މެދުކެނޑުމަކަށް ފަހު ފަރިތަކުރުންތަކަށް ނުކުތުން ސިފަކުރެވުނީ އަލަށް ސްކޫލަށް ދިޔަ ދުވަސް ގޮތަށް ކަމަށް ލިވަޕޫލްގެ ކާމިޔާބު ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ. އޭނާ މިހެން ބުނީ ކޮވިޑް-19 ގެ ސަބަބުން ހުއްޓުމެއް އައިސްފައިވާ އިނގިރޭސި ފުޓްބޯޅަ އަލުން ފެށުމުގެ ގޮތުން ޓީމުތަކަށް ފަރިތަކުރެވޭނެ ގޮތްތައް ހަމަޖެއްސެމުން، ޓީމާއެކު އިއްޔެ ކުރި ފަރިތަކުރުންތަކަށް ފަހު އެވެ.
ސަރުކާރާއި އެފްއޭގެ ލަފާގެ މަތީން އިނގިރޭސި ޓީމުތަކުން މިހާރު އަންނަނީ ގައިދުރުކަން އިސްކޮށް ގްރޫޕް ހަދައިގެން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ލިވަޕޫލުން އިއްޔެ ފަރިތަކުރުންތައް ފެށީ އެ ސިޓީގެ މެލްވޫޑް ޓްރެއިނިން ގްރައުންޑްގަ އެވެ. މިއީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ލީގުގެ ކުޅުން މެދުކަނޑާލިފަހުން އެޓީމުގެ ކުޅުންތެރިން ފަރިތަކުރި ފުރަތަމަ ފަހަރެވެ. ލީގުގެ ކުޅުން މެދުކަނޑާލިއިރު ބާކީ އަދި 92 މެޗު އެބައޮތެވެ.
“އެހެން ދުވަސްތަކަށް ވުރެ އަވަހަށް ހޭލެވުނު. ދެން އަހަރެންނަށް ހީވީ މިއީ ސްކޫލްގެ ފުރަތަމަ ދުވަހޭ. އެއީ މީގެ 46 އަހަރު ކުރިން. އެކަމަކު އެދުވަހާ ވަރަށް އެއްގޮތް ގޮތެއް މިއަދު ހުރި.” ބްރޭކަށް ފަހު ނުކުތް ފުރަތަމަ ފަރިތަކުރުންތަކަށް ފަހު ކްލޮޕް ބުންޏެވެ.
Morning, Reds ????
The boss and Pep are back at Melwood ???? pic.twitter.com/xHvl8LeF9L
— Liverpool FC (@LFC) May 20, 2020
އިނގިރޭސި ލީގުން މިދިޔަ ހޯމަ ދުވަހު ވަނީ ގްރޫޕް ހަދައިގެން ޓީމުތަކަށް ފަރިތަކުރެވޭ ގޮތަށް ފާސްކޮށްފަ އެވެ. ގައިދުރުކަން އިސްކޮށް މިގޮތަށް ފަރިތަކުރުން ކުރިއަށް ގެންދާއިރު އެންމެ ގިނަވެގެން ގްރޫޕެއްގައި ތިބޭނީ ފަސް ކުޅުންތެރިންނެވެ. އަދި، ކޮންމެ ކުޅުންތެރިއަކަށް ފަރިތަކުރެވޭނެ ވަގުތުގެ ގޮތުގައި 75 މިނެޓް ވަނީ ކަނޑައަޅައިފަ އެވެ. އިނގިރޭސި ލީގުން މިދިޔަ ހަފްތާ ކްލަބްތަކަށާއި ކުޅުންތެރިންނަށް ފޮނުވި ޕްރޮޓޮކޯލްގައި ބުނެފައިވަނީ ކޮންމެ ޓްރެއިނިން އަކަށްފަހު ކޯނަރު ދިދަ އާއި ބޯޅަތަކާއި، ކޯންތަކުގެ އިތުރުން ގޯލާއި މުޅި ދަނޑު ވެސް ކޮންމެ ދުވަހަކު ޑިސްއިންފެކްޓް ކުރާނެކަމަށެވެ. މީގެ އިތުރުން ކޮންމެ ދެ ހަފްތާއަކުން ކޮވިޑް-19 އަށް ކުޅުންތެރިން ޓެސްޓް ކުރުމާއި ޓްރެއިނިންގެ ކުރިން ކުޅުންތެރިންގެ ހާލަތާއި ގުޅޭގޮތުން ސުވާލުކުރުމުގެ އިތުރުން ހުން ހުރިވަރު ކޮންމެ ދުވަހަކު ބަލާނެކަމަށް ކުޅުންތެރިންނާއި ކޯޗުންނަށް ފޮނުވި ޕްރޮޓޮކޯލްގައި ބުނެފައިވެ އެވެ.
މީގެ ކުރިން ލީގު އަލުން ފެށުމަށް މަސައްކަތްކުރީ ޖޫން 12 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ މުއްދަތު މިހާރު ފަސްވުމުގެ ފުރުސަތު ބޮޑެވެ. ލީގު އަލުން ފެށުމަށް ކުރާ މަސައްކަތުގައި ޕްރިމިއާ ލީގުގެ ޓީމުތަކުގެ ހުރިހާ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެންމެ ފުރަތަމަ ބުރުގައި ނެގި 748 ސާމްޕަލްގެ ތެރެއިން 06 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެތެރޭގައި ވެޓްފޯޑްގެ ޑިފެންޑަރު އެޑްރިއެން މަރިއައްޕާ ހިމެނެ އެވެ. ދެ ހިމެނެނީ ވެޓްފޯޑްގެ ދެ ކޯޗިން ސްޓާފުންނާއި ބާންލީގެ އެސިސްޓެންޓް މެނޭޖަރެވެ. ބާކީ ދެ ކޭސް ފެނުނީ ކޮން ކްލަބަކުން ކަމެއް އަދި ނޭނގެ އެވެ.
ލީގުގައި ލިވަޕޫލަށް ބާކީ އޮތް ނުވަ މެޗުން 06 ޕޮއިންޓް ހޯދައިގެން އެޓީމަށް އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެޓީމު މިވަގުތު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ވުރެ 25 ޕޮއިންޓް ކުރީގަ އެވެ.

ލިވަޕޫލްގެ ތަރި މާނޭ އިއްޔެގެ ޕްރެކްޓިހުގައި. ބޮޑު ބްރޭކަކަށް ފަހު އެޓީމުގެ ގިނަ ކުޅުންތެރިން ފެނުނީ އާއްމުކޮށް ހުންނަގޮތާ ތަފާތުކޮށް
ކްލޮޕް ބުނީ ފަރިތަކުރުންތަކަށް އަލުން ނުކުތްއިރު އެޓީމުގެ ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި ކަމަށާއި އެއީ އޭނާ އަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.
“އަހަރެމެންނަށް ނޭނގޭ މިކަން ދިގުލައިގެން ދާނެ ވަރެއް. އެކަމަކު ސީޒަނުގެ ބާކީ ބަޔާއި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އަހަރެމެންނަށް ވަގުތު މިވަނީ ލިބިފަ. ސަބަބަކީ އަހަރެންނަށް ހިއެއްނުވޭ ދެސީޒަން ދޭތެރޭ ބޮޑު ބްރޭކެއް މިފަހަރު ލިބޭނެހެން. އެހެންވީމަ މިހާރު ކުރިއަށް މިދަނީ ޕްރީ ސީޒަނެއް” ކްލޮޕް ބުންޏެވެ.
މިދިޔަ ނުވަ ހަފްތާ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް ނެތި ލީގުގެ ހުރިހާ ކުޅުންތެރިން ތިބީ ރެސްޓުގަ އެވެ. ކްލޮޕް ބުނީ އަހަރަކު ދޭއް ނޫނީ ތިން ހަފްތާގެ ޗުއްޓީ ލިބޭ ކުޅުންތެރިންނަށް ނުވަ ހަފްތާގެ ރެސްޓެއް ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. އެކަމަކު ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތުގެ ގޮތުން އެންމެ ރަނގަޅަށް ރެސްޓް ނުކުރެވިދާނެކަމަށް ކްލޮޕް ބުނެފައިވެ އެވެ.
“ދުނިޔެ މިހާރު މިއޮތް ހާލަތާމެދު ކަންބޮޑުވެ އެންމެ ރަނގަޅަށް ރެސްޓް ނުކުރެވިދާނެ. ޗުއްޓީއެއްގަ ރެސްޓް ކުރާ ގޮތައް އެކަން ނުހިނގަފާނެ” ލިވަޕޫލަށް މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
މެދުކެނޑިފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފަށާނެ ތާރީހެއް ކަނޑައަޅާފައި ނުވިނަމަވެސް އެފްއޭ އިން އަންނަނީ އަންނަ މަހުގެ ފަހުކޮޅު ލީގުގެ ކުޅުން އަލުން ފެށޭތޯ މަސައްކަތްކުރަމުންނެވެ.