ގއ. މާމެންދޫގައި ކުރިއަށްދާ “އެމްއެމް ޔޫތު ކަޕް 2020” ފުޓްސަލް މުބާރާތުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން އެރަށުގެ ފުޓްސަލް ދަނޑަށް މިއަދު މެންދުރު ބަޔަކު ވަރަށް ބޮޑަށް ގެއްލުންދީފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުޓްސަލް ދަނޑުގައި އަޅާފައިވާ ޓާފްގެ ބޮޑު ބައެއް ވަނީ ހަލާކުކޮށްލައިފަ އެވެ. މީގެ އިތުރުން ދަނޑު ބޭރުގައި ހުރި ބައެއް ސާމާނުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްދީފަ އެވެ. އެނގިފައިވާ ގޮތުގައި ދަނޑަށް މިއަދު މެންދުރުގެ ވަގުތުގައި ގެއްލުން ދިނީ ހުކުރު ދުވަހުގެ ރޭ ކުޅުނު މުބާރާތުގެ މެޗެއްގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހިގެންނެވެ. ހިތްހަމަ ނުޖެހިގެން ދަނޑަށް ގެއްލުންދިނީ ކޮންބައެއްކަމެއް އަދި އެނގިފައެއްނުވެ އެވެ.

ދަނޑުގެ ބޭރުގައި ހުރި މޭޒެއް ހަލާކުކޮށްލާފައި. ބޮޑެތި ގެއްލުންތަކެއް ދަނޑަށް ވަނީ ދީފައި
އެމްއެމް ޔޫތު ކަޕަކީ މާމެންދޫ ޒުވާނުން އިސްނަގައިގެން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން އޮކްޓޫބަރު 23 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތެކެވެ. މިއަހަރު އަލަށް މުބާރާތް ބާއްވަން ފެށީ ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް މުބާރާތް ކުރިއަށް ގެންދިއުމުގެ އަޒުމުގަ އެވެ.
މި މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 4000 ރުފިޔާ ކަނޑައަޅާފައި ވާއިރު ރަނަރަޕް ޓީމުތަކަށް 1500 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގެ ހުރިހާ މެޗުތަކެއް ފޭސްބުކް މެދުވެރިކޮށް ވަގުތުން ގެނެސްދޭއިރު މެޗުތައް ފެންނަނީ ވަރަށް ފޯރިގަދަކޮށެވެ. މުބާރާތުގައި ހުކުރު ދުވަހުގެ ރެއަށް ޝެޑިއުލްކޮށްފައި އޮތީ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތަކެވެ. ފުރަތަމަ މެޗުގައި ޕްރޮގްރެސިވް ސްޕޯޓްސް ކްލަބުން އެފްސީ އަމިގޯސްއާ ދެކޮޅަށް ނުކުތްއިރު ދެ ވަނަ މެޗުގައި ރޯޔަލް ސްޕޯޓްސް ކްލަބް ވާދަކުރީ އިރުމަތީ އެފްސީއާ އެވެ. މައްސަލަ ގޯސްވީ މިތަނުން މެޗެއްގެ ނަތީޖާ ނުކުތް ގޮތަކުން ކަމަށް ބެލެވެ އެވެ.

ދަނޑުގެ ޓާފް ހަލާކުކޮށްލާފައި. މިއީ ފިނޑި އަމަލެއް ކަމަށް ގިނަ ބަޔަކު ސިފަކުރޭ
ދަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އެއްބަޔަކު ބުނަނީ ދަނޑަށް ގެއްލުންދިން މީހުން ހޯދައި އެމީހުންނަށް އަދަބު ލިބެން ޖެހޭނެ ކަމަށެވެ.
“ކަމެއް ކުރާއިރު 1000 ފަހަރު ވިސްނަން ވާނެ މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްތޯ. ތީގެ ގެއްލުން ތި ލިބުނީ ހަމަ ތިރަށުގެ ޒުވާނުންނަށް” އެކަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެ އެވެ.
މާމެންދޫ ފުޓްސަލް ދަނޑަށް ބޮޑެތި ގެއްލުންތަކެއް ދިންއިރު އަތޮޅު ތެރޭގައި ކުރިއަށްދާ މުބާރާތްތަކުގައި މީގެ ކުރިން ވެސް ދަނޑުތަކަށް ވަނީ ގެއްލުންދީފަ އެވެ.