މަހުލޫފް ހިންގެވި ޔޫތު މިނިސްޓްރީ އަށް ވެލެންސިއާގެ ބޮޑެތި ތުހުމަތުތަކެއް

Advertisement

މަހުލޫފް ހިންގެވި ޔޫތު މިނިސްޓްރީ އަށް ވެލެންސިއާގެ ބޮޑެތި ތުހުމަތުތަކެއް

ފަހުމިނެޓް
މިނިސްޓަރު މަހުލޫފް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު

މިހާރު ނިމެންމިދާ ރިޔާސީ ދައުރުގައި، މިނިސްޓަރ އަހުމަދު މަހުލޫފް ހިންގެވި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓަށް ކްލަބް ވެލެންސިއާ އިން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

ދިވެހި ފުޓްބޯޅަ ހުއްޓިފައިވާ މި ދަނޑިވަޅުގައި މާލީ މައްސަލަތަކާއި ހެދި ވެލެންސިއާ ވަނީ ދިވެހި ޕްރިމިއާ ލީގުގައި ބާކީ މެޗުތައް ނުކުޅެން ނިންމައިފަ އެވެ. އެ ކްލަބް ސީޒަނުގެ ބާކީ ބައިގައި ދިވެހި ޕްރިމިއާ ލީގުގައި ވާދަނުކުރާނެކަން ރަސްމީކޮށް މިއަދު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ވަނީ އަންގައިފަ އެވެ.

Advertisement

ވެލެންސިއާގެ ބަޔާނުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.

ރައީސް ދެއްވަން ނިންމެވި އެއް މިލިއަން ނުލިބޭ

ވެލެންސިއާގެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ އޮގަސްޓް މަހު ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވަން ނިންމެވި އެއްމިލިއަން ރުފިޔާ އެ ކްލަބަށް ނުލިބޭ ކަމަށެވެ. އެ ފައިސާ ދިނުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އިން އުޒުރުވެރިވެ ވެލެންސިއާ އަށް މިއަހަރުގެ އޮކްޓޫބަރު 03 ވަނަ ދުވަހު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އިން ވަނީ ސިޓީ ފޮނުވައިފަ އެވެ.

ލީގު މެޗެއްގައި ވެލެންސިއާގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނީ. އެ ކްލަބުން ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި. ފޮޓޯ: އެފްއޭއެމް

މިނިސްޓްރީގެ ސިޓީއާ ހަވާލާދީ ވެލެންސިއާ އިން ބުނީ ބައެއް ކްލަބްތަކަށް އެ ފައިސާ ޖަމާކުރިކަމަށް މިނިސްޓްރީ އިން ބުނި ކަމަށާއި، އެކަމަކު ބަޖެޓުގެ ތާށިކަން ހުރުމުން ވެލެންސިއާ އަށް ޖަމާކޮށްދިނީ 250،000 ރުފިޔާ ކަމަށެވެ.

“ފައިސާ ހޯދުމަށް އިތުރަށް މި ކްލަބުން ކުރި އެއްވެސް މަސައްކަތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ލިބިފައެއްނުވޭ. އަދި ކޮންމެ ކްލަބަކަށް ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ތައްޔާރުވާން އެހީއެއްގެ ގޮތުން ދެމުން އަންނަ ފައިސާ ވެސް މިނިސްޓްރީ އިން މި ކްލަބަށް ދީފައެއްނުވޭ” މިދިޔަ ފަސް އަހަރުތެރޭ ކުޅިވަރު ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގި މިނިސްޓްރީ އަށް ތުހުމަތުކޮށް ވެލެންސިއާ އިން ބުނެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްމިލިއަން ރުފިޔާ ލިބުނީ މާޒިޔާ، އީގަލްސް، ބުރު ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. ލީގުގައި ދެން ވާދަކުރާ ވެލެންސިއާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބާއި އާއި ޔުނައިޓެޑް ވިކްޓްރީގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އަށް ދިނީ 25،000 ރުފިޔާ އެވެ.

ގައުމީ ޗެމްޕިއަން ފައިސާ ނުލިބޭ، އެކަމަކު މާޒިޔާ އަށް ލިބުނު

މާލީ މައްސަލަތަކާއި ހެދި އަޑިއަޅާލުމަށް ފަހު އެނބުރި އައިސް ވެލެންސިއާ އިން ވަނީ 2022 ވަނަ އަހަރުގެ ޕްރެޒިޑެންޑްސް ކަޕް ކާމިޔާބު ކޮށްފަ އެވެ. ރ. އަލިފުށީގައި ކުޅުނު އެ ފައިނަލް ކާމިޔާބުކުރީ މާޒިޔާއާ ވާދަކޮށެވެ. އެކަމަކު އެ މެޗުން ލިބެންޖެހޭ ފައިސާ ވެސް ނުލިބޭ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. އެގޮތުން ޗެމްޕިއަން ޓީމަށް ލިބެންޖެހޭ ފަސް ލައްކަ ރުފިޔާ ނުލިބޭކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ވެލެންސިއާ އިން ބުނީ އެކަމާ ގުޅިގެން މިނިސްޓްރީ އަށް ފޮނުވި ސިޓީ އަށް ޖަވާބު ނުލިބޭއިރު މިއަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި މާޒިޔާ އަށް ފައިސާއާ އެކު އެއް މިލިއަން ރުފިޔާ މިނިސްޓްރީ އިން ދީފައިވާ ކަމަށެވެ.

“މިހެންވެ ކްލަބްތަކަށް ފައިސާ ދިނުމުގައި މިނިސްޓްރީ އިން ތަފާތުކުރުން ގެންގުޅޭ ކަމަށް މި ކްލަބަށް ވަނީ ޔޫތު މިނިސްޓްރީ އިން ފޮނުވި ސިޓީ އިން ވެސް ކަށަވަރުވެފަ” ވެލެންސިއާގެ ބަޔާނުގައިވެ އެވެ.

ވެލެންސިއާ އިން ގައުމީ ތަށި އުފުލާލަނީ. ޗެމްޕިއަން ޓީމަށް ކަނޑައެޅި ފަސް ލައްކަ ވެލެންސިއާ އަށް އަދި ނުލިބޭ. ފޮޓޯ: އެފްއޭއެމް

“އޭއެފްސީ ކަޕަށް ނުދެވުނީ މިނިސްޓްރީ ފަރުވާކުޑަވުމުން”  

ވެލެންސިއާގެ ބަޔާނުގައި ބުނީ، މިދިޔަ އަހަރު އެ ކްލަބް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އެގައުމުގައި ކުޅެން އޮތް މެޗަށް ނުދެވުމުގައި ޔޫތު އެންޑް މިނިސްޓްރީގެ އިހުމާލު ބޮޑު ކަމަށެވެ.

“މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކުޅުމަށް މި ކްލަބަށް އެހީތެރިވެދިނުމުގައި ވެސް މިނިސްޓްރީ އިން އަމަލުކޮށްފައިވަނީ ވަރަށް ފަރުވާކުޑަ އުސޫލަކުންކަން ފާހަގަކުރަން” މިނިސްޓްރީ އަށް ތުހުމަތުކޮށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭއެފްސީ ކަޕް މެޗަށް ވެލެންސިއާ އަށް ބަންގްލަދޭޝް އަށް ނުދެވުނީ މާލީ ބައެއް ކަންކަން ހަމަނުޖެހުމުންނެވެ. އޭގެތެރޭގައި ޓިކެޓް ފަހު ވަގުތު ހަމަޖެހުނު ނަމަވެސް ހުރުމާއި ކެއުމުގެ އިންތިޒާމުތައް ހަމަނުޖެހުމާއި އެހެނިހެން ކަންކަމަށް ހަރަދުކުރަންޖެހޭ ފައިސާ ހަމަނުޖެހުން ހިމެނެ އެވެ. ވެލެންސިއާ އިން ބުނީ މެޗަށް ދިއުމަށް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށެވެ.

ވެލެންސިއާގެ ބުނުމަށް ރައްދުދީ މިނިސްޓްރީ އިން އޭޕްރީލް މަހު ނެރުނު ބަޔާނުގައި ބުނީ ވެލެންސިއާ އިން އެދުނު ގޮތަށް އެ މެޗުގެ ކަންކަމަށް ފައިސާ ހަމަޖައްސައިދިން ކަމަށާއި އެކަމަކު އޭރު އެ ކްލަބުގެ ބޭންކް އެކައުންޓެއް ނެތް ކަމަށެވެ. ފަހުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އިން ބެލީ އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރުމަށެވެ. އެކަމަކު އެއިން އެއްވެސް އެކައުންޓަކަށް ފައިސާ ޖަމާނުކޮށް ފަހުވަގުތު ޓިކެޓް ނެގީ މިނިސްޓްރީ އިންނެވެ. މިނިސްޓްރީ އިން ޓިކެޓް ނަގާފައިވަނިކޮށް ވެލެންސިއާ މެޗަށް ނުދިއުމުން މިނިސްޓްރީގެ ނުރުހުން އެ ކްލަބަށް އަމާޒުވި އެވެ.

އެ މައްސަލައިގައި ޔޫތު މިނިސްޓްރީ އިން ބުނީ ކުރިއަށް އޮތްތަނުގައި ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް މިނިސްޓްރީ އިން ދޫކުރާ ފައިސާގެ ތެރެއިން ވެލެންސިއާ އަށް ދޭންޖެހޭ ފައިސާ ދޭނީ ޓިކެޓަށްވާ ފައިސާ އުނިކޮށްފައި ކަމަށެވެ.

ވެލެންސިއާގެ ބަޔާނާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ބަހެއް އަދި އާއްމުކޮށްފައެއްނުވެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ގާތްގަނޑަކަށް ތިން މަހެއްހާ ދުވަހުގެ މުއްދަތަކަށް މެދުކެނޑިފައި އޮތުމަށް ފަހު މާދަމާ މެޗުތައް އަލުން ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާ ހަވީރު ކުޅޭނީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ އެވެ.

އާ ޝެޑިއުލް އާއްމުކުރިއިރު ވެލެންސިއާގެ މެޗުތަކެއް ނެތެވެ. ވެލެންސިއާގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް ވެސް ލީގުން ވަކިވާން ނިންމާފައިވާކަން ވަނީ އެނގިފަ އެވެ. އެކަމަކު އެ ކްލަބުން ރަސްމީކޮށް އެކަން އަދި އާއްމުކޮށްފައެއްނުވެ އެވެ.

ލީގުގެ ކުޅުން އަލުން ފަށާއިރު ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު އަންނަނީ އެފްއޭއެމްއާ ދެކޮޅަށް ޖިނާއީ ތުހުމަތުތަކެއް ކޮށް ތަހުގީގު ހިންގަމުންނެވެ. އެފްއޭއެމް އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި ވީނަމަވެސް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *