ފުރަތަމަ ސަފްޙާ / ޚަބަރު / ތަޖުރިބާކާރު މިޑްފީލްޑަރު ބަކާ ޔުނައިޓެޑް ވިކްޓްރީ އަށް

ތަޖުރިބާކާރު މިޑްފީލްޑަރު ބަކާ ޔުނައިޓެޑް ވިކްޓްރީ އަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 24 ސެޕްޓެމްބަރު 2020

ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ކުރިއަށް އޮތް ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅެން ސޮއިކޮށްފި އެވެ.
މިދިޔަ ސީޒަނުގައި ބަކާ ފެނުނީ ކްލަބް ގްރީން ސްޓްރީޓްސް އިންނެވެ. އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑް ވިކްޓްރީ އިން ވަނީ ބަކާގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ ފަރުހާދު އިސްމާއީލް އާއި އަހުމަދު ނިޒާމް (ނިޒާމްބެ) ވެސް ގެނެސްފަ އެވެ.

މިއީ އުމުރުން 34 އަހަރުގެ ބަކާ ޔުނައިޓެޑް ވިކްޓްރީ އިން ފެންނާނެ ފުރަތަމަ ފަހަރެވެ. 2004 ވަނަ އަހަރު އައިލެންޑް އެފްސީ (އައިއެފްސީ) އިން ފުޓްބޯޅަ ކެރިއަރު ފެށި ބަކާ ވަނީ އޭގެފަހުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އައިއެފްސީ އާއި ގްރީން ސްޓްރީޓްސްގެ އިތުރުން ބަކާ ކުޅުނީ ވީބީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް އަދި މާޒިޔާ އަށެވެ. މި ކްލަބްތަކުގެ އިތުރުން ބަކާ ވަނީ މިޔަންމާގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޭބިޒެޑަށް 2014 ވަނަ އަހަރު ކުޅެފަ އެވެ.

ޒުވާން އުމުރުގައި ގައުމީ ޓީމުން ބަކާ އަށް ފުރުސަތު ލިބުނުއިރު އޭނާ ވަނީ 2005، 2008، 2009، 2011، 2013، 2015 އަދި 2018 ވަނަ އަހަރު ވާދަކުރި ސާފް ޗެމްޕިއަންޝިޕްގެ ގައުމީ ސްކޮޑްގައި ހިމެނިފަ އެވެ. ބަކާ އަކީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ސާފް ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖޭން ކާމިޔާބުކުރިއިރު ގައުމީ ޓީމުގައި ހިމެނުނު މަދު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ.

https://facebook.com/fcunitedvictory/posts/2830390097191899

ސ. ހިތަދޫ އަށް އުފަން ބަކާ ވަނީ 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދައި 2011 ވަނަ އަހަރު ދެ ވަނަ އަދި 2013 ވަނަ އަހަރު ތިން ވަނަ ހޯދައިފަ އެވެ. ފުޓްބޯޅަ ކުޅެމުން ބަކާ އަންނަނީ ހއ. ދިއްދޫގައި “ބަކާ ފުޓްބޯލް އެކަޑެމީ” ވެސް ހިންގަމުންނެވެ. 5 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ދިއްދޫގައި އެކެޑަމީގެ މަސައްކަތް ބަކާ ފެށީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

މިދިޔަ ފުޓްބޯޅަ ސީޒަން ކޮވިޑް-19 ގެ ސަބަބުން ކެންސަލްކުރިއިރު އާ ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަނީ އަންނަ ޑިސެމްބަރު މަހު އެވެ. ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބްތަކުން މިހާރު އަންނަނީ ކޯޗުން ހަމަޖައްސައި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!