އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރޭ އޭސީ މިލާނުން މެޗު ކާމިޔާބުކުރަން ދަނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ އިތުރު ވަގުތުގައި ވައްދާލި ޕެނަލްޓީން ޔުވެންޓަސް ބަލިނުވެ ސަލާމަތްވެއްޖެ އެވެ. ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޭ މިލާން ޓީމުގައި އުމުރުން 38 އަހަރުގެ ޒަލަޓަން އިބްރަހިމޮވިޗް ހިމެނިއުރު ޔުވެންޓަސްގެ ކުރި ބެލެހެއްޓީ 35 އަހަރުގެ ރޮނާލްޑޯ އެވެ. މެޗުގައި ޔުވެންޓަސްގެ ގޯލު ބެލެހެއްޓީ 42 އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ.
ރޭގެ މެޗުގައި މިލާނުން މޮޅަށް ކުޅުނުއިރު އެޓީމުން ލީޑު ނެގީ 61 ވަނަ މިނެޓުގައި އަންޓޭ ރެބިޗް ޖަހައިދިން ގޯލުންނެވެ. މިލާނުން މެޗުން މޮޅުވާން ކުރަމުންދިޔަ މަސައްކަތަށް ހުރަސް އެޅުނީ 71 ވަނަ މިނެޓުގައި ތެއޯ ހެނާންޑޭޒަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. ހެނާންޑޭޒް ދެ ވަނަ ލެގްގެ މެޗަށް ސަސްޕެންޑް ވިއިރު އިބްރަހިމޮވިޗަށް ރީނދޫ ކާޑު ދެއްކުމުން އޭނާ އަށް ވެސް ދެ ވަނަ ލެގްގެ މެޗުގައި ނުކުޅެވޭނެ އެވެ.
މެޗުގައި ރޮނާލްޑޯ އެއްވަރުކުރި ޕެނަލްޓީ ލިބުނީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގަ އެވެ. މިއީ ރޮނާލްޑޯ ބައިސިކަލް ކިކެއް ގޮތަށް ޖެހި ބޯޅަ މިލާނުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މިލާނުން ވަނީ އެއީ ގަސްދުގައި ކުޅުންތެރިޔާ އަތްލީ ނޫންކަމަށް ބުނެ ރެފްރީގެ ނިންމުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ. ރޮނާލްޑޯ ވަނީ މި ސީޒަނުގައި ކްލަބާއި ގައުމަށް ކުޅުނު 35 މެޗުގައި 35 ގޯލު ޖަހައިފަ އެވެ.
މި ދެޓީމު ވާދަކުރާ ސެމީގެ ދެ ވަނަ ލެގްގެ މެޗު ޔުވެންޓަސް ދަނޑުގައި ކުޅޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭގެ އަނެއް ދުވަހުގެ ރޭ ނަޕޯލީ އާއި އިންޓަ މިލާން ވާދަކުރާ ސެމީގެ ދެ ވަނަ ލެގް ކުޅޭނެ އެވެ. މިދެޓީމު އިންޓަގެ ދަނޑުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ނަޕޯލީ އެވެ.