ށ. ފޯކައިދޫ ޓީމަށް ކުޅެމުން އައި ޒުވާން ފޯވަޑް އަދި އެޓީމުގެ ވައިސް ކެޕްޓަން މުހައްމަދު ޖައިލަމް (އޮގީ) ކްލަބް ގްރީން ސްޓްރީޓްސް އަށް ސޮއި ކޮށްފިއެވެ. އޮގީ ގްރީން އަށް ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 20 އަހަރުގެ އޮގީ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި ބީޖީ ސްޕޯޓްސް ކުލަބުންނެވެ. 2016 ވަނަ އަހަރު ޕްރިމިއަރ ލީގުން ބީޖީ ރެލިގޭޓް ވުމުން ވިކްޓަރީ އަށް ބަދަލު ވިއެވެ. ނަމަވެސް ވިކްޓަރީ ޓީމުން ފުރުސަތު ނުލިބެން ފެށުމުން ކުރީގެ ކްލަބް ބީޖީއަށް ދެވަނަ ޑިވިޝަނުގައި ކުޅެން ބަދަލުވިއެވެ. އެއަށް ފަހު ޔޫތު ޗެމްޕިއަންޝިޕުގައި ކްލަބް އީގަލްސް އަށާއި މިިވަން ޗެމްޕިއަންޝިޕުގައި އއ. މާޅޮސް ފުޓުބޯޅަ ޓީމަށް ވެސް ކުޅުނު އޮގީ ފޯކައިދޫއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޕްރިމިއަރ ލީގަށެވެ.
އޮގީ ވަނީ ނިމިދިޔަ ސީޒަނުގެ ފަހުކޮޅު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގަ ހުންނަން ޖެހިފައެވެ. އޮގީގެ ވާތު ކަކުލުގެ ލިގަމެންޓް ހަލާކުވީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސް އާވާދަކޮށް 3-2 އިން ފޯކައިދޫ މޮޅުވި މެޗުގައި، މެޗު ނިމެން 22 މިނިޓަށް ވެފައި ވަނިކޮށެވެ. އޮގީގެ ރިކަވަރީއާ ބެހޭގޮތުން “ފަހުމިނެޓް” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގްރީން ސްޓްރީޓްސްގެ މެނޭޖަރު އަލީ ރިޒާ ވިދާޅުވީ، އޮޕަރޭޝަނަށް ފަހު އޭނާގެ ކަކޫ ވަނީ މުޅިންހެން ރަނގަޅުވެފައި ކަމަށާއި، އުންމީދަކީ ކުރިޔަށް އޮތް ސީޒަނުގައި އޮގީގެ ކުޅުން ގްރީންގެ ޖޯޒީގައި އެންމެ ފުރިހަމައަށް ފެނިގެންދިޔުން ކަމަށެވެ.
އދ. ހަންޏާމީދޫއަށް ނިސްބަތްވާ އޮގީ ފޯކައިދޫ ޓީމުގައި ކުޅުނު ފުރަތަމަ އަހަރުވެސް އޭނާ ދެއްކި މޮޅު ކުޅުމާއެކު އެފްއޭއެމްގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެއަހަރު ހޮވި އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް އޮގީއަށް ލިބުނެވެ. އެއަހަރު އޮގީ ވަނީ ޕްރިމިއަރ ލީގުގައި ފޯކައިދޫ އަށް 6 ގޯލު ކާމިޔާބު ކޮށްދީފައެވެ.
ހުނަރު އެކަންޏެއްނޫން، އެ އަޒުމާއި ހިތްވަރަށްވެސް ހަމަ ސަތޭކަ
ގައުމީ 23 އަހަރުން ދަށުގެ ޓީމުގައި ވެސް ހިމެނޭ އޮގީ ވަނީ މިދިޔަ އަހަރު އޮތް އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ އިތުރުން މިދިޔަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް ކުޅެފައެވެ. އަދި މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައިމީ ޓީމުގައި ހިމެނުމަށް ފަހު އޭނާ އަންނަނީ ގަވާއިދުން ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ.
ކުރިޔަށް އޮތް ސީޒަނުގައި ގްރީން ސްޓްރީޓްސް ގެ ކޯޗަކަށް ހުންނާނީ މިދިޔަ ދެ ސީޒަނުގައި ފޯކައިދޫ އަށް އިރުޝާދު ދިން ކޯޗު އަލީ ނިސްތާރު މުހައްމަދެވެ. އޮގީ ކެރިއަރު ފެށި އަހަރު ނިސްތާރަކީ ބީޖީގެ އެސިސްޓަންޓް ކޯޗެވެ. އަދި 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގައި މާޅޮސް ޓީމުގައި ވެސް އޮގީއަށް އިރުޝާދު ދިނީ ނިސްތާރެވެ.
އޮގީ އަކީ ކުރިޔަށް އޮތް ފުޓުބޯޅަ ސީޒަނަށް ކުލަބް ބަދަލުކުރިކަން ރަސްމީކޮށް ހާމަކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.
ކޮވިޑް-19 ގެ ސަބަބުން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލް ކޮށްރާއްޖޭގެ ސީޒަން ނިންމާލީ މިދިޔަ އޭޕްރީލް މަހު އެވެ. ނަމަވެސް ޑިސެމްބަރު 8 ވަނަ ދުވަހު އާ ސީޒަން ފެށުމަށް އެފްއޭއެމް އިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.