ފުރަތަމަ ސަފްޙާ / ޚަބަރު / ޖަރުމަނު ލަދުގަންނަވާލުމަށްފަހު ސްޕެއިން ފައިނަލް ބުރަށް

ޖަރުމަނު ލަދުގަންނަވާލުމަށްފަހު ސްޕެއިން ފައިނަލް ބުރަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 ނޮވެމްބަރު 2020

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނު ކޮޅަށް ހަ ގޯލު ޖެހުމަށްފަހު މުބާރާތުގެ ފައިނަލް ބުތުން ސްޕެއިން ޖާގަ ހޯދައިފި އެވެ. ރޭ ސްޕެއިންގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-6 އިންނެވެ.

މިއީ ވާދަވެރި މެޗެއްގައި މިހާ ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަނު ބަލިވި ފުރަތަމަ ފަހަރެވެ.  އަދި، މިއީ މިއަހަރުގެ ތެރޭގައި ޖަރުމަނު ބަލިވި ފުރަތަމަ މެޗެވެ. ރޭގެ މެޗަށް ދުނިޔޭގެ ރޭންކިންގ ގެ 13 ވަނައިގައި މިހާރު އޮތް ޖަރުމަނު ނުކުތް އިރު ގްރޫޕްގެ ކޮންޓްރޯލް އޮތީ އެމީހުންގެ އަތުގައެވެ. މެޗު އެއްވަރުކޮށްލައިގެންވެސް މުބާރާތުގެ ފައިނަލް ބުރަށް ދަތުރު ކުރުމުގެ ފުރުސަތު ޖަރުމަނަށް ރޭ އޮތް ނަމަވެސް މެޗުގައި ޖަރުމަނުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ކުލަބް ފެންވަރުގައި މި ސީޒަނުގައިވެސް ރަގަޅު ކުޅުމެއް ދައްކަމުން އަންނަ ބަޔާން މިޔުނިކުގެ ސާޖޭ ގެނެބްރީ އާއި ލިރޯއި ސާނޭ ގެ އިތރުރުން ޗެލްސީގެ ފޯވާޑް ޓީމޯ ވާނާ ރޭގެ މެޗުގައި ކުޅުނު ނަމަވެސް ސްޕެއިންގެ ގޯލާ އަމާޒުކޮށް މެޗުގައި ޖަރުމަނަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

އަނެއްކޮޅުން ޖަރުމަނުގެ ފޯވާޑް ސާނޭގެ ބަދަލުގައި މިސީޒަނުގައި މެންޗެސްޓަރ ސިޓީއަށް ގެނައި އުމުރުން އެންމެ 20 އަހަރުގެ ފެނާން ޓޯރޭޒްގެ ފަރާތުން ރޭ މޮޅު ކުޅުމެއް ވަނީ ފެނިފަ އެވެ. ރޭގެ މެޗުގައި ސްޕެއިން އިން ޖަރުމަނު ކޮޅަށް ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 20 މިލިއަން ޕައުންޑަށް ސިޓީ އަށް މިއަހަރު ބަދަލުވި ޓޯރޭޒް އެވެ. ރޭ ޓޯރޭޒް ޖެހި ތިން ގޯލާއެކު މި ސީޒަނުގައި ކުލަބަށާއި ގައުމީ ޓީމަށް އޭނާ ޖެހި ގޯލުގެ އަދަދު އަށަކަށް އެރީ އެވެ.

ރޭގެ މެޗުގައި ސްޕެއިންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 17 ވަނަ މިނެޓްގައި ޗެލްސީގެ ކުރީގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. ދެވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ޓޯރޭޒް ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓް ފަހުން ރޮޑްރީ ލަނޑެއް ޖަހައި ނަތީޖާ 0-3 އަށް ބަދަލުކުރި އެވެ. އޭގެ ފަހުން ދެން އަނެއްކާވެސް ފެނުނީ ޓޯރޭޒްގެ ދެ ގޯލެވެ. މެޗުގައި ސްޕެއިން އިން ޖެހި ފަހު ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި އޮއްވައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކެލް އޮޔަޒަބެލް އެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ އޭ ކެޓަގަރީގެ ގްރޫޕް 4 ގައި ރޭ ކުޅުނު މި މެޗުގައި ސްޕެއިން އިން ގިނައިރު ބޯޅަ ގެންގުޅެޅެ މުޅި މެޗު ޑޮމިނޭޓްކޮށްފައިވާއިރު އެ ޓީމުން ވަނީ ޖަރުމަނުގެ ގޯލަށް މެޗުގައި 23 ހަމަލާ ފޮނުވާލައިފަ އެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ހަތަރު ޓީމު ވާދަކުރާ ފައިނަލް ބުރަށް ސްޕެއިން ގެ އިތުރުން ފްރާންސް އިން ދަތުރުކޮށްފައިވާ އިރު އަނެއް ދެ ޓީމު ކަށަވަރު ވާނީ މިރޭ ކުޅޭ ގްރޫޕް އެކަކާއި، ދޭއް ގެ މެޗުތައް ނިމުމުންނެވެ. ފައިނަލް ބުރު ކުޅެން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!