އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި މިރޭ ޗެލްސީ ބަލިކޮށް އާސެނަލުން އަންނަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފި އެވެ. ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ 2-1 އިންނެވެ.
މިދިޔަ މަހު ނިމުނު ޕްރިމިއާ ލީގުގެ އަށް ވަނަ ލިބުމުން އަންނަ ސީޒަނުގެ ޔޫރަޕްގެ ޖާގައެއް އާސެނަލަށް ލިބެން އޮތީ އެފްއޭ ކަޕް ކާމިޔާބުކޮށްގެންނެވެ. މިރޭ އާސެނަލުން ހޯދި މުހިއްމު މޮޅުގައި ތަރިއަކަށްވީ މި ސީޒަނަށް ފަހު އެޓީމު ދޫކޮށްލާނެކަމަށް އަޑުފެތުރިފައިވާ ޕިއޭ-އެމެރިކް އޮބާމިޔަން އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގީ ކްރިސްޓިއަން ޕުލިސިކް ޖެހި ލަނޑުންނެވެ. އޮލިވިއޭ ޖިރޫޑް އޭރިޔާ ތެރެއިން ޖައްސާލި ބޯޅަ ހޯދުމަށް ފަހު ޕުލިސިކް ލަނޑު ޖެހީ ކައިރީގައި ހުރި އާސެނަލްގެ ކުޅުންތެރިޔާ ކައިރިން ނައްޓާލާފައި ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޗެލްސީން މޮޅަށް ކުޅުނު ނަމަވެސް އޭގެފަހުން އާސެނަލުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. މި ހާފުގައި އާސެނަލްގެ ނިކޮލަސް ޕެޕޭ ގޯލަށް ވައްދާލި ބޯޅަ ކެންސަލްކުރީ އެ ހަމަލާ އުފެއްދިއިރު އާސެނަލްގެ ކުޅުންތެރިއަކު އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ. އާސެނަލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ އޮބާމިޔަން އެވެ. މިއީ ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އޮބާމިޔަން އަށް ކުރި ފައުލަކުން 28 ވަނަ މިނެޓުގައި އޮބާމިޔަން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ އަޒްޕިލިކުއެޓާ އަށް އަނިޔާވުމުން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ބަދަލުގައި އަންދްރެސް ކްރިސްޓިއެންސަން ކުޅެން އަރުވައިފަ އެވެ.
ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ޗެލްސީ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ޕުލިސިކް ބާލަން ޖެހުމެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕުލިސިކްގެ ބަދަލުގައި ކުޅެން އެރީ ޕެޑްރޯ ރޮޑްރިގޭޒް އެވެ. މި ހާފުގައި އާސެނަލުން ލީޑު ނެގި ލަނޑު ޖެހީ ވެސް 31 އަހަރުގެ ގެބޯންގެ ފޯވާޑް އޮބާމިޔަން އެވެ. ޕެޕޭ ދިން ޕާސް ހޯދުމަށް ފަހު ކައިރީގައި ހުރި އެންޓޯނިއޯ ރުޑިގާ ކައިރިން ނައްޓާލައި ކީޕަރަށް ފުރުސަތެއް ނުދީ އޮބާމިޔަން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ހަމަޖެހިލާފަ އެވެ. މިއީ އާސެނަލަށް މި ސީޒަނުގައި އޮބާމިޔަން ކާމިޔާބުކޮށްދިން 29 ވަނަ ލަނޑެވެ.
ލީޑު ގެއްލުމުން ޗެލްސީން ވަނީ ކުރިއަށް ޖެހި ހަމަލާތައް އިތުރުކުރަން މަސައްކަތްކޮށްފަ އެވެ. އެ މަސައްކަތަށް އެޅުނު އެންމެ ބޮޑު ހުރަހަކީ 73 ވަނަ މިނެޓުގައި މަޓެއޮ ކޮވަސިޗަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމެވެ. މެޗުގައި އިތުރު ލަނޑެއް ޖަހަން ލަމްޕާޑް ވަނީ ފަހުކޮޅު ރޮސް ބާކްލީ އާއި ކަލުމް ހަޑްސަން-އޮޑޯއީ އަދި ޓަމީ އަބްރަހަމް ކުޅެން އަރުފައިވަ އެވެ. އެކަމަކު އާސެނަލުން ވަނީ ޗެލްސީ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައި ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.
މިއީ އެފްއޭ ކަޕްގެ ޗެމްޕިއަންކަން އާސެނަލުން ހޯދި 14 ވަނަ ފަހަރެވެ. އާސެނަލަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުގެ ފަހަތުން އެންމެ ކާމިޔާބީ 12 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ.
ސީޒަނުގައި އާސެނަލަށް ބާކީ އެއްވެސް މުބާރާތެއް ނެތެވެ. އެކަމަކު ޗެލްސީ އަންނަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރަމުންނެވެ. އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައި ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް އާސެނަލަށް ލިބުމުން އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނަ ހޯދި ޓޮޓެންހަމް ހޮޓްސްޕާސް ޖެހޭނީ ޔޫރޮޕާ ލީގުގެ ކޮލިފައިން ކުޅޭށެވެ.