ޖަރުމަނުގެ ދެ ވަނަ ޑިވިޝަންގެ ފުޓްބޯޅަ މެޗެއްގައި ސަޕޯޓަރަކު ދަނޑަށް އަރައި ވީއޭއާއާރު މޮނިޓަރުގެ ވާގަނޑު އުފުރާލައިފި އެވެ.
މިކަމެއް ހިނގީ ބުންޑަސް ލީގާ 2 ގައި އާދީއްތަ ދުވަހު ޕްރުސެން މުއެންސްޓާ އާއި ހާތާ ބާލިން ވާދަކުރި މެޗުގަ އެވެ.
ޕްރުސެން މުއެންސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި ވީއޭއާރު މޮނިޓަރުގެ ވާގަނޑު އުފުރާލާފައި އޮތްކަން އެނގުނީ މެޗުގެ ފުރަތަމަ ހާފުގައި ހާތަ ބާލިންއަށް ލިބުނު ޕެނަލްޓީއަކާ ގުޅިގެން މެޗުގެ ރެފްރީ ފެލިކްސް ބިކެލް ވީއޭއާރު ޗެކްކުރަން ދިޔަ ވަގުތު އެވެ.
އޭރު ވީއޭއާރު މޮނިޓަރުގައި ކަރަންޓެއް ނެތެވެ. މި ހާދިސާއާ ގުޅިގެން ރެފްރީ ބިކެލްއަށް ގޮތެއް ނިންމަން އުނދަގޫވުމާ އެކު ޕެނަލްޓީއާ މެދު ގޮތް ނިންމީ ޖަރުމަނުގެ އެހެން ސިޓީއެއް ކަމަށްވާ ކޮލޯންގައި ހުރި ވީއޭއާރު އޮފިޝަލެއް މެދުވެރިކޮށެވެ.
އިއްޔެ ކުޅުނު މެޗުން ޕްރުސެންގެ މައްޗަށް ހާތާ ބާލިންއިން ކުރި ހޯދީ އެ ނިންމުމާއެކު ލިބުނު ޕެނަލްޓީން ގޯލު ޖަހައި 1-2 އިން މޮޅުވެގެންނެވެ.
ސަޕޯޓަރުންގެ ތެރެއިން މޫނު ނިވާކޮށްގެން ހުރި މީހަކު ގަވާއިދާ ހިލާފަށް ދަނޑަށް އަރައި ވީއޭއާރު ސިސްޓަމްގެ ކަރަންޓް ވާގަނޑު ނައްޓާލާފައި ހުރީ.
މެޗަށްފަހު ޕްރުސެންއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"އެކަން އެގޮތަށް ހިނގިކަމަށްޓަކައި ޕްރުސެން އިން ހިތާމަކުރަން. އަދި، މި އަމަލު ހިންގި ފަރާތެއް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕްރުސެންއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މެޗުގައި އެ ހިނގި ހާދިސާއަކީ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ކުރިން ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް އެހާތަނަށް ހޯދި ހޯދުންތަކުން ފާހަގަވެފައިވާ ކަމަށެވެ.
ޖަރުމަނު ލީގަށް ކޮލިފައިވާން ކުޅޭ ޖަރުމަނު ބުންޑަސްލީގާ 2 ގައި ޕްރުސެން 14 ވަނައިގައި އޮތްއިރު، އެޓީމު އަތުން މޮޅުވި ހާތަ ބާލިން އޮތީ 6 ވަނައިގަ އެވެ.