ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ރޫމޭނިޔާ އާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ނޯވޭގެ ގައުމީ ފުޓްބޯޅަ ޓީމު ފުރަން ތައްޔާރުވެފައި ވަނިކޮށް ނޯވޭގެ ސިއްހީ އިދާރާތަކުން އެ ޓީމު ގުރުން ހުއްޓުވައިފި އެވެ. ނޯވޭގެ ސަރުކާރުން އެ ގައުމުގެ ފުޓްބޯޅަ ޓީމު ދަތުރުކުރުން މަނާކޮށްފައި މިވަނީ އެ ޓީމުގެ ކުޅުންތެރިންގެ ކޯވިޑް ޓެސްޓް ހެދިއިރު އެއް ކުޅުންތެރިއަކު ކޯވިޑަށް ޕޮޒިޓިވް ވުމުންނެވެ.
ނޯވޭގެ ގައުމީ ޓީމު ފުރުން މަނާކުރުމާ ގުޅިގެން މިރޭ ކުޅެން ހަމަޖެހިފައި އޮތް ނޭވޭ އާއި ރޫމޭނިއާގެ މެޗު މިހާރު ވަނީ ފަސްކޮށްފަ އެވެ. ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ގައުމީ ޓީމުފައި ހިމެނޭ ގަލަޓަސަރާއީގެ ޑިފެންޑަރު އޮމަރު ކޯވިޑަށް ޕޮޒިޓިވް ވިކަން ހުކުރު ދުވަހު ކަށަވަރުކޮށްދީފަ އެވެ. އަދި، އޭނާ އެހެން ކުޅުންތެރިންނާ ވަކިން އައިސޮލޭޝަންގައި ބަހައްޓާފައި ހުރި ކަމަށެވެ. އެހެން ނަމަވެސް ނޯވޭގެ ސިއްހަތާ ބެހޭ އިދާރާއިން އަންގައިފައިވަނީ މުޅި ޓީމު އައިސޮލޭޝަންގައި ތިބުމަށެވެ.
ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ ސަރުކާރުގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށާއި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ތެރެއިން ޓީމަށް ދަތުރުކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ޔޫއެފާ ނޭޝަންސް ލީގުގެ ބީ ކެޓަގަރީގެ ގްރޫޕް އެކެއް ގައި ވާދަކުރަމުން އަންނަ ނޯވޭ މިވަގުތު އޮތީ ނުވަ ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ޓޭބަލްގެ އެއްވަނައިގައި އޮތީ އޮސްޓްރިއާ އެވެ.