ހުޅުމާލޭގައި އޮންނަ ފުޓްސަލް ތިން ދަނޑެއްގެ ޓާފް ބަދަލުކުރަން ނިންމައި ތ. ހިރިލަންދޫ އާއި ތ. އޮމަދޫގައި ޓާފް ފުޓްސަލް ދަނޑުތައް އެޅުމުގެ މަސައްކަތް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ފަށައިފި އެވެ. މި މަސައްކަތްތައް ކުރުމަށް އެގްރީމެންޓްގައި ސޮއިކޮށްފައިވާކަން ހާމަކުރެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.
ހުޅުމާލޭގައި ޓާފް ބަދަލުކުރާ ތިން ދަނޑުގެ ތެރޭގައި ރެހެންދި ސްކޫލް ކުރިމަތީގައި އޮންނަ ދެ ދަނޑު ހިމެނެ އެވެ. މި ދެ ދަނޑަކީ ފަހަކަށް އައިސް ބޮޑެތި މުބާރާތްތައް ބާއްވަމުން އަންނަ ދަނޑުތަކެކެވެ. މިގޮތުން، މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕާއި ގޯލްޑެން ފުޓްސަލް ޗެލެންޖް ކުރިއަށް ގެންގޮސްފައިވަނީ އެ ދަނޑުތަކުގަ އެވެ. އެހެންނަމަވެސް މުބާރާތްތައް ކުރިއަށް ގެންދެވޭ ވަރަށްވުރެ އެ ދަނޑުތަކުގެ ޓާފަށް މިހާރު ވަނީ ގެއްލުންލިބިފަ އެވެ.
ޔޫތު މިނިސްޓްރީން ހުޅުމާލޭގެ ތިން ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކުރީ މަމްނޫޒް ޝިޕިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެވެ. މަސައްކަތާ ހަވާލުވާތާ 35 ދުވަސްތެރޭ ނިންމަން ހަމަޖެހިފައިވާ މި މަސައްކަތަށް އެއް މިލިއަން ފަސް ލައްކަ ރުފިޔާ ސަރުކާރުގެ ބަޖެޓުން ހަރަދުކުރާނެ އެވެ.
ހިރިލަންދޫގައި ދަނޑު އެޅުމުގެ މަސައްކަތް ޓްރިޕަލް އެއިޓް ކުންފުންޏާ ހަވާލުކޮށްފައިވާއިރު މި މަސައްކަތަށް އެއް މިލިއަން ހަތަރު ލައްކަ ރުފިޔާ ހަރަދުވާނެ އެވެ. އޮމަދޫގައި އަޅާ ޓާފް ފުޓްސަލް ދަނޑުގެ މަސައްކަތާ ހަވާލުވީ ޓްރިއޯ ލިންކް އިންވެސްޓްމެންޓުންނެވެ. މި މަސައްކަތުގެ އަގު އެއް މިލިއަން ދެ ލައްކަ އަށް އަރާކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގައި ގިނަ ފުޓްސަލް ދަނޑުތަކެއް ތަރައްގީކުރަމުން އަންނައިރު ދާދިފަހުން ވަނީ ބ. ކުޑަރިކިލާއި ތ. ދިޔަމިގިލީގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފަ އެވެ. ދިޔަމިގިލީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލުމަށް ފަހު މި އާދީއްތަ ދުވަހު މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދިވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި ފުޓްސަލް ދަނޑުތަކުގެ އިތުރުން މުހިއްމު އެހެން ކުޅިވަރުތަކުގެ ތަރައްގީއަށް ވެސް ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށެވެ.