އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، އަދި ކްލަބްތަކުގެ މުވައްޒަފުން ގަވައިދުން ކޯވިޑް 19 އަށް ޓެސްޓުކުރުމުގެ ގޮތުން އެންމެ ފަހުން ކުރިއަށްގެންދިއަ ބުރުގައި ނެގި ސާމްޕަލްތަކުން 10 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ އާ ސީޒަން ފެށުނު ފަހުން މިގޮތަށް ނެގި ސާމްޕަލްތަކުން އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
މި މަހުގެ 21 އިން 27 އަށް ކުރިއަށްގެންދިޔަ ބުރުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ކްލަބްތަކުގެ މުވައްޒަފުން ހިމެނޭގޮތުން 1595 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު މި ބުރުގައި ޕޮޒިޓިވްވި އެއްވެސް މީހެއްގެ މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް މިބުރުގައި ބައްޔަށް ޕޮޒިޓިވް ވި ދިހަ މީހުންވެސް ދިހަ ދުވަސްވަންދެން އައިސޮލޭޝަންގައި މަޑުކުރާނެ އެވެ.
އާ ސީޒަން ފެށުނު ފަހުން ޕްރިމިއަރ ލީގުގައި ވާދަކުރާ 20 ކްލަބްގެ ކުޅުންތެރިންނާއި، މުވައްޒަފުން ކޮންމެ ހަފްތާއަކު އެއްފަހަރު އަންނަނީ ކޯވިޑް 19 އަށް ޓެސްޓްކުރަމުންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި ކުރި ޓެސްޓްތަކުން ވެސްޓްހޭމްގެ ކޯޗު ޑޭވިޑް މޮޔެސް އާއި އެ ޓީމުގެ ދެ ކުޅުންތެރިއެއް ކަމަށްވާ އިސާ ޑިއޫޕް އާއި ޖޯޝް ކުލެން ކޯވިޑް އަށް ޕޮޒިޓިވްވެފައިވާ ކަން އެ ކުލަބުން ވަނީ ހާމަކޮށްފަ އެވެ.
ދުވާލެއްގެ މައްޗަށް ކޯވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިފަހުން ވަރަށް މަދުވެފައި އޮތުމަށްފަހު ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކެކޭ އެއްގޮތަށް އިނގިރޭސި ވިލާތުގައިވެސް މިހާރު އެ އަދަދު އަންނަނީ އިތުތރުވަމުންނެވެ.