ރޭ ފްރެންޗް ލީގުގައި ޕީއެސްޖީ އާއި ލިޔޯން ވާދަކުރި މެޗުގައި ޕީއެސްޖީގެ ފޯވާޑް ނޭމާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ސްޓްރެޗާ ގައި ދަނޑުން ބާލައިފި އެވެ. އަމިއްލަ ދަނޑުގައި 0-1 އިން ލިޔޯން އަތުން ޕީއެސްޖީ ބަލިވި މެޗުގައި ނޭމާއަށް އަނިޔާވެގެން ދަނޑުން ބާލައިފައިވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.
ބްރެޒިލްގެ ފޯވާޑް ނޭމާއަށް އަނިޔާވީ ރޭގެ މެޗުގައި ލިޔޯންގެ ބްރެޒިލް މިޑްފީލްޑަރ ތިއާގޯ މެންޑެސް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ. މި ހާދިސާ އާ ގުޅިގެން މެންޑެސް އަށް ރަތް ކާޑު ދައްކައި ވަނީ ދަނޑުން ފޮނުވާލައިފަ އެވެ. ނޭމާ އަށް ލިބުނު އަނިޔާ އާ ގުޅިގެން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޝެލް ބުނެފައިވަނީ ނޭމާއަށޤ ލިބުނު އަނިޔާގެ ސީރިއަސްކަން ހުރި މިންވަރު ބެލުމަށްޓަކައި ޓެސްޓްތަކެއް ހަދަން ޖެހޭނެ ކަމަށާއި، އަނިޔާގެ ސީރިއަސްކަން އެނގޭނީ އޭގެ ފަހުގައި ކަމަށެވެ.
“ނޭމާ މިވަގުތު ހުރީ ކުލަބްގެ ފިޒިއޯ އިންނާއި، ޑޮކްޓަރުންނާއެކު. އަހަރެމެންނަށް ޖެހޭނީ މާދަމާ ޓެސްޓްތައް ހެދެންދެން މަޑުކުރަން. ” ފްރާންސްގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޓުޝެލް ބުނެފައިވެ އެވެ.
އުމުރުން 28 އަހަރުގެ ނޭމާ ޕީއެސްޖީ އާ ގުޅުނީ 2017 ވަނަ އަހަރު އެވެ. ބާސެލޯނާގައި ހުރެފައި 200 މިލިއަން ޕައުންޑަށް ޕީއެސްޖީ އަށް ނޭމާ ބަދަލުވި ފަހުން ޕީއެސްޖީ ވަނީ ތިން ފަހަރު ލީގު އުފުލާލުމުގެ އިތުރުން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ.
ރޭ ލިޔޯން އަތުން ވީ ބައްޔާއެކު ޕީއެސްޖީ މިހާރު ވަނީ ޓޭބަލްގެ ތިންވަނައަށް ވެއްޓިފަ އެވެ. ޓޭބަލްގެ އެއްވަނައިގައި ޕީއެސްޖީ އަށްވުރެ އިތުރަށް އެއް ޕޮއިންޓް ލިބިގެން ލިލް އޮތް އިރު ދެވަނައިގައި އޮތީ ލިޔޯން އެވެ.