ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން ތުރުކީގެ އިސްތަންބުލް އާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް އަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތު އޭނާ ދޫކޮށްލައިފި އެވެ. 1-4 އިން ޔުނައިޓެޑް ކާމިޔާބުކުރި މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ދެ ގޯލު ފެނާންޑޭސް ޖަހައިފައިވަނިކޮށް ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްދާލައިގެން ޔުނައިޓެޑްގެ ޖޯޒީގައި ހަދަން ލިބުނު ފުރަތަމަ ހެޓްރިކް ފެނާންޑޭޒް ދޫކޮށްލީ އޭނާ ބުނާ ގޮތުގައި އެ ޓީމުގެ ފޯވާޑް މާކަސް ރެޝްފޯޑް ގާތު ކުރިން ބުނެފައިވާ ވާހަކައަކާ ގުޅިގެންނެވެ.
“ކޮންމެ ކުޅުންތެރިޔަކުވެސް ހެޓްރިކް ހަދަން ބޭނުންވާނެ. އެކަމަކު އެންމެ ފަހުން ކުޅުނު ޕްރިމިއަރ ލީގު މެޗަށް ފަހު އަހަރެން ރެޝްފޯޑް ގާތު ބުނިން ދެން ލިބޭ ޕެނަލްޓީއެއް ޖަހާނީ އޭނަ އޭ.” މި ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރި ފެނާންންޑޭސް މެޗަށްފަހު ވާހަކަދައްކަމުން ބުންޏެވެ.
“އަނެއްކޮޅުން ރެޝްފޯޑަކީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އެހެންވީމާ އޭނައަށް އިތުބާރު ލިބުން ވެސް އެއީ ވަރަށް މުހިއްމު ކަމެއް. އަހަރެންނަށް މާބޮޑު މައްސަލައެއް ނޫން ކޮންމެ ކުޅުންތެރިޔަކު ޕެނަލްޓީ ޖެހިއަސް މުހިއްމީ ޓީމަށް ގޯލެއް ކާމިޔާބުވުން.” މިދޔަ ސީޒަންގެ މެދު ތެރެއިން ޔުނައިޓެޑާ ގުޅުނު ފެނާންޑޭސް ބުންޏެވެ..
ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ ވެސް ވަނީ ރަޝްފޯޑަށް ޕެނަލްޓީ ޖަހަން ފެނާންޑެސް ދިން ދިނުމާ ގުޅޭގޮތުން ވާހަކަދައްކައިފަ އެވެ.
“ރެޝްފޯޑަކީ ވަރަށް ރަގަޅަށް ޕެނަލްޓީ ޖަހާ ކުޅުންތެރިއެއް. ފެނާންޑޭސް އަކީ ވަރަށް އިތުބާރާއެކު އެކަން ކުރާ މީހެއް. އެހެންވީމާ ފެނާންޑޭސް ރަޝްފޯޑަށް ޕެނަލްޓީ ޖަހަން ދޭން ބޭނުންވީމަ އެކަން ނުކުރެވޭންވީ ސަބަބެއް ނެތް. މާޝިއަލް ވެސް ވަނީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ އެއް ޖަހާފައި. އެހެންވީމާ ކުޅުންތެރިންގެ މެދުގައި ބަހާލައިގެން އެކަން ކުރުމަކުން މައްސަލައެއް ނެތް.” ސޯލްޝެއާ ބުނެފައިވެއެވެ.