ފުރަތަމަ ސަފްޙާ / ޚަބަރު / މޮރީނިއޯ އާއެކު ޔުނައިޓެޑް 29 އަހަރު ފަހަތަށް

މޮރީނިއޯ އާއެކު ޔުނައިޓެޑް 29 އަހަރު ފަހަތަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 29 ސެޕްޓެމްބަރު 2018

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު، 17 ވަނައިގައި އޮތް ވެސްޓްހޭމް ޔުނައިޓެޑް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ވެސްޓްހޭމް އަތުން 3-1 އިން ބަލިވިއިރު، ޔުނައިޓެޑަށް ލިބިފައިވަނީ ކުޅުނު ހަތް މެޗުން 10 ޕޮއިންޓެވެ. ޑޭވިޑް މޮޔެސް އާއެކު ޔުނައިޓެޑުން 2013/2014 ގެ ސީޒަނުގައިވެސް ފުރަތަމަ ހަތް މެޗުން ހަމަ އެއަދަދަށް ޕޮއިންޓް ލިބުނުއިރު، ފައިދާ ގޯލުގެ ތަފާތަށް ބަލާނަމަ މިއީ 1989/1990 ގެ ސީޒަނަށްފަހު ލީގުގައި ޔުނައިޓެޑުގެ އެންމެ ދަށް ފެށުމެވެ. އެފަހަރު ޔުނައިޓެޑުން ފުރަތަމަ ހަތް މެޗުގައި ލިބުނީ 7 ޕޮއިންޓެވެ.

ލީގުގައި މިސީޒަނުގައި މިއަދު ވެސްޓްހޭމް އިން ޔުނައިޓެޑާ ކުރިމަތިލީ އެންމެ މޮޅަކާއެކުއެވެ. އެޓީމުން މެޗު ފެށީ ފަސްވަނަ މިނިޓުގައި ޒަބަލޭޓާ ނަގައިދިން ހުރަހެއްގެ ބޭނުންހިފައި، ކުލަބް ރެކޯޑަކަށް މިސީޒަނުގައި ގެނައި ފެލިޕޭ އެންޑަރސަން ޖެހި ހިތްގައިމު ގޯލުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓްހޭމް އިން ލީޑު ފުޅާކުރީ އެޓީމުގެ އަންޑްރޭ ޔަރމަލެންކޯ ގޯލަށް ފޮނުވާލި ބޯޅައެއް ޔުނައިޓެޑުގެ ވިކްޓަރ ލިންޑެލޯފްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލާއެކުއެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުގެ ރަޝްފޯޑް ގޯލެއް ޖަހައި އެޓީމަށް އުންމީދު ހޯދައިދިން ނަމަވެސް، އޭގެ ތިން މިނިޓު ފަހުން އާނޮޓޮވިޗް ވަނީ ވެސްޓްހޭމްގެ ތިންވަނަ ގޯލު ޖަހައިދީފައެވެ.

މިމެޗުގެ ކުރިން ވެސްޓްހޭމްއިން ވަނީ ލީގުގައި ޗެލްސީއާ އެއްވަރުކޮށް، އެޓީމުން މިސީޒަނުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށްވެސް ނިމުމެއް ގެނެސްފައެވެ. މިއަދު އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން ހޯދި މޮޅާއެކު އެޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ހަތް ޕޮއިންޓް ހޯދާފައެވެ.

ލީގުގައި ދެން ވެސްޓްހޭމް ރަށުން ބޭރުގައި ބްރައިޓަން އާ ބައްދަލުކުރާއިރު ޔުނައިޓެޑް ނުކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ. މި ދެމެޗުވެސް ކުޅުމަށް ތާވަލުކުރެވިފައިވަނީ އަންނަ ހޮނިހިރު ދުވަހަށެވެ. އޭގެ ކުރިން އަންނަ އަންގާރަ ދުވަހުގެރޭ ޔުނައިޓެޑުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ވެލެންސިއާ އާދެކޮޅަށް ނުކުންނާނެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!