ފުރަތަމަ ސަފްޙާ / ޚަބަރު / ޕޯޗުގަލް ބަލިކޮށް ފްރާންސް ފައިނަލް ބުރަށް

ޕޯޗުގަލް ބަލިކޮށް ފްރާންސް ފައިނަލް ބުރަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 17 ނޮވެމްބަރު 2020

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ދުނިޔޭގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފި އެވެ. ރޭ ޕޯޗުގަލްގެ ލިސްބަންގައި ކުޅުނު މި މެޗު ފްރާންސް އިން ކާމިޔާބުކުރީ 0-1 އިންނެވެ.

ރޭގެ މެޗުގައި ފްރާންސް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެވެ. މި ލަނޑު ކާންޓޭ ޖެހުމުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފޯވާޑް އެންތަނީ މާޝިއަލް ޕޯޗުގަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައެއް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. އަނެއްކޮޅުން ޕޯޗުގަލްގެ ޑިފެންޑަރު ހޯސޭ ފޮންޓޭ ފްރާންސްގެ ގޯލަށް ފޮނުވާލި ބޯޅައެއްވެސް ގޯލުގެ ހުރަސް ދަނޑިއާ އަމާޒުވެ ނާކާމިޔާބުވި އެވެ. \

ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ހަމަކުރަން އެންމެ ހަތް ލަނޑާ ގާތްކޮށްފައިވާ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ވެސް ވަނީ ފްރާންސްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މެޗުގައި ޕޯޗުގަލް އަށް ލީޑު ހޯދައިދޭން ފުރަތަމަ ހާފުގައި ރަގަޅު ފުރުސަތެއް ރޮނާލްޑޯ އަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މީގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕޯޗުގަލްގެ ޖާއޯ މޮޓީނޯ އަށް ލަނޑުޖަހަން ރަގަޅު ފުރުސަތެއް ފަހު ހާފުގައި ރޮނާލްޑޯ ތަނަވަސްކޮށްދިނެވެ. އެކަމަކު މޮޓީނޯ ފޮނުވާލި ބާރު ބޯޅަ ވަނީ ފްރާންސްގެ ގޯލްކީޕަރު ހުޝިޔާރު ކަމާއެކު މަތަކަށްފަ އެވެ.

ފްރާންސް އަށް ނޭޝަންސްަ ލީގުގެ ފައިނަލް ބުރުން ޖާގަ މި ލިބުނީ މުބާރާތުގެ އޭ ލީގުގެ ތިންވަނަ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމަށް އެކަމަކު އަދި ގްރޫޕް ސްޓޭޖްގެ ބާކީ އެއް މެޗުވެސް އެބައޮތެވެ. މުބާރާތުގެ ފައިނަލް ބުރުގައި ކުޅޭނީ އޭ ލީގުގައި ހިމެނޭ ހަތަރު ގުރޫޕްގެ ތެރެއިން ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމެވެ. ފައިނަލް ބުރު ނުވަތަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!