ފުރަތަމަ ސަފްޙާ / ޚަބަރު / ސްކޮޓްލެންޑުން ޖެހި ގޯލުގެ މައްސަލަ ޔޫއެފާ އަށް

ސްކޮޓްލެންޑުން ޖެހި ގޯލުގެ މައްސަލަ ޔޫއެފާ އަށް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 14 އޮކްޓޫބަރު 2023

ސެވިލް، ސްޕެއިން (އޮކްޓޫބަރ 14) – ޔޫއެފާ ޔޫރޯ ކޮލިފައިންގައި ހުކުރު ދުވަހުގެރޭ ސްކޮޓްލެންޑް 0-2 އިން ސްޕެއިން އަތުން ބަލިވި މެޗުގައި ޖެހި ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ކެންސަލް ކުރުމުން، ސްކޮޓްލެންޑް ފުޓްބޯޅަ ފެޑެރޭޝަނުން އެކަމުގެ ތަފްސީލަށް ޔޫއެފާގައި އެދިއްޖެ އެވެ.

ގޯލެއް ނުޖެހި އެއްވަރުވެފައި އޮއްވައި ސްކޮޓްލެންޑުގެ ސްކޮޓް މެކްޓޮމިނޭ 60 ވަނަ މިނެޓުގައި ފޮނުވާލި ހިލޭ ޖެހުން ވަނީ ގޯލުގެ މަތީ ކަނަށެވެ. އެ ގޯލަށް ފަހު ސްކޮޓްލެންޑުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެކަމަކު މެޗު އިންސާފުކުރި ނެދަލެންޑްސްގެ ރެފްރީ ސެރްދާރް ގޮޒޫބުޔުކް، ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ނިންމީ އެވަގުތު ސްކޮޓްލެންޑުގެ ޑިފެންޑަރު ޖެކް ހެންޑްރީ އޮފްސައިޑުގައި ހުރި ކަމަށެވެ. އޮފްސައިޑަށް ނިންމުމުގެ ކުރިން ރެފްރީ ނިންމީ އެ ކުޅުންތެރިޔާ ސްޕެއިންގެ ގޯލްކީޕަރު އުނާއި ސިމޮން އަށް ފައުލްކުރީ ކަމަށެވެ.

ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ސްކޮޓްލެންޑުން ޔޫއެފާގައި ރަސްމީކޮށް ތަފްސީލަށް އެދުނީ ރެފްރީގެ ނިންމުން ސާފުނުވާތީ އެވެ. އެއީ ފައުލެއް ކަމަށް ފުރަތަމަ ބެލުމަށް ފަހު، ފަހުން އޮފްސައިޑް ކަމަށް ނިންމުމުން އެ ނިންމުމަށް ގިނަ ބަޔަކު ފާޑުކިޔެވެ.

މެޗަށް ފަހު ސްކޮޓްލެންޑުގެ ކޯޗު ސްޓީވް ކްލާކް ބުނީ ރެފްރީގެ އެ ނިންމުމުގެ ވާހަކަދައްކަން އޭނާ ބޭނުންނުވާ ކަމަށާއި، ސަމާލުކަން ހުރީ ކޮލިފައިންގެ ބާކީ މެޗުތަކަށް ކަމަށެވެ. އެކަމަކު ކޯޗުގެ ހިޔާލާ ދެކޮޅަށް ސްކޮޓްލެންޑް އެފްއޭގެ ވިސްނުން ހުރީ ރެފްރީ ނިންމުމުގެ ތަފްސީލް ހޯދުމަށެވެ.

“މެޗު ތެރެއިން ރެފްރީ ފުރަތަމަ ނިންމީ އެއީ ފައުލެއް ކަމަށް. އެކަމަކު ފަހުން ނިންމުން ބަދަލުކުރީ އޮފްސައިޑް ކަމަށް. އޮފްސައިޑްކަން އެހާ ސާފެއް ވެސް ނޫން. އެއީ ވަރަށް ގޯސް ނިންމުމެއް” ސްކޮޓްލެންޑުގެ މިޑްފީލްޑަރު ޖޯން މެގިން މެޗަށް ފަހު ބުންޏެވެ.

ސްޕެއިންގެ ދެ ގޯލު ޖެހީ މެޗުގެ ފަހު 20 މިނެޓުގަ އެވެ. ސްޕެއިންގެ މޮޅާ އެކު އެޓީމު އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި ސްކޮޓްލެންޑް އޮތީ ހަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!