ހުނަރު އެކަންޏެއްނޫން، އެ އަޒުމާއި ހިތްވަރަށްވެސް ހަމަ ސަތޭކަ

Advertisement

ހުނަރު އެކަންޏެއްނޫން، އެ އަޒުމާއި ހިތްވަރަށްވެސް ހަމަ ސަތޭކަ

ޢަބްދުﷲ އަޝްރަފް
ލީގުގައި ތ. ތިމަރަފުށްޓާއި ވާދަކުރި މެޗަށްފަހު ޖައިލަމް، އެމެޗުގައި ފޯކައިދޫގެ ދެ ލަނޑުވެސް ޖެހީ ޖައިލަމް. ފޮޓޯ: އެފްއޭއެމް

އެއީ މީގެ ދިހަ ވަރަކަށް ދުވަސް ކުރިއެވެ. ދިގު ބްރޭކަކަށްފަހު ދިވެހި ޕްރިމިއަރ ލީގުގައި ށ. ފޯކައިދޫއިން ކުޅެން އޮތް ފުރަތަމަ މެޗަށް ކޯޗް ޢަލީ ނިޝްތާރު އުޅުނީ ކުޅުންތެރިން ހަމަނުވެގެންނެވެ. ފުރަތަމަ އެގާރައިގައި ހިމެނި ކުޅުންތެރިއަކު މެޗު ފެށެން ގާތްވިއިރުވެސް ދައްކާނުލީއެވެ. ކޯޗަށް ދެން މަޖްބޫރުވީ އެހެން ކުޅުންތެރިއަކަށް ގުޅާށެވެ. އޭރު މާބޮޑަށް ލަސްވެފައި ހުރުމުން އެކުޅުންތެރިޔާވެސް އަންނާކަށް ބޭނުމެއް ނުވިއެވެ. އެކަމަކު އެކަން އޭރު ކޯޗާއި އެންމެ ގާތުގައި އިން އުމުރުން އެންމެ އަށާރަ އަހަރުގެ ކުޅުންތެރިޔާއަށް ކަމަކު ނުދިޔައެވެ. “ފުޓްބޯޅަ ކުޅެން ކަމަށް ވަންޏާ ކޮންމެ ގަޑިއަކު ބުންޏަސް އަހަރެން އަންނާނަން” އޭނާ ކޯޗު ގާތުގައި ބުނީ މިހެންނެވެ. މިއީ ށ. ފޯކައިދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން މިހާރު އަންނަ މުހައްމަދު ޖައިލަމް (އޮގީ) ގެ ވާހަކަ އަހަރެން ފަށަން ބޭނުންވާ ހިސާބެވެ.

ޖައިލަމް ގެ ހިތުގައި ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން އެނގެނީ އެ ވާހަކައިން އެކަންޏެއް ނޫނެވެ. މީގެ ދެ އަހަރު ކުރިން ބީޖީ ސްޕޯޓްސްއިން ހުޅުވާލި ޓްރަޔަލް އެއްގައި ބައިވެރިވި 86 ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިއަކު ނެގިއިރު އުމުރުން އެންމެ ސޯޅަ އަހަރުގެ ޖައިލަމް ހިމެނުނީ އެ ޝައުގުވެރިކަން އޭނާގެ ކިބައިގައި ހުރިލެއް ބޮޑުކަމުންނެވެ. ޓީމަށް ނުނަގައި ބާކީވެދާނެ ކަމުގެ ބިރު ކިތަންމެ ވަރަކަށްވެސް އޭނަގެ ހިތުގައި އެފަހަރު އޮތެވެ. ޖެހިގެން އައި އަހަރު ބޮޑު ކްލަބެއްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފުރުސަތު ލިބުނަސް ބާކީވާން އުޅޭހެން ހީވުމުން ދެވަނަ ޑިވިޝަނުގެ ޓީމަކަށް ވިޔަސް ބަދަލުވާން އޭނާ ނިންމީ ހަމަ ކުޅޭ ހިތްވާލެއް ބޮޑުކަމުންނެވެ. އޭނާގެ ހަމައެކަނި އަމާޒަކަށްވީ ދަނޑުމަތީގައި އޭނާގެ ހުނަރު ދައްކާލަން ފުރުސަތު ހޯދުމެވެ. ދިވެހި ޕްރިމިއަރ ލީގްގައި މިހާތަނަށް ކުޅުނު ހަތް މެޗްގައި ފަސް ގޯލް ޖަހައި ތިން މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޖައިލަމް ހޯދުމުގެ އެއް ސިއްރަކީ އެއީއެވެ.

Advertisement

2016 ވަނަ އަހަރު ޖައިލަމް ފިޓްނަސް ރަނގަޅު ކުރުމުގައި. ޖައިލަމަކީ ބުރަކޮށް މަސައްކަތްކުރާ ވަގުތަށް ކަމޭހިތާ ކުޅުންތެރިއެއް. ފޮޓޯ: ފޭސްބުކް

އދ. ހަންޏާމީދޫއަށް އުފަން ޖައިލަމްގެ ހިތް ވަރަށް ކުޑައިރުވެސް ފުޓްބޯޅައަށް ދޫވުމުގެ އެއް ސަބަބަކަށްވީ އޭނާގެ ބައްޕަ އެވެ. ޖައިލަމްގެ ބައްޕައަކީ އަތޮޅުގެ ނިސްބަތުން އޭރު މޮޅު މިޑްފީލްޑަރެކެވެ. އެއިރުއްސުރެ ބައްޕަގެ ފިޔަވަޅު ބަލައިގެން ކުރިއަށްދާން ނިންމައިގެންހުރި ޖައިލަމްއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރުމާއެކު އިތުރު ހިތްވަރެއް ލިބުނެވެ. އުމުރުން އެންމެ އަށް އަހަރުގައި އައި އެ ފޯރިއާއެކު ޖައިލަމްގެ ހިތުގައި ކަނޑައެޅީ އަދި މާ ވަރުގަދަ އަޒުމެކެވެ. ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުން އެހިސާބުންވެސް އޭނާގެ އަމާޒަކަށް ހެދިއެވެ. މިއަދު ޖައިލަމް އެ އަންނަނީ އެ ޓާގެޓަށް ވާސިލްވުމަށް ކުޅުންތެރިއަކު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފިސާރި ރަގަޅަށް ފުރިހަމަކުރަމުންނެވެ.

މިކަން އެންމެ ގާތުން ތަޖުރިބާ ކުރަމުން އަންނަ އެކަކީ ފޯކައިދޫ ޓީމުގެ ކޯޗް ޢަލީ ނިޝްތާރެވެ.

“އޮގީ އަކީ މިހާރު އަރަމުން އަންނަ އެންމެ ރަގަޅު އެއް ޕްލޭޔަރު. އިރާދަކުރެއްވިއްޔާ މަދު އަހަރު ތަކެއްގެ ތެރޭގައި ނެޝަނަލް ޓީމްގެ ޕްލޭޔަރަކަށް ވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވޭ ޕްލޭޔަރެއް އޮގީ އަކީ. އޮގީ އާ އެހެން ކުދިންނާ ތަފާތުވާ ތަންކޮޅަކީ އޭނާގެ ޑިސިޕްލިންއާ، ހަމަ ކޮމިޓްމަންޓް. ދުވަހަކުވެސް ޓްރެއިނިންގް އެއް މިސް އެއް ނުވާނެ. ގަޑިއެއް ނުޖެހޭނެ. ދުވަހަކުވެސް ކޯޗަކާ ޒުވާބެއް ނުކުރާނެ. އެކަމަކު އޭނަގެ އޮޕީނިއަންވެސް ދޭނެ. އެހުރިހާ ގޮތަކަށް ބަލާއިރު އޮގީ އަކީ ޕާފެކްޓް ޕްލޭޔަރެކޭ ބުނެވޭނީ” ޖައިލަމްއާ ބެހޭގޮތުން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ނިޝްތާރު ފުރަތަމަވެސް އޮއްސަން ފެށީ ތައުރީފެވެ.

ސީނިއަރ ގައުމީ ޓީމުން އަދި ޖައިލަމަށް ފުރުސަތު ލިބިފައި ނެތަސް އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނި ރާއްޖެ ތަމްސީލްކޮށްދީފައެވެ. މިދިޔަ އަހަރު ތަޖިކިސްތާނުގައި އޮތް އޭއެފްސީ ގެ 19 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި ދިވެހި ޓީމަށް ލިބުނު ހަމައެކަނި ޕޮއިންޓް ހޯދި މެޗްގައި ކެޕްޓަނަކީ ވެސް ޖައިލަމެވެ. ސްރީލަންކާއަށް ވާދަކޮށް 2-2 އިން އެއްވަރު ކުރި މެޗަކީ މިހާތަނަށް ޖައިލަމްގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ އުފާވެރި ހަނދާނެވެ.

“ވަރަށް އުފާވި ދުވަހެއް އެއީ. ހާއްސަކޮށް ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ދުވަހެއްގަ ސްރީ ލަންކާއާ އެއްވަރުކުރެވުނީމަ އެއީ ވަރަށް ހިތްހަމަޖެހުނު ދުވަހަކަށްވީ” މި މަހުގެ 13 ވަނަ ދުވަހު ނަވާރަ އަހަރު ފުރޭ ޖައިލަމްގެ އެންމެ އުފާވެރި ތަޖްރިބާގެ ވާހަކަ “ފަހުމިނެޓް” އަށް ކިޔައިދެމުން ބުނެފައިވެއެވެ.

ޖައިލަމް (ނަންބަރު 7) 19 އަހަރުން ދަށުގެ ގައުމީޓީމާއެކު. އޭނާގެ އުއްމީދަކީ ސީނިއަރ ޓީމުން ފުރުސަތު ލިބުން. ފޮޓޯ: ފޭސްބުކް

ބީޖީ ސްޕޯޓްސް އާއެކު ގަލޮޅު ދަނޑަށް ހޭނެންފެށި ޖައިލަމް އަށް މިވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނު ރަގަޅު ކޮންމެ ފުރުސަތެއްގެ ބޭނުންވަނީ ހިފައިފައެވެ. ބޮޑު ކްލަބަކަށް ކުޅުން އޭނާއަށް މުހިއްމެއް ނުވިއެވެ. އޭނާގެ އަމާޒަކަށް ހެދީ ފުރަތަމަ އެގާރައިން ޖާގަ ހޯދޭ ވަރުގެ ޓީމަކަށް ކުޅުމެވެ. އަތޮޅުތެރޭގެ ޓީމަކަށްވިޔަސް އޭނާއަކަށް ފަރުވާލެއް ނެތެވެ. ޖައިލަމްގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރު ތަރައްގީ ކުރުމަށް ވާދަވެރި މެޗުތަކެއްގައި ކުޅެން ފުރުސަތު ހޯދުން އޭނާއަށް މާބޮޑަށްވެސް މުހިއްމުވީއެވެ. މި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ގުޅުނު ޓީމްތަކުގެ ތެރެއިން ވިކްޓްރީ ސްޕޯޓްސް ކްލަބް ފިޔަވައި އެހެން ހުރިހާ ޓީމެއްގެ ފުރަތަމަ އެގާރަ ޖައިލަމް ކަށަވަރުކުރިއެވެ. އަނިޔާއެއް ވެގެން ނޫން ގޮތަކަށް އޭނާ އަށް އެ ފުރުސަތު ގެއްލިފައެއް ނުވެއެވެ. ނަތީޖާއަކަށްވީ އިދިކޮޅަށް ކުޅޭ ޓީމްތަކުން ޖެހިލުންވާވަރުގެ ކުޅުންތެރިއަކަށް ޖައިލަމް ވުމެވެ. މިހާރު ޖައިލަމް ފެންނަނީ ކުރިއާ ތަފާތުކޮށް މާބޮޑަށްވެސް ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް އޭނާ ފާހަގަކުރެވެމުން އަންނަނީ ފަހުވަގުތުކޮޅުގެ ތެރޭގައި މުހިއްމު ގޯލްތަކެއް ޖަހަމުން އަންނަ ކުޅުންތެރިއެއްގެ ގޮތުގައެވެ. ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް ޖައިލަމް ވައްދާލި ފަސް ގޯލްގެ ތެރެއިން ހަތަރު ގޯލް ޖަހައިފައިވަނީ މެޗްގެ ފަހު ދިހަ މިނެޓްގެ ތެރޭގައެވެ. އެންމެ ފަހު ވަގުތާ ހަމައަށް ދޫނުދީ ހިތްވަރުކުރުމުގައިވެސް ޖައިލަމް އަކީ މިސާލެކެވެ.

“ބީޖީގަ އުޅުނު އިރު އޮގީ އެހާ ސްކޯ އެއް ނުކުރާނެ. ވަރަށް ޅަވީމަ ކަންނޭނގެ. އެކަމަކު ވަރަށް ކްރިއޭޓްކުރާނެ. މިހާރު ދެން އޭނަ ސްކޯ ކުރަން ފަށައިފި. އެއީ ހަމަ އޭނަގެ މަސައްކަތް. އަހަރެމެން މިހާރު ވަރަށް ބޮޑަށް އޮގީ ގާތު ބުނަން ތަންކޮޅަށް ބޮޑަށް ސެލްފިޝްވާން. އެހެން މީހުންލައްވާ ޖަހަން އަބަދު ނޫޅެ، އޮގީ އަމިއްލައަށް ސްކޯކުރަން. އެތަން މިހާރު މަޑުމަޑުން ފެންނަން ފަށައިފި” މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖައިލަމްއަށް ގެ ކުޅުމަށް އައި ބަދަލާ ގުޅޭގޮތުން އެންމެ ރަގަޅަށް އެކަން ދަންނާނެ އެކަކު ކަމަށްވާ ފޯކައިދޫގެ ކޯޗް ބުންޏެވެ.

ޖައިލަމް ލީގުގައި ފެހެންދުއާއި ވާދަކުރި މެޗުގައި. އެމެޗުގައިވެސް އޭނާ ވަނީ ދެ ގޯލު ޖަހާފައި. ފޮޓޯ: އެފްއޭއެމް

މީގެ ކުރިން ދިވެހި ޕްރިމިއަރ ލީގުގަޔާއި، މިނިވަން ޗެމްޕިއަންޝިޕްގައި އއ. މާޅޮހު ޓީމަށްވެސް ކުޅެފައިވާ ޖައިލަމްގެ ފަރާތުން މި ފަހަކަށް އައިސް މުހިއްމު ގޯލްތަކެއް ފެނުމުގައި އޭރުވެސް ކޯޗަކަށް ހުރި ނިޝްތާރުގެ މަސައްކަތް ޖައިލަމް ފާހަގަކުރިއެވެ.

“ކޯޗް އަހަރެން ގާތު މެޗް ފެށުމުގެ ކުރިން ވަރަށް އާންމުކޮށް ބުނާ އެއްޗެއް އޮވޭ. އެންމެ ފަހު މެޗްގައިވެސް (ނިލަންދޫއާ ދެކޮޅަށް ކުޅުނު) ބުނި އޮގީ އެންމެ އަޑު އިވެން ބޭނުންވާނެ އަޑަކަށް ވާންވާނީ ދާގަނޑުގަ ބޯޅަ ޖެހިލާ ވަގުތު އެއިވޭ އަޑޭ. ދެން އޭތި އަބަދުވެސް މެޗް ކުޅޭއިރު ހަނދާން ހުރޭ” ލަނޑު ޖެހުމަށް ޖައިލަމްއަށް އެންމެ ބޮޑު ހިތްވަރެއް ލިބޭ އެއް ސަބަބު “ފަހުމިނެޓް” އާ ހިއްސާކުރަމުން ބުނެފައިވެއެވެ. ޖައިލަމް ގަބޫލުކުރާ ގޮތުގައި އޭނާއަށް މިހާރު ލިބެމުން އަންނަ ކާމިޔާބީ ގައި ވަރަށް މުހިއްމު އެހެން މީހަކުވެސް ހިއްސާވެއެވެ. އެއީ ގަލޮޅު ދަނޑުގައި ކުޅުންތެރިއެއްގެ ގޮތުން ފުރަތަމަ ފަހަރަށް ފައި ބީއްސާލަން ފުރުސަތު ހޯދައިދިން ބީޖީ ސްޕޯޓްސްގެ ކުރީގެ ކޯޗް މުޙައްމަދު ޝާޒްލީ (ޝާޒް) އެވެ.

ކޮންމެއަކަސް ޖައިލަމްއަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް ފައްކާވަމުން އަންނަ ޖަވާހިރެއް ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރެއެވެ. އޭނާގެ ހުނަރާ މެދު ސުވާލެއް ނެތެވެ. ފަރިތަކުރުންތަކުގަޔާއި، މެޗް ތެރޭގައި ދައްކަމުން އަންނަ ޑިސިޕްލިން އެއް ވަނައެވެ. ޓީމް ޕްލޭޔަރެއްގެ ގޮތުގައި އެއީ ނަމޫނާއެކެވެ. އަޒުމާއި ހިތްވަރާއި، މަސައްކަތުގެ ރޭޓް ހަމަ ސަތޭކައެވެ. ދެން އޮތީ އެ ގޮތުގައި ކުރިއަށް ދިއުމެވެ. ހަމަބިމުގައި ހުރެ ތަފާތު ދައްކަމުން އަބަދުވެސް ކުރިއަރަން މަސައްކަތްކުރުމެވެ. އެހެން ކަމަށްވާނަމަ މީގެ ދިހަ އަހަރު ކުރިން ޖައިލަމް ކަނޑައެޅި އަމާޒަށް ވާސިލްވުން އިރާދަކުރެއްވިއްޔާ އޮތީ ދާދި ކައިރީގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *