓޮޓެންހަމް ބަރޯސާވަނީ ހަމައެކަނީ އެ ދެކުޅުންތެރިންނަށް ނޫންކަން ހާމަކުރަމުން ކްލޮޕް ބުންޏެވެ.

ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ލިވަޕޫލް އެންމެފަހުން ކުޅުނު 15 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. 10 މެޗުން ލިވަޕޫލް މޮޅުވިއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެކަމަކު އެންމެ ފަހުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ލިވަޕޫލަށް މޮޅުވެވުނީ ގޯލެއްގެ ތަފާތުންނެވެ.

ލީގުގައި މި ދެޓީމު އެންމެ ފަހުން ކުޅުނު މެޗުތައް ނިމުނީ އެއްވަރުވެގެންނެވެ. މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފަ އެވެ. ވާޖިން ވެން ޑައިކް އާއި ޖޯ ގޯމޭޒް ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުރިއިރު ލީގުގައި އެންމެ ފަހުން ފުލަމްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ޑިފެންޑަރު ޖޮއެލް މަޓިޕަށް ވަނީ އަނިޔާވެފަ އެވެ. އެޓީމުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓަރާ ވެސް ހުރީ އަނިޔާގަ އެވެ. އަނިޔާގެ ސަބަބުން ޓޮޓެންހަމުން މިރޭ ނުކުޅޭނެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ އެރިކް ލަމޭލާ އެވެ.

ލިވަޕޫލް އާއި ޓޮޓެންހަމް ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު އެކެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!