ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯ ކޯވިޑުން ފަސޭހަވެއްޖެ

ރޮނާލްޑޯ ކޯވިޑުން ފަސޭހަވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 31 އޮކްޓޫބަރު 2020

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖެހުނު ކޯވިޑް 19 ބަލިން ފަސޭހަވެއްޖެ އެވެ. އުމުރުން 35 އަހަރުގެ ފޯވާޑް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ކޯވިޑް ޖެހުމުގެ ސަބަބުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ޔުވެންޓަސް އިން ބާސެލޯނާ އާ ދެކޮޅަށް ކުޅުނު މެޗުވެސް ރޮނާލްޑޯ އަށް ވަނީ ގެއްލިފަ އެވެ. އަމިއްލަ ދަނޑުގައި 0-2 އިން ބަލިވި މި މެޗުގެ ކުރިން މިދިޔަ އަންގާރަ ދުވަހު ރޮނާލްޑޯ ބައްޔަށް ޓެސްޓްކުރި ނަމަވެސް އެ ދުވަހުވެސް ނަތީޖާ އައީ ބައްޔަށް ޕޮޒިޓިވް ކަމަށެވެ. ޔުވެންޓަސް އާއި ބާސެލޯނާ މިދިޔަ ހަފްތާގައި ބައްދަލުކުރި މެޗަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރޮނާލްޑޯ އާއި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެއް ދަނޑަކުން ފެނުމުގެ ފުރުސަތު އޮތް މެޗެވެ. މިކަން ދެން އެންމެ އަވަހަށް ވުމުގެ ފުރުސަތު އޮތީ އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ބާސެލޯނާގެ ދަނޑުގައި މި ދެ ޓީމު ކުޅޭ މެޗުގަ އެވެ.

ރޮނާލްޑޯ ކޯވިޑަށް ޕޮޒިޓިވްވި ފަހުން މިހާތަނަށް ޔުވެންޓަސް އިން ވަނީ ލީގުގެ ދެ މެޗާއި ޗެމްޕިއަންސް ލީގުގެ ދެ މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ޔުވެންޓަސް އަށް ހަމައެކަނި ކާމިޔާބުކުރެވުނީ ރަށުން ބޭރުގައި ޑައިނަމޯ ކިއެވް އާ ދެކޮޅަށް ކުޅުނު މެޗެވެ. އިޓާލިއަން ލީގުގައި ރޮނާލްޑޯ ނުލައި ކުޅުނު ދެ މެޗުވެސް ވީ އެއްވަރެވެ.  ރޮނާލްޑޯ އެންމެ ފަހުން ފެނިފައިވަނީ ޔޫއެފާ ނޭޝަންސް ލީގުގައި މި މަހުގެ 11 ވަނަ ދުވަހު ފުރާންސް އާ ދެކޮޅަށް ކުޅެނިކޮށެވެ.

ޔުވެންޓަސް އަށް ދެން އެންމެ އަވަހަށް އޮތް މެޗަކީ އިޓާލިއަން ލީގުގައި އާދީއްތަ ދުވަހު ސްޕީޒިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!