"ދެން ކިޔާބަލަ 30 އަހަރޭ"

Advertisement

“ދެން ކިޔާބަލަ 30 އަހަރޭ”

ޢަބްދުﷲ އަޝްރަފް

ރެއަކީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުން ޔަގީނުންވެސް ޖާގަ ހޯދާނެ ރެއެކެވެ. އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކްލަބްކަމަށްވާ ލިވަޕޫލުން ލީގު ޗެމްޕިއަންކަން އަލުން ހޯދުމަށްޓަކައި 30 އަހަރުވަންދެން ކުރި ދިގު އިންތިޒާރު ނިމުމަކަށް އައީ ރޭގަ އެވެ. 1990 ވަނަ އަހަރު އިނގިރޭސި ލީގުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދިފަހުން ފުރަތަމަ ފަހަރަށް ތަށީގައި އަތްލުމުގެ ނަސީބު ލިވަޕޫލަށް ލިބުނީ ރޭ ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗް ސިޓީއަށް ގެއްލުމުންނެވެ. އެއާއެކު ލީގުގައި ބާކީ އޮތް ހުރިހާ މެޗަކުން ލިވަޕޫލް ބަލިވިޔަސް ދެން އެހެން ޓީމަކަށް ލިވަޕޫލާ އަރައި ހަމަ ނުކުރެވޭނެކަން ކަށަވަރު ވީއެވެ.

“ދެން ކިޔާބަލަ 30 އަހަރޭ”، މިއީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކުރުމުން ރޭ ދަންވަރު “ފަހުމިނެޓް” އިން ޝާއިއުކުރި ހަބަރު މި ނޫހުގެ ފޭސްބުކް ޕޭޖްގައި ޕޯސްޓްކުރުމުން ލިވަޕޫލްގެ ސަޕޯޓަރަކު އެ ޕޯސްޓަށް ކޮށްފައިވާ ކޮމެންޓެކެވެ.

ލިވަޕޫލްގެ ސަޕޯޓަރަކު ރޭ މި ނޫހުގެ ޕޯސްޓަށް ކޮށްފައިވާ ކޮމެންޓް. ޗެމްޕިއަން ކަމާއެކު ސަޕޯޓަރުންނަށް ލިބުނީ އާދަޔާހިލާފު އުފާވެރިކަމެއް

ލިވަޕޫލްގެ ވަރަށް ގިނަ އެހެން ސަޕޯޓަރުންވެސް އެގޮތަށް ބުނާނެކަން ޔަގީނެވެ. ކްލަބްތަކުން މުބާރާތްތަކުގައި ނެރޭ ނަތީޖާ އާއި ހޯދާ ކާމިޔާބީ ތަކާ ގުޅޭ ވާހަކަތަކަކީ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ފޯރިއާއެކު އަބަދުވެސް ދެކެވޭ ވާހަކަތަކެކެވެ. ހާއްސަކޮށް ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުގެ ސަޕޯޓަރުންގެ މެދުގަ އެވެ. އެއިން ކްލަބެއް މެޗަކުން ބަލިވެއްޖެ ނަމަ އެ ކްލަބެއްގެ ސަޕޯޓަރުންނަށް އެ ރެއަކު ހަމަ ނިދި ނިދާލަންވެސް އުނދަގޫވާ ފަހަރު އާދެ އެވެ. ކޮންމެހެން ސަޕޯޓްކުރާ ޓީމް ބަލިވުމަކުން ނޫނެވެ. އެހެން ކްލަބްތަކުގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވާ މަލާމާތާއި ފުރައްސާރައިގެ ސަބަބުން ހިތަށް އުނދަގޫވެގެންނެވެ. އިނގިރޭސި ލީގުގެ ތަށްޓާއި ގުޅިގެން ލިވަޕޫލްގެ ސަޕޯޓަރުން މިދިޔަ 30 އަހަރު ތަހައްމަލުކުރަމުން އައީ މިކަމެވެ.

1990 ވަނަ އަހަރުގެ ފަހުން ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކާމިޔާބު ނުކުރެވުނު ނަމަވެސް އެ ޓީމުން ވަނީ މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި އެހެން ހުރިހާ މުބާރާތެއްގެ ތަށި އެކި ފަހަރު މަތިން ހޯދައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ލިވަޕޫލުން އިނގިރޭސި އެފް އޭ ކަޕް ދެ ފަހަރު އަދި އިނގިރޭސި ލީގު ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާއިރު ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ވަނީ އުފުލައިލައިފަ އެވެ. އަދި ހަމަ އެއާއެކު ޔޫއެފާ ސުޕަރ ކަޕް ދެ ފަހަރު ހޯދުމުގެ އިތުރުން ކްލަބް ވޯލްޑް ކަޕްވެސް ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ ހަމަ މިދެންނެވި 30 އަހަރުގެ ތެރޭގަ އެވެ.

ލިވަޕޫލްގެ ސަޕޯޓަރުންތަކެއް ދަނޑު ބޭރުގައި އުފާފާޅުކުރަނީ. ލީގު ޗެމްޕިއަންކަން ހޯދީ އިދިކޮޅު ސަޕޯޓަރުންގެ ފުރައްސާރައާ އެތައް އަހަރަކު ކުރިމަތިލުމަށް ފަހު

އެ ހުރިހާ ކާމިޔާބަކާ އެކުވެސް ލިވަޕޫލްގެ ސަޕޯޓަރުންގެ ދުލުގައި ތަޅުއެޅޭ ކަމަކަށް ހަމައެކަނި އޮތީ އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ނުލިބި ދިގު މުއްދަތެއް ވޭތުވުމެވެ. މީގެ އިތުރުން 1992 ވަނަ އަހަރު ލީގު ރީބްރޭންޑް ކުރި ފަހުން މުބާރާތުގެ ތަށީގައި އަތް ނުލެވި އޮތުމަކީ އެ ކްލަބްގެ ސަޕޯޓަރުންނަށް އެހެން ކްލަބްތަކުގެ ސަޕޯޓަރުންގެ ބުލީކުރުން އަމާޒުވި އެއް ސަބަބެވެ. ކުރިން 18 ތަށި ލިބިފައި އޮތަސް އެހެން ކްލަބްތަކުގެ ސަޕޯޓަރުން ދެކެނީ އެއީ އަންޒަމާންކަރައަށް ވައި އެރި ދުވަސްވަރު ހޯދައިފައިވާ ދެ ވަނަ ދަރަޖައިގެ ތަށިތަކެއް ކަމަށެވެ.

އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން 1990 ވަނަ އަހަރު ހޯދި ފަހުން ރެއާ ހަމައަށް ލީގުގައި 1149 މެޗް އެ ޓީމުން ކުޅެފައިވާ އިރު އަލުން ލީގު ނުހޯދި އޮތީ އެކަމަށް އެ ޓީމުން މަސައްކަތް ނުކޮށްގެނެއް ނޫނެވެ. އޭގެ ފަހުން ކުޅުންތެރިން ގަތުމަށް ލިވަޕޫލުން 1.47 ބިލިއަން ޕައުންޑް ހަރަދުކުރި އެވެ. ދާއިމީ 9 ކޯޗުން ޓީމާއި ހަވާލުވި އެވެ. ފަސް ފަހަރެއްގެ މަތިން ލީގު ހޯދުމާއި ފިޔަވަޅަކާ ގާތަށްވެސް ދިޔަ އެވެ. 2004 ވަނަ އަހަރާއި 2019 ވަނަ އަހަރަކީ އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދެ އަހަރެވެ. 2014 ވަނަ އަހަރު ދެ ޕޮއިންޓްގެ ތަފާތުން ލިވަޕޫލަށް ލީގު ގެއްލުނު އިރު މިދިޔަ ފަހަރު އެ ޓީމަށް ތަށި ނުލިބި ދިޔައީ އެންމެ ޕޮއިންޓެއްގެ ތަފާތުން އެ ޓީމަށް ޓޭބަލްގެ އެއް ވަނަ ގެއްލުމުންނެވެ.

ލިވަޕޫލުން 1990 ވަނަ އަހަރު ކާމިޔާބުކުރި ލީގު ތަށި. ރޭ އެޓީމުން ލީގު ކަށަވަރުކުރީ 30 އަހަރާއި 51 ދުވަހަށް ފަހު

މިފަހަރުގެ ސީޒަން އެހެން ހުރިހާ ފަހަރަކާ ތަފާތެވެ. މި ސީޒަންގައި އެހެން ޓީމްތަކުން ނެރެމުން އައި ނަތީޖާތަކަށްވުރެ ލިވަޕޫލުން ނެރެމުން އައި ނަތީޖާތަށް މާބޮޑެއް ވެސް ތަފާތެވެ. ނަތީޖާ އަކަށްވީ ލީގުގެ މެދަކާ ހިސާބުން، ލިވަޕޫލަށް މިފަހަރު ތަށި ހޯދޭނެކަން ގިނަ ބަޔަކަށް ޔަގީން ކުރެވުމެވެ. އެތައް އަހަރަކަށް ފަހު ލިވަޕޫލުން ހޯދި ތަށި އެ މީހުން ކާމިޔާބުކުރީ ސްޓައިލްގަ އެވެ. ލީގުގައި އެ ޓީމަށް ހަތް މެޗް ބާކީ އޮތްއިރު އެ ޓީމް މިހާރުވެސް އޮތީ 23 ޕޮއިންޓްގެ ލީޑެއްގަ އެވެ. މިހާތަނަށް ކުޅުނު 31 މެޗްގެ ތެރެއިން އެ ޓީމަށް ޕޮއިންޓް އުނިވީ އެންމެ ތިން މެޗްގަ އެވެ. އެކަމަކު މިހުރިހާ ކަމަކާ އެކުވެސް މިފަހަރުގެ ސީޒަންވެސް ލިވަޕޫލަށް ގެއްލިދާނެ ކަމުގެ ހީތަކެއް ކޮންމެވެސް ވަރަކަށް ކުރަން ސަޕޯޓަރުންނަށް މަޖްބޫރުވިއެވެ. ކޮރޯނާވައިރަހާ ގުޅިގެން ލީގުގެ ކުޅުން މާޗް މަހު މެދުކަނޑާލިއިރު ލީގު އަލުން ފެށިދާނެ ކަމާ މެދު އޭރު އޮތީ ސުވާލު އުފެދިފަ އެވެ. އެއާއެކު ސީޒަން ކެންސަލްކޮށް ލިވަޕޫލަށް ތަށި ނުދީފާނެ ކަމުގެ ބިރު އޭރު އޮތެވެ.

ކޮންމެއަކަށް މިހުރިހާ ކަމެއް މިހާރު އެއީ މާޒީ އެވެ. ދިގު ތިރީސް އަހަރަށް ފަހު ލިވަޕޫލުން މިވަނީ ސަޕޯޓަރުންގެ އުއްމީދު ފުރިހަމަކޮށްދީފަ އެވެ. ފަހްރުވެރިކަމާއެކު އިސް އުފުލާލެވޭނެ ފުރުސަތު އެ ކްލަބުން ސަޕޯޓަރުންނަށް މިވަނީ ހޯދައިދީފަ އެވެ. މިހާރު އެމީހުންގެ ދުއާ އަކަށް ވާނީ މިވަރުގެ އިންތިޒާރެއް ދެވަނަ ފަހަރަށް އަލުން ކުރަން ނުޖެހުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *