ލިވަޕޫލް ބަލިކޮށް އާސެނަލް އިން ލީގު ރޭސް ތަންމިނަށް ހުޅުވާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން އަމިއްލަ ދަނޑުގައި 1-3 އިން ލިވަޕޫލް ބަލިކޮށްފި އެވެ.
ލީގު އެއް ވަނައިގައި އޮތް ލިވަޕޫލް ބަލިވުމުން މި ސީޒަނުގެ ލީގު ރޭހުގައި ވާދަކުރާ ޓީމުތަކަށް ވަނީ ފަހި ފުރުސަތެއް ހުޅުވިފަ އެވެ.
ލީގު އެއް ވަނައިގައި މިހާރު ލިވަޕޫލް އޮތީ 23 މެޗުން ލިބުނު 51 ޕޮއިންޓާ އެކު އެވެ. މޮޅާ އެކު އާސެނަލް ވަނީ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމަށް 23 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ލީގުގެ ތިން ވަނައިގައި އޮތީ 46 ޕޮއިންޓް ލިބިފައިވާ މެންޗެސްޓާ ސިޓީ އެވެ. ސިޓީ އެ މަގާމްގައި އޮތީ ލިވަޕޫލް އާއި އާސެނަލަށް ވުރެ ދެ މެޗު މަދުން ކުޅެގެންނެވެ.
ލީގުގައި މާދަމާ ރޭ ސިޓީ ރަށުން ބޭރުގައި ނުކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖެހީ އާސެނަލްގެ ބުކަޔޯ ސަކާ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިވަޕޫލުން ނަތީޖާ ހަމަހަމަކުރީ އާސެނަލްގެ ގެބްރިއަލް މަގަޅޭސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެ ގޯލު ވަނީ އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލިބާ އަށް ހެދުނު ގޯހަކުންނެވެ.
ދެ ވަނަ ހާފުގައި އާސެނަލުން ވަނީ މޮޅަށް ކުޅެ އިތުރު ދެ ގޯލު ޖަހައިފަ އެވެ. ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކާއި ގޯލްކީޕަރު އެލިސަން ބެކާ އެކުވެގެން ހެދުނު ގޯހެއްގެ ފައިދާ ނަގައި އާސެނަލަށް ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ ގެބްރިއަލް މާޓިނެލީ އެވެ.
އާސެނަލްގެ ފަހު ގޯލު ޖެހީ ބެންޗުން ކުޅެން ލިއަންޑްރޯ ޓްރޮސާޑް އެވެ.
މެޗުގެ ފަހުކޮޅު ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމަ ކޮނާޓޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
އާސެނަލުން ހޯދި މުހިއްމު މޮޅާ އެކު މިވަގުތު ލީގު ރޭހުގައި ތިން ޓީމެއް އަންނަނީ ގާތުން ވާދަކުރަމުންނެވެ.
Advertisement


Leave a Reply