މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ގެ ކަނާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ކަކުލުގެ ސާޖަރީ އެއް އިއްޔެ އޭޑީކޭ ހޮސްޕިޓަލުގައި ކާމިޔާބުކަމާ އެކު ހަދާފައިވާކަމަށް ކްލަބުން ބުނެފި އެވެ.
އަސަދުﷲގެ ކަކުލަށް އަނިޔާވީ އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގްގެ މެޗުގައި އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް މާލޭގައި މިދިޔަ މަހު ކުޅުނު މެޗުގެ ކުރީކޮޅު އެވެ. އަސަދުﷲ އަށް އަނިޔާވީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ނަގައިދިން ހުރަހެއް އޭރިޔާ ތެރެއިން ގޯލަށް ޖަހަން އުޅުމުގެތެރޭގަ އެވެ. އަނިޔާވުމުގެ ސަބަބުން 11 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ އަސަދުﷲ ބަދަލުކޮށްފަ އެވެ. އަސަދުﷲގެ އަނިޔާގެ ސީރިއަސްކަން ކްލަބުން ހާމަކުރީ އޭގެ ދެތިން ދުވަސް ފަހުންނެވެ. އިއްޔެ ކުރިއަށްގެންދިޔަ ސާޖަރީއަށް ފަހު މާޒިޔާ އިން ބުނެފައިވަނީ އަސަދުﷲ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އަންނަން 6 މަހާއި 7 މަހުގެ މުއްދަތެއް ހޭދަވާނެ ކަމަށެވެ.
މާޒިޔާގެ ކެޕްޓަން އަސަދުﷲ އަކީ މި ސީޒަނުގައި އެޓީމަށް 12 ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން އަސަދުﷲ ވަނީ މީގެ ކުރިން ވެސް ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފަ އެވެ. 2017 ވަނަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހުގެ ރޭ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވީ އަސަދުﷲ ވާތު ކަކުލަށެވެ. އެ އަހަރުގެ ސެޕްޓެމްބަރު އޮޕަރޭޝަނަށް ކުރުމަށް ފަހު އަސަދުﷲ ކުޅުމުގެ ތެރެއަށް އައީ 2018 ވަނަ އަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މާލޭ ލީގުގައި ކްލަބް ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. 10 މަހަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައި މެޗުގައި އަސަދުﷲ ވަނީ ގޯލު ޖަހައިފަ އެވެ.
އަނިޔާއިން އެއްކޮށް ރަނގަޅުވެ އަސަދުﷲ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ކަމަށް ބެލެވެނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަން ފަށާއިރު ގައުމީ ފުޓްބޯޅަ ޓީމުގެ މުހިއްމު ބައެއް މެޗުތައް ވެސް އަސަދުﷲ އަށް ގެއްލޭނެ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް، ކޮރޯނާވައިރަހުގެ ސަބަބުން ބައިނަލްއަގްވާމީ މެޗުތަކާއި ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިވަގުތު އޮތީ މެދުކަނޑާލައިފަ އެވެ.