ފުރަތަމަ ސަފްޙާ / ޚަބަރު / ފުރަތަމަ މެޗުގައިވެސް ބަޔާނުން އަށް ގޯލް ޖަހައިފި

ފުރަތަމަ މެޗުގައިވެސް ބަޔާނުން އަށް ގޯލް ޖަހައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 ސެޕްޓެމްބަރު 2020

މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާން މިޔުނިކުން ކުޅުނު ފުރަތަމަ މެޗުގައިވެސް އަށް ގޯލު ޖަހައިފި އެވެ. ލީގުގައި ރޭ ޝާލްކޭ އާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗް 0-8 އިން ބަޔާން ކާމިޔާބުކުރި އިރު މެޗުގައި އެ ޓީމުގެ ފޯވާޑް ސާޖޭ ގެނެބްރީ ވަނީ ހެޓްރިކް ހަދައިފަ އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގެނެބްރީގެ އިތުރުން އެޓީމަށް ގޯލް ޖަހައިދީފައިވަނީ، އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީން 44.7 މިލިއަން ޕައުންޑަށް ބަޔާން އަށް މިއަހަރު ބަދަލުވި ލިރޯއި ސާނޭ އާއި ރޮބާޓް ލެވޮންޑޮސްކީ އާއި ތޯމަސް މުލާ ގެ އިތުރުން ލިއޮން ގޮރެޒްކާ އާއި ޖަރުމަނަށް އުފަން އުމުރުން އެންމެ 17 އަހަރުގެ ޖަމާލް މުސިއަލާ އެވެ.

ރޭ ބަޔާން މިޔުނިކުން ހޯދި މޮޅަކީ ޖެހިޖެހިގެން އެ ޓީމުން ހޯދި 22 ވަނަ މޮޅެވެ. ބަޔާން އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް އެ ޓީމުން 31 މެޗު ކުޅެފައިވާއިރު އެއްވަރުވީ ވެސް އެންމެ މެޗަކެވެ. އެއާއެކު ބަޔާނުން ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ އިތުރުން ޖަރުމަނު ލީގާއި ޖަރުމަނު ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

އަނެއްކޮޅުން ޝާލްކޭ އަށް މިއަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ޖަރުމަނު ލީގުގެ މެޗެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ކޯވިޑް 19 އާ ގުޅިގެން ސީޒަން މެދުކަނޑާލުމަށްފަހު އަލުން ފެށިފަހުން ލީގުގައި ޝާލްކޭ އިން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން އެ ޓީމު ވީ ބައްޔެވެ.

ރޭ ބަޔާނުން ލީގުގައި ހޯދި މޮޅަކީ ޖަރުމަނު ލީގުގެ ފުރަތަމަ ދުވަހު ކުޅުނު މެޗެއްގައި މިހާތަނަށް ޓީމަކުން ހޯދި އެންމެ ބޮޑު މޮޅެވެ. އަދި، މިއީ ދެ މަސްދުވަހުގެ ތެރޭގައި އަށް ގޯލް ޖަހައިގެން ބަޔާނުން މެޗެއް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ބަޔާނުން ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި މިދިޔަ މަހު ބާސެލޯނާ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އަށް ގޯލް ޖަހައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!