ވެލެންސިއާ އަލުން އެއް ވަނަ ޑިވިޝަނަށް

Advertisement

ވެލެންސިއާ އަލުން އެއް ވަނަ ޑިވިޝަނަށް

ޢަލީ ޝަހީމް
މިރޭގެ މެޗަށް ނުކުތް ވެލެންސިއާ ޓީމް. ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު އެޓީމު ވަނީ އަލުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފަ. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ވާދަވެރި ކުޅުމަކަށް ފަހު 3-2 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށް ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ކްލަބް ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިން ފުރުސަތު ހޯދައިފި އެވެ. މި ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެޓީމަށް ފުރަތަމަ ޑިވިޝަނުގެ ސީދާ ޖާގަ ލިބޭއިރު ވެލެންސިއާގެ އިތުރުން މިއަދުގެ ފުރަތަމަ ސެމީ ކާމިޔާބުކުރި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އަށް ވެސް ވަނީ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ.

މި ދެޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ އެ ޑިވިޝަނުގައި ހިމެނުނު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސަސްޕެންޑް ކުރުމުންނެވެ. މާލީ މައްސަލަތަކާ ހެދި ނިއު އަށް ސަސްޕެންޝަނެއް އައިސްފައިވަނީ މިދިޔަ އަހަރު އެވެ. ވިކްޓްރީ ސަސްޕެންޑް ކުރީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުންނެވެ. މި ދެ ކްލަބް ސަސްޕެންޝަން އުވާލިޔަސް އަންނަ ސީޒަނުގައި ވާދަކުރާނީ ދެ ވަނަ ޑިވިޝަނުގަ އެވެ. އެހެންވެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާން ކުޅޭ ޕްލޭ އޮފް ބުރު މި ސީޒަނުގައި ނޯންނާނެ އެވެ.

ވިކްޓްރީ އަށް ލޯކަލް ލައިސަންސިންގެ ލިޔެކިއުންތައް އަދިވެސް ނިންމިފައިނުވާއިރު މި ސީޒަނުގައި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ވެސް އެބައޮތެވެ. އަނެއްކޮޅުން އެފްއޭއެމްގެ ސަސްޕެންޝަނުގައި އޮއްވައި ފީފާއިން ވަނީ ކުޅުންތެރިން ނުގެނެވޭ ގޮތަށް ނިއު ސަސްޕެންޑްކޮށްފަ އެވެ. ފީފާއިން ނިއުއަށް ފުރަތަމަ އިންޒާރުދިނީ އެ ކްލަބުގެ ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒަށް ދޭންޖެހޭ ފައިސާ ދެއްކުމަށެވެ. އަދި ވަކި މުހުލަތެއް ދިނުމަށް ފަހު އެ ފައިސާ ނުދައްކައިފި ނަމަ އިތުރު އެންގުމެއް ނެތި ކުޅުންތެރިން ނުގެނެވޭ ގޮތަށް ނިއު ސަސްޕެންޑް ވާނެކަމަށް ފީފާއިން ވަނީ އަންގައިފަ އެވެ. ފީފާއިން ދިން މުއްދަތުގައި ނިއު އިން ޓަވަރޭޒަށް އެ ފައިސާ ދައްކައި ހަލާސްކޮށްފައެއްނުވެ އެވެ.

ނިއު އާއި ވިކްޓްރީގެ ސަސްޕެންޝަން ކުރިއަށް އޮތް އެފްއޭއެމްގެ ކޮންގްރެސްގައި އުވާލިޔަސް އަންނަ ސީޒަނުގައި ކުޅޭނީ ދެ ވަނަ ޑިވިޝަނުގައިކަން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ. ނިއު އާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވިއިރު ނިއުގެ ސަޕޯޓަރުން މިހާރު އަންނަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް އެޓީމު އަލުން ގެންނަން މަސައްކަތް ކުރަމުންނެވެ.

މެޗަށް ނުކުތް ޖޭޖޭ ސްޕޯޓްސްގެ ޓީމުގައި މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) ހިމަނާފައެއްނުވެ އެވެ. ހާއްޕެ މިވަގުތުވީ އަތޮޅު ތެރޭގައި އޮންނަ ފުޓްސަލް މުބާރާތެއްގައި ކުޅުމަށް މާލޭން ބޭރުގަ އެވެ. މެޗުގެ ފުރަތަމަ ގޯލު 17 ވަނަ މިނެޓުގައި ޖެހީ ޖޭޖޭ ސްޕޯޓްސްގެ އަލީ ނާފިއު އެވެ. މެދުތެރެއިން އަހުމަދު އައިހަމް ދިން ބޯޅަ ހިފައިގެން ގޮސް ނާފިއު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލީ ތިރިތިރިންނެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ވެލެންސިއާ އަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. ކުރިން ގައުމީ ޓީމަށް ވެސް ކުޅުނު ބޮކުރީ ފޮނުވާލީ ހިލޭ ޖެހުން ވަނީ ގޯލުގެ ތިރީ ކަނަށެވެ.

ދެ ވަނަ ހާފުގައި ވެލެންސިއާގެ ދެ ގޯލު ވެސް ޖަހައިދިނީ ބިދޭސީ ފޯވާޑް ސަމުއެލް ޑެޑީ އެވެ. 67 ވަނަ މިނެޓުގައި ޑެޑީ ފުރަތަމަ ގޯލު ޖެހީ ހުރަހަކުން ބޮލުންނެވެ. އެޓީމަށް ލީޑު ފުޅާކޮށްދިން ގޯލު ޑެޑީ ޖެހީ އޭރިޔާ ތެރޭ ހުހަށް ހުރެ ފަސޭހަކަމާއެކު އެވެ. މި ގޯލު ޖެހިއިރު ވެލެންސިއާގެ ކުޅުންތެރިއަކު އޮފްސައިޑުގައި ހުރިކަމަށް ޖޭޖޭ ސްޕޯޓްސް އިން ވަނީ އެޕީލްކޮށްފަ އެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ޖޭޖޭ ސްޕޯޓްސްގެ ނާފިއު ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ނާފިއު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލީ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާން އަތުގައި ޖެހިފައި ބޯޅަ ވެއްޓުނު ވަގުތު އެވެ. މެޗުގެ ބާކީ ބައިގައި ޖޭޖޭ ސްޕޯޓްސް އިން ވަނީ މުޅި ޓީމު ކުރިއަށް ޖެހި އިތުރު ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ.

2018 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ވެލެންސިއާ ރެލިގޭޓްވުމުން އެޓީމު މި ސީޒަނުގެ ދެ ވަނަ ޑިވިޝަނާ ކުރިމަތިލީ ވަރުގަދަ ޓީމެއް އެކުލަވާލައިގެންނެވެ. ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްގަނީގެ ކޯޗުކަމުގައި ޖޭޖޭ ސްޕޯޓްސް ވެސް މި ސީޒަނުގައި ނުކުތީ ވަރުގަދަ ސްކޮޑަކާއެކު އެވެ. އެޓީމުގައި ނޭޕާލް ގައުމީ ޓީމުގެ ފޯވާޑެއްގެ އިތުރުން އެގައުމުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރު ވެސް ވަނީ ހިމަނައިފަ އެވެ. 2018 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް އެރުމުގެ ފުރުސަތު ޖޭޖޭ ސްޕޯޓްސް އަށް ގެއްލުނީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވުމުންނެވެ.

މުބާރާތުގެ ފައިނަލުގައި ސުޕަރ ޔުނައިޓެޑާއި ވެލެންސިއާ ވާދަކުރާ މެޗު ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *